ފަސް މީހެއްގެ ގައިން އެޗްއައިވީ ވައިރަސް ނައްތާލެވިއްޖެ

އެޗްއައިވީއަށް އަލަށް ޓެސްޓްކުރި ވެކްސިނެއް ދިން ފަސް މީހެއްގެ ހަށިގަނޑުގައި އެ ވައިރަސް ނައްތާލެވިއްޖެ އެވެ. މިއީ އެއިޑްސް އިން ދިފާއުވުމަށް ކޮންމެ ދުވަހަކު ބޭސް ކާން ނުޖެހި އެ ބަލިން ދިފާއު ވެވޭނެ ކަމުގެ އުންމީދު އިތުރުވި ނަތީޖާއެކެވެ.


ސްޕެއިންގެ ބާސެލޯނާގެ އިރްސީކައިޒާ އެއިޑްސް ރިސާޗް އިންސްޓިޓިއުޓްގައި ސައިންސްވެރިން ވަނީ އެޗްއައިވީއަށް އީޖާދުކުރި ދެ ވައްތަރެއްގެ ވެކްސިނަކާއި ކެންސަރަށް އާންމުކޮށް ބޭނުންކުރާ ބޭހެއް އެއްކޮށްގެން ތިން އަހަރު މި ޓްރަޔަލް ކުރިޔަށް ގެންގޮސްފަ އެވެ.

ނިއު ސައިންޓިސްޓްގައި ބުނީ މި ޓްރަޔަލްގައި ފަރުވާ ދިން 24 މީހުންގެ ތެރެއިން ފަސް މީހެއްގެ ގައިން އެއްގޮތަކަށް ވެސް މި ވައިރަސް މިހާރު ނުފެންނަ ކަމަށެވެ. އެ މީހުންގެ ދިފާއީ ނިޒާމުން ވަނީ މި ވައިރަސް ފެތުރުން މުޅިން ހުއްޓުވާފަ އެވެ. އަދި މީގެ ތެރެއިން އެކަކު މިހާރު އެއްވެސް ބޭހެއް ބޭނުން ނުކުރާތާ ވެސް ހަތް މަސް ދުވަސް ވެއްޖެ އެވެ.

މި ދިރާސާގައި އިސްކޮށް އުޅުއްވާ ސައިންޓިސްޓް ބީޓްރީޒް މޯތޭ ވިދާޅުވީ އެޗްއައިވީ ވައިރަސް ހުންނަ މީހުންނަށް މިހާރު ކޮންމެ ދުވަހަކު ބޭނުންކުރަން ޖެހޭ އެންޓިރެޓްރޯވައިރަލް މެޑިކޭޝަން (އޭއާރްޓީ)ގެ ބަދަލުގައި ދޭން ރަނގަޅު ފަރުވާއެއް ތަރައްގީކުރުމުގައި އޭނާގެ ޓީމަށް މި "ދަތުރުކުރެވެނީ ރަނގަޅު މަގުން" ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އދ. އިން ބުނާ ގޮތުގައި އެޗްއައިވީ ޖެހިފައިވާ 18 މިލިއަން މީހުން ތިބިއިރު އޭގެ ދެ ބައިކުޅަ އެއްބައި މީހުން އިންފެކްޝަން ފެތުރުން ލަސްކުރުމަށް އޭއާރުޓީ ފަރުވާ ބޭނުންކުރެ އެވެ.

އެޗްއައިވީ ވައިރަސް އިންނަ ގޮތް ބިއްލޫރިން ތައްޔާރުކޮށްފައި

ނަމަވެސް މި ބޭސްތަކަކީ އަގުބޮޑުވެފައި ބޭހާ ނުގުޅިގެން ދިމާވާ ވަރަށް ގިނަ މައްސަލަތައް، ބޭސް ބޭނުންކުރާ މީހުންނަށް ކުރިމަތިވާ އެއްޗެކެވެ.

އެއިޑްސް ވެކްސިން އެޑްވޮކަސީ ކޯލިޝަން (އެވެކް)ގެ އެގްޒެކެޓިވް ޑައިރެކްޓަރު މިޗެލް ވޮރެން ވިދާޅުވީ މި ދިރާސާއަކީ ވަރަށް މަދު ބައެއްގެ މެދުގައި ކޮށްފައިވާ ދިރާސާއަކަށް ވިޔަސް މި ހޯދުންތައް "ޝައުގުވެރިވެފައި މުހިއްމު" ކަމަށެވެ.

"ކޮންމެ ދުވަހަކު ބޭސް ކާން ނުޖެހޭ ދިގުމުއްދަތެއްގެ ސިސްޓަމެއް ގާއިމުކުރެވިއްޖެނަމަ، އެޗްއައިވީ ޖެހިފައި ވިޔަސް ބަލީގެ ވައިރަސް ލޭގައި ހުރި ކަމަށް ނުދައްކާ އަދި އެމީހުންގެ ފަރާތުން އެހެން މީހުންގެ ގަޔަށް ބަލި ނާރާނެ 37 މިލިއަން މީހުންނަށް ބަލިން މުޅިން ސަލާމަތްވެވިދާނެ ރަނގަޅު ފުރުސަތަކަށް މިކަން ވެދާނެ،" އިންޑިޕެންޑެންޓް ނޫހަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ.

ވޮރެން ވިދާޅުވި ގޮތުގައި، ކޯފުއްޕި އާއި ޕޯލިއޯ އަދި ހިމަބިހި ފަދަ ބަލިތަކުން ދިފާއުވުމަށް ދުރާލާ ވެކްސިން ޖެހުމާ ޚިލާފަށް އެޗްއައިވީ ޖެހިފައިވާ މީހުންނަށް ތެރަޕިއުޓިކް ވެކްސިނެއް ދީގެން ރަނގަޅު ކުރެވުން މިއީ ރަނގަޅު މިސާލަކަށް ވާނެ އެވެ.

"ކޮންމެ ދުވަހަކު ބޭސް ކާން ދިނުމުގެ ބަދަލުގައި ހަށިގަނޑުގައި އުޅޭ ވައިރަސް ކޮންޓްރޯލްކުރަން ތެރަޕިއުޓކް ވެކްސިން ދިނުމަކީ މި ބަލީގެ ފަރުވާއަށް ހޯދޭނެ ވަރަށް ބޮޑު ކުރިއެރުމެއް،" އޭނާ ވިދާޅުވި އެވެ.

މި ޓްރަޔަލް ކުރިޔަށް ގެންދެވި ޑރ. މޯތޭ އާއި ޓީމުން ވަނީ އަލަށް އެޗްއައިވީ ޖެހުނު ބަލި މީހުންތަކަކަށް ދެ ވެކްސިނެއް ދީފަ އެވެ. މި ވެކްސިން ޑިޒައިންކޮށްފައިވާ ގޮތުން މީގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ވައިޓް ބްލަޑް ސެލްސް އަށް އެޗްއައިވީ ޖެހިފައިވާ ސެލްތައް ދެނެގަނެ އެ އެއްޗެހި ހަލާކުކޮށްލުމުގެ ގާބިލްކަން ލިބެ އެވެ.

މި ޓްރަޔަލްގެ ބައިވެރިން ތިން އަހަރު ވަންދެން އޭއާރްޓީ ބޭސްތައް ވެސް ބޭނުންކުރަމުން ގެންގޮސްފައި ވާއިރު ސައިންސްވެރިން ގަވާއިދުން މި މީހުންގެ ދިފާއީ ނިޒާމު މަސައްކަތްކުރާ ގޮތް މޮނިޓާކުރަމުން ގެންދިޔަ އެވެ.

އޭގެ ފަހުން މި 15 ބައިވެރިންނަށް މިތަނުން އެއް ވެކްސިންގެ ބޫސްޓާ ޑޯޒަކާއި ރޮމިޑެޕްސިން ކިޔާ ކެންސަރު ބޭހެއް ދިނެވެ. މި ބޭހަކީ ހަށިގަނޑުގެ ޓިޝޫތަކުގެ ތެރޭގައި ފިލައި ތިބޭ އެޗްއައިވީ ވައިރަސްތައް ހަށިގަނޑުން ބޭރުކޮށްލާ އެއްޗެކެވެ.

އޭއާރްޓީ ބޭސްތައް ބޭނުންކުރަމުން ދިއުމާއެކުވެސް ދިރާސާގެ ބައިވެރިންގެ ތެރެއިން 10 މީހެއްގެ ހަށިގަނޑަށް ވައިރަސް އަނބުރާ އައިސް ފެތުރެން ފެށި އެވެ. ނަމަވެސް ފަސް މީހެއްގެ ހަށިގަނޑުން ވައިރަސް މުޅިން ނެތިގެން ދިޔަ އެވެ. މި ފަސް މީހުން އެތައް ހަފުތާއެއް ވަންދެން، ކޮންމެ ދުވަހަކު ކާން ޖެހޭ ބޭސްތައް ނުކައި ވެސް ތިއްބެވެ. އަދި މިތަނުން އެކަކު ހަތް މަސް ދުވަސް ވަންދެން ބޭސް ކާން ނުޖެހި ހުއްޓެވެ.