06 ޖުލައި 2025 - 11:34
ކުރިން ނަމަ، ޝިފާ މުހައްމަދަށް ވެސް ދުވަސް ފެށޭނީ ހޭލާ ގޮތަށް ކޮފީ ތައްޓަކުންނެވެ. އެ މަޖުބޫރު ކޮފީ ނުބޮއި ގައިގައި ވަރެއް ނުހުރެ އެވެ. މޫޑު ގޯސްވެ އެވެ. އެކަމަކު މާމެލާމެލިން ހޯދި ހިތްހަމަޖެހުމުން އޭނާގެ އެ އާދަ ބަދަލުކޮށްފި އެވެ. ކޮފީގެ ބަދަލުގައި އޭނާގެ ދުވަސް މިހާރު ފަށަނީ ކުލަކުލައިގެ ރީތި މާތަކުން އަމިއްލަ އަށް ހަދާ ސައި ތައްޓަކުންނެވެ.
ފާޑުފާޑުގެ ބުއިންތަކަށް ވުރެ އިނގުރާއި މާމަލުގެ ސައި ތައްޓަކުން ހަށިގަނޑަށް ލުއިވެ، ލިބޭ ފައިދާ ބޮޑުކަން އޭނާ އަށް ޔަގީންވެއްޖެ އެވެ. ފުރަތަމަ އެކަން ތަޖުރިބާކުރީ އަމިއްލައަށެވެ. އޭގެ ފަހުން، ގިނަ ބަޔަކަށް ތައާރަފްކޮށްދެމުން ގޮސް މި ސައި ބުއިމުން އުފާވެރިކަން ލިބޭ މީހުން މިހާރު ގިނަ އެވެ.
މަގުތަކާއި ގޭގެއަށް ރީތިކަން ގެނެސްދޭ ބޯގަންވިލާ ފަދަ މާތަކުން ޝިފާ ސައި ހަދަން ފެށީ ހޮބީއަކަށެވެ.
ޝިފާ، ބޯގަންވިލާ މަލުން ސައި ހެދުމަށް ފަހު ފޮޓޯއަކަށް ހުއްޓިލައިގެން.
ގދ. ތިނަދު އަށް އުފަން ޝިފާ ބުނީ ސަޔަކީ ފަތުން ހަދާ އެއްޗަކަށް ވާތީ، މަލުން ސައި ހެދުމުގެ ވިސްނުން އައިސްގެން، ހޮބީއެއްގެ ގޮތުގައި އެ މަސައްކަތް ކުރާތާ ނުވަ އަހަރުވެއްޖެ ކަމަށެވެ. ނަމަވެސް، އޭނާގެ މަސައްކަތް ވައިރަލް ވާން ފެށީ ޓިކްޓޮކްގައި އެ ސައިގެ ރަހަތައް އާއްމުކުރަން ފެށި ފަހުންނެވެ.
ފަސޭހައިން ތައްޔާރުކޮށްލެވޭ އެ ސައި ހެދުމަށް އޭނާ ބޭނުންކުރަނީ ހޫނު ފެނާއި މަލުގެ ފިޔަ އަދި މާމުޔެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސައި ހަދާލެވެ އެވެ.
މަލުން ގިނަ ފަހަރަށް ހަދާފައި ހުންނަނީ ސައިބޯންޏެވެ. ރާއްޖޭގައި ވެސް އެ މަސައްކަތްކުރާ ޒުވާނުން މިހާރު އެބަ އުޅެ އެވެ. އެކަމަކު، ރާއްޖެއިން ފަސޭހައިން ލިބެން ހުންނަ މަލުން ސައި ހަދައިގެން ބުއިމަކީ އާއްމުކޮށް ކުރާ ކަމެއް ނޫނެވެ.
ތިނަދޫ ސްކޫލުގެ ގްރޭޑު 6 ގެ ލީޑިން ޓީޗަރުގެ ޒިންމާތައް ވެސް އަދާކުރާ ޝިފާ ބުނީ މަލުން ހަދާ އެ ސައިތަކުގައި ހުންނަނީ، އާއްމުންގެ މެދުގައި މަގުބޫލު "ގްރީން ޓީ" ގައި ހުންނަ ކަހަލަ ރަހައެއް ކަމަށެވެ. ލިބޭ ހުސްވަގުތުތަކުގައި ލޯބިން ޝިފާ އެ ތައްޔާރުކޮށްދޭ ސައި ބުއިމަށް އޭނާގެ ގާތް އެކުވެރިން އެ ގެއަށް ޖަމާވެ އެވެ. ސްކޫލަށް ވެސް ގެންގޮސް، ޓީޗަރުންނަށް އެ ސައި ހިއްސާކުރެ އެވެ. ރަށްރަށަށް ދާއިރު، އެއީ ކުރެވޭ ކަމެއް ކަން އޭނާ މީހުންނަށް ކިޔަައިދެ އެވެ.
ފިނިފެންމާގެ މަލުން ހަދާފައިވާ ސައިތައްޓެއް.
ބޭނުމަކީ ވީހާ ވެސް ގިނަ މީހުން ދުޅަހެޔޮ އެ ދިރިއުޅުމަށް ހޭލުންތެރިކުރުވުމެވެ.
"ވެލްނެސްއަށް މި ކަހަލަ ސައި ތައާރަފްކޮށްފިއްޔާ ރަނގަޅުވާނެއޭ ހިތަށްއެރީ. ފުރަތަމަ ރައްޓެހިންނަށް ދައުވަތު ދީފައި ކިޔައިދިނީ މާމެލާމެލީގެ ފައިދާ. ވަރަށް ބައިވަރު ސްޓަޑީތައް ކޮށްފައި ކޮންމެ މަލަކާ ބެހޭގޮތުން ސްޓަޑީކޮށްފައި އެ އެއްޗެހީގެ ފައިދާ މި ކިޔައިދެނީ،" ޝިފާ ބުންޏެވެ.
"އަންހެނުންގެ އޯރަލް ހެލްތާއި މައްސަރު ކަންތައް ހުއްޓޭ ހިސާބަށް ދާއިރު މިފަދަ ހެލްތީ ސައި ވަރަށް މުހިއްމު."
އޭނާ ބުނި ގޮތުގައި ރާއްޖެއިން ބޭރަށް އެކި ދަތުރުތަކުގައި ގޮސް އުޅޭއިރު ބަޓަފްލައި ޕީ އަދި ޕީޗު ސައި ވަރަށް ގިނައިން ފެނެ އެވެ. އެކި ވައްތަރުގެ ސައި ތަޖުރިބާކުރަން ފެށުމުން ރައްޓެހިން ވެސް ބޭރު ގައުމުތަކުން އަންނައިރު އެ ވައްތަރުގެ މާތައް ގެނެސްދެ އެވެ.
ޝިފާ، އޭނާ ތަޖުރިބާއަށް ހެދި ސައިތައްޓެއް ހިފައިގެން.
ނަމަވެސް، ޝިފާ އާއްމުކޮށް ސައި ހަދަނީ ގޭގެ ބަގީޗާއިން ފަސޭހައިން ލިބެން ހުންނަ މާތަކުންނެވެ. އޭގެ ތެރޭގައި ގިނައިން ހުންނަނީ މިންޓާއި ބޯގަންވިލާ އާއި ސައިމަލާއި ފިނިފެންމާ އަދި ބަޓަފްލައި ޕީ އެވެ. ހިއްކާފައި ހުންނަ އޮރެންޖުގެ ތޮށިގަނޑާއި ހެބިސްކަސް، ޖޭސްމިން އަދި ރޯޒެލާ މަލުގެ ފިޔަތައް ބޭނުންކޮށްގެން ވެސް ހަދާ ސަޔަކީ މެނޫގައި ހިމެނޭ އެއްޗެކެވެ.
އެކި ވައްތަރުގެ ސައިތަކުގެ ތެރެއިން ޝިފާގެ ރައްޓެހިން އެންމެ ގަޔާވަނީ ފްރެޝް މިންޓާއި ހިއްކާފައި ހުންނަ ފަތާއި ބޯގަންވިލާ އަދި ބަޓަފްލައި ޕީ ސައެވެ.
"ފިޒީ ޑްރިންކްސްތަކުގެ ބަދަލުގައި މި ކަހަލަ ކަމަކަށް ހިނގާތޯ ދަމާ. އަންހެނުން ވެސް އަދި ފިރިހެނުންނަށް ވެސް ވަރަށް ރަނގަޅުވާނެއޭ. ހަށިގަނޑަށް ފައިދާވާނެއޭ. ކުޑަކުޑަ ކަމަކުން ވާނެއޭ. އެހެންވެ، ކުރަން ފެށި ކަމަކީ ރާއްޖެއިން ލިބެން ހުންނަ މާތަކަށް ދިޔައީ."
ޝިފާއަށް ވަމުން ދިޔަ އުނދަގޫތަކަށް، އެ ސައިތަކުން ހަމަ ޔަގީނުން ވެސް ޝިފާއެއް ލިބިއްޖެ އެވެ. އެހެންވެ، އޭނާ ބޭނުންވަނީ ވީހާ ވެސް ގިނަ ބަޔަކަށް އެ ލުއި ހޯދައިދޭށެވެ.
"މިގޮތަށް ސައި ބޯން ފެށި ފަހުން ދިރިއުޅުމަށް ޕޮޒިޓިވް ޗޭންޖަސްތަކެއް އަތުވެއްޖެ. އެގޮތަށް އައި ކަމަށް ގަބޫލުކުރެވޭ އެއް ކަމަކީ ގޭހުގެ އުނދަގޫ މިހާރު ނުހުންނާނެ. އެއީ ވަރަށް ބޮޑު ލުޔެއް. ބައެއް ކަހަލަ ސައިތައް މައިންޑު ރިފްރެޝް ވެގެންދޭ...ހަމަ ވަރަށް ބޮޑު ޕޮޒިޓިވް ޗޭންޖުތަކެއް އައިސްފައި ހުރިކަން ފާހަގަކުރެވޭ." ޝިފާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވައި މިންޓް
06 July 2025
ކީއްވެ މާމެލާމެލީގެ ސައިގެ ތެރޭގަ މިންޓްގެ ވާހަކަ އައީ. އާއްމުކޮށް މިންޓް ޓީއަކީ މިންޓް ފަތުން ހަދާ ސަޔަށް ކިޔައިއުޅޭ ގޮތެއް. މިންޓް މަލުން ސައި ހަދާނަމަ ކީއްވެ މިންޓް މަލުގެ ފޮޓޯއެއް ނެތީ. އެއީ އާއްމުކޮށް ފެންނަ މަލެއް ނޫން.
ޖެމީޒް
06 July 2025
މާ އެކަންޏެއް ނޫން. މީހުންވެސް. ބޭނުމެއް އޮތިއްޔާ ސައިހަދައި، ބޭނުން ކެނޑުނީމަ ޑަސްބިނަށް އެޅުމަކީ މިކަހަލަ ސައި ހަދާ މީހުންގެ އާދައެއް. މީ މުތަށް ވުރެ އަގުބޮޑު ވަރަށް ވާހަކަ
ޔުނިގާރލް.
06 July 2025
ފޮޓޯއަށް ނަލަ ކޮންމެ މީހަކީ ޚުލްގު އެންމެ ހެޔޮ މީހަކަށް ނުވާނެ. އެމީހެއްގެ ހާލަތު އެނގޭނީ ބިތު ފަންގި ނެގީމަ.
ަސަލީ
06 July 2025
ކޮންމެމަލެއްގައިވެސްއިންސާނާކާންނުޖެހޭބައެއްހުންނާނެއެހެން ކަމުންމަލުގެބައިތައްވަކިކޮއްޓެސްޓްކޮއްގެންލިބޭފައިދާއެގިހުރެ ބޭނުންކުރުންވަރައްފެނޭ
ޒަހީމާ
06 July 2025
ސައެއް ބޯލީމަ އަބަދު ތިގޮތަށް ހިނިތުންވެލާފަ ހުންނަކަހަލަ ސައެއް ޖަދާނެ ގޮތް ކިޔާދީބަލަ
ާފަރީދާ
06 July 2025
އުމުރު 60 އާއި ކައިރި ކުރާއިރުވެސް ޒުވާންކޮން ތިހުންނަ ސަބަބު އަދިކިރިޔާ މިއެގުނީ.
މިސްގެ ދަރިވަރެއް
06 July 2025
ކުދިންނަށް އެއްޗެހި އުގަންނައި ދިނުމުގައި ތިވަރު މިސްއަކާ އަދި ދިމަލެއްނުވޭ
އައިމިނާ
06 July 2025
ވަރަށް އެކްސްޕެރިމެންޓް ހަދާ ފަރާތެއް.
ޝަރުފީ
06 July 2025
ތެދެއް ޒުވާނުންގެ އެކްސްޕެރިމެންޓްސް ވެސް ވަރަށް ގިނައިން ހަދާ.
އައިމިނާ
06 July 2025
މާބުރު މިހާރު ޝިފާފެނިފަ ލަދުން އިސްޖަހައިފި. އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދެން. ހިތިފަތު ސައިބޯނި އެބަހުރިތޯ.
ކަތީބު ހުސައިނު
06 July 2025
ތިނަދޫ ސިޓީގެ މޭޔަރަށް ތި ސައި ދީބަލަ. ފަހަރެއްގަ ޕޮޒިޓިވް ތިންކިންގް އެއް އައިސްދާނެ އޭނައަށް ވެސް