ކިތަންމެ މަދުން ކެނަބިސް ބޭނުންކުރިޔަސް އެކަމުގެ ސަބަބުން ނަފްސާނީ ބައްޔަށް ވަރަށް ބޮޑަށް ހުށަހެޅޭ ކަމަށް ދިރާސާއަކުން ވަނީ ދައްކާފައި.
22 މެއި 2023 - 08:15
ދެވި ހިފާފައިވާ މީހެއް ކަމަށް ނުބުނެވޭ ވަރަށް، މަދުމަދުން ކެނަބިސް ބޭނުންކުރާ ފުރާވަރުގެ ކުދިންނާއި ޒުވާނުން ވެސް ނަފްސާނީ ބައްޔަށް ހުށަހެޅުމުގެ ފުރުސަތު އެ ބޭނުން ނުކުރާ ކުދިންނާ އަޅާބަލާއިރު އެތައް ގުނައެއް އިތުރު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ޖާނަލް އޮފް ދި އެމެރިކަން މެޑިކަލް އެސޯސިއޭޝަންގައި ޝާއިއުކޮށްފައިވާ، ފުރާވަރުގެ 68،000 އަށް ވުރެ ގިނަ ކުދިން ބައިވެރިކޮށްގެން ކުރި ދިރާސާއިން އެނގިފައިވާ ގޮތުގައި ކެނަބިސް ބޭނުންކުރާ ޒުވާނުންނަށް ޑިޕްރެޝަން ކުރިމަތިވުމާއި އަމިއްލައަށް މަރުވުމުގެ ޚިޔާލުތައް އައުން ފަދަ ކަންކަން ކުރިމަތިވުމުގެ ފުރުސަތު އެހެން މީހުންނާ އަޅާބަލާއިރު 2-3 ގުނަ އިތުރެވެ.
ދިރާސާގައި ބުނެފައިވަނީ ކެނަބިސް ބޭނުންކުރުން ހުއްޓާލަން އުނދަގޫވާ ހާލަތުގައި ތިބި ކުދިންނަށް ނަފްސާނީ މި މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ހަތަރު ގުނަ ބޮޑު ކަމަށެވެ.
މީގެ އިތުރުން، ކެނަބިސް ބޭނުންކުރާ ކުދިންގެ މެދުގައި، ކިޔެވުން ދަށްވުމާއި ސްކޫލަށް ނުދާ ދުވަސްތައް ގިނަވުމާއި ކުށަށް އަރައިގަތުން ފަދަ ކަންކަން ވެސް ގިނަ އެވެ.
"ކެނަބިސް ބޭނުންކުރުމަކީ ރައްކާތެރި އަދި އާދައިގެ ކަމެއްގެ ގޮތުގައި ދެއްކުން މި ދަނީ އާންމުވަމުން. އެއީ ހަމަ ކަނޑައެޅިގެން ދޮގެއް،" ދިރާސާގައި އިސްކޮށް ހުންނެވި ކޮލަމްބިއާ ޔުނިވަސިޓީގެ ޕްރޮފެސަ އޮފް ކްލިނިކަލް ސައިކޭޓްރީ ރަޔަން ސުލްތާން ވިދާޅުވި އެވެ.
ކުޑަކުދިންގެ ސައިކޭޓްރިސްޓެއް ކަމަށްވާ ސުލްތާން މި ދިރާސާއާ ބެހޭ ގޮތުން "ޔަހޫ ލައިފް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ "މަޖަލަކަށް" ދޭތެރެދޭތެރެއިން ކެނަބިސް ބޭނުންކުރިޔަސް އެކަމުގެ ސަބަބުން ނަފްސާނީ މައްސަލަތައް ބޮޑުވެގެންދާ މިންވަރުން އޭނާއަށް ވެސް ހައިރާންކަން ލިބިވަޑައިގެންނެވި ކަމަށެވެ.
"މިހާތަނަށް ވިސްނިފައި އޮންނަނީ މިހެން ދޭތެރެއަކުން މި ބޭނުންކޮށްލިޔަސް ނުރައްކަލެއް އަދި ކަންބޮޑުވުމެއް ނެތް ކަމަށް،" އޭނާ ވިދާޅުވި އެވެ.
މި ދިރާސާގައި ކެނަބިސް އިން ނަފްސާނީ މައްސަލައަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވާ ސަބަބެއް ހޯދައިފައެއް ނުވެ އެވެ.
"މި ވާގޮތަކީ، ކެނަބިސް ގިނައިން ބޭނުންކުރި ވަރަކަށް ވިސްނުމަށް ކުރާ ނޭދެވޭ އަސަރު ވެސް ދާނީ ގޯސްވަމުން. އެއީ ކަމަށް ވެދާނެ އަމިއްލައަށް މަރުވުމުގެ ޚިޔާލު ކެނަބިސްގެ ސަބަބުން އިތުރުވާ ސަބަބަކީ."
ސުލްތާން ވިދާޅުވީ ކެނަބިސް އަކީ އާދައިގެ އެއްޗެއްގެ ގޮތުގައި ބަޔަކު ކުދިންނަށް ވިސްނައިދޭން މަސައްކަތްކުރާ ކަމަށާއި މިއީ ކަންބޮޑުވާންޖެހޭ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި މިއީ މައިންބަފައިން ވެސް ކުދިންނަށް މި ކަންކަން ކިޔައިދީ ހޭލުންތެރިކަން އުފައްދަން ޖެހިފައިވާ އިޖުތިމާއީ މައްސަލައެއް ކަމަށް ވިދާޅުވި އެވެ. -- ވެބްއެމްޑީ
Copyright © 2023 Mihaaru · Terms and Conditions · Privacy Policy