މިނިކާވަގު ޒަންގް އަށް ހަމަލާދެނީ
31 ޖެނުއަރީ 2017 - 06:36
ޗައިނާގެ އިރުމަތީ ސަރަހައްދުގައި އޮންނަ ޒުލަކަށް އާއިލާއާ އެކު ދިޔަ މީހަކަށް މިނިކާވަކެއް ހަމަލާދީ މަރާލައިފި އެވެ. ނިގަންބޯ ސިޓީގެ ޔޮންގޯ ޒުލުގައި މި ހާދިސާ ހިނގުމުން އެ ސަރަހައްދުގެ ފުލުހުން ގޮސް އެ މިނިކާވަގުގެ ގަޔަށް ބަޑިޖަހައި ވަނީ މަރާލާފަ އެވެ. މިނިކާވަގު ހަމަލާދިން މީހާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އޭރުވެސް އޮތީ މަރުވެފަ އެވެ.
ޒޫ ބަލަހައްޓާ މީހުން ބުނި ގޮތުގައި މަރުވި މީހާ އަކީ ޓިކެޓް ނުގަނެ، ފާރުމަތިން އަރައިގެން އެތެރެއަށް ފޭބި މީހެކެވެ. އެމީހާއަށް ފޭބުނީ މިނިކާވަގުތައް ތިބޭ ތަނަށެވެ. މިނިކާވަގު އެ މީހާ އަށް ހަމަލާދީ މަރާލީ އޭނާގެ ދަރިންނަށާއި އަނބިމީހާ ވެސް ބަލަން ތިއްބަ އެވެ.
މި ހާދިސާއާ ގުޅިގެން ޒޫ ވަނީ ބަންދުކޮށްފަ އެވެ.
މެންދުރު ވަގުތު މި ހާދިސާ ހިނގި އިރު ޒުލުގައި ތިބި މީހުން ވަނީ ހާދިސާ ހިނގި އިރު އެ މަންޒަރުތައް ފޯނަށް ރެކޯޑްކޮށްފަ އެވެ.
ނޫކުލައިގެ ހެދުމަކާއި ކަޅު ފަޓުލޫނެއް ލައިގެން ހުރި މި މީހާ ވެއްޓިފައި އޮތް އިރު މިނިކާވަގު އޮތީ އެ މީހާގެ ކަރާއި ބޮލުގައި ހިފައިގެންނެވެ. އަދި ކައިރީގައި އިތުރު ދެ މިނިކާވަގު ވެސް އުޅުނެވެ. އޭރު އެ މީހާ ދިޔައީ ހަޅޭއްލަވަމުންނެވެ. ބަޑިޖަހަން ފެށުމުން ދެ މިނިކާވަގު ދުވެ ފިލި ނަމަވެސް ދަތް އަޅައިގެން އޮތް މިނިކާވަގު އޮތީ އެވެ.
މިދިޔަ އަހަރުވެސް ބެއިޖިންގެ ވައިލްޑްލައިފް ޕާކެއްގައި މިނިކާވަގެއް އަންހެނަކަށް ހަމަލާދީ މަރާލާފައިވެ އެވެ. އެ ފަހަރު މިނިކާވަގަށް ހަމަލާ ދެވުނީ އަންހެންމީހާ ކާރުން ފޭބުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy