ފިލިޕީންސަށް ދާދިފަހުން ލެއްގި ހުދުކުލައިގެ ބޮޑު "ކަނޑުފުރޭތަ" އިގެ ހަގީގަތް ސައިންސްވެރިން ހޯދައިފި އެވެ. އޭތި ގޮނޑުދޮށަށް ލައްގާފައި އޮއްވާ ފެނުމުން މީހުން ހީކުރީ އެއީ ކަނޑުފުރޭތައެއްގެ ބައެއް ކަމަށެވެ.
ފިލިޕީންސްގެ ދިނާގަތު އައިލެންޑްސްގެ ކަގްޑިއާނައޮ ކިޔާ ރަށެއްގެ ގޮނޑުދޮށަށް ލެއްގި މި އެތީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން ވަރަށް ގިނަ ބަޔަކު އެއީ ކޯއްޗެއްތޯ ސުވާލުކުރި އެވެ.
އެއްބަޔަކު ބުނީ މިއީ ކަނޑު ގެރިއެއް ކަމަށެވެ. އަނެއް ބަޔަކު ބުނީ މުސްކުޅި އިންގްލިޝް ޝީޕްޑޯގެއް ކަމަށެވެ.
ސައިންސްވެރިންނާއި ފިލިޕީންސް ސަރުކާރުގެ އޮފިޝަލުންގެ ޓީމަކުން ބުރާސްފަތި ދުވަހު ވަނީ އެ އޮތް ތަނަށް ގޮސް ވަރަށް ގިނަ މައުލޫމާތު އެއްކޮށްފަ އެވެ. ބެލުންތަކަށް ފަހު ފިލިޕީންސްގެ އޮފިޝަލުން ވިދާޅުވީ އެއީ މަރުވެފައި އޮތް ބޮޑުމަހެއް ކަމަށެވެ.
ބަރުދަނުގައި 2،000 ކިލޯ އަދި ދިގުމިނުގައި 30 ފޫޓު ހުރި މި އެއްޗަށް ހުދުކުލަ އަރާފައި ވަނީ ކުނިވެގެން ކަމަށް ސައިންސްވެރިން ގަބޫލުކުރެ އެވެ.
މީތި މަރުވެފައި ވަނީ އާގުބޯޓެއްގައި ޖެހިގެން ކަމަށާއި މަރުވެފައި އޮންނަތާ ދެ ހަފުތާއެއްހާ ދުވަސް ވެދާނެ ކަމަށް ވެސް ސައިންސްވެރިން ބުންޏެވެ.
އެ ރަށުގެ މީހުން ބިރުން އުޅެނީ މިއީ އެ ރަށަށް އާދިއްތަ ދުވަހު އައި ބިން ހެލުމާ ގުޅިގެން ލެއްގި އެއްޗެއް ކަމަށް ހީކޮށެވެ.
ފިލިޕީންސްގެ އޮފިޝަލުން ވިދާޅުވީ މީގެ ކަށިތައް ސާފުކޮށް ހިއްކާފައި ހަނދާނަށް ބަހައްޓާނެ ކަމަށެވެ.