އެލަން ދޮންކެޔޮގަނޑެއް ކޮނޑަށް ލައިގެން ހިނގާފައި ދަނީ
24 މާޗް 2017 - 05:51
އެންމެ ފަޔެއް ހުރި، ފިލިޕީންސް މީހެއް ކަމަށްވާ އެލަން އެގިއުލާ އަކީ މިސާލެކެވެ. އޭނާގެ އާދަޔާޚިލާފު މި ވާހަކަ، ލޮޑަލީނާ ޓޮމޮން ކިޔާ މީހަކު ފޭސްބުކްގައި ޝެއާކޮށްފައިވެ އެވެ.
އެލަން އަކީ ފިލިޕިންސްގެ އެންމެ ބޮޑު ތިން ރަށުގެ ތެރެއިން އެއް ރަށް ކަމަށްވާ މިންޑަނާއޯގެ ވަރަށް ފަގީރު އާއިލާއަކަށް އުފަންވި މީހެކެވެ. އެލަން އަށް ކިޔެވުނީ ގްރޭޑް 1 އާ ހަމައަށެވެ. އޭގެ ފަހުން ކިޔެވުން ހުއްޓާލާފައި ބައްޕަގެ މަސައްކަތުގައި އެހީތެރިވާން މަޖުބޫރުވި އެވެ.
އެލަންގެ ބައްޕަ އަކީ ގޮނޑު ހޮވައިގެން އެތަކެތި ބޭނުންކޮށްގެން ފަރުނީޗަރު ފަދަ ތަކެތި ހަދައި އުޅުނު މީހެކެވެ. ބައްޕާ އެކު ވަލަށް ގޮސް އުޅުމުގެ ތެރޭގައި ވަރަށް ކުޑައިރު ފަޔަށް ލިބުނު އަނިޔާއަކަށް ފަރުވާ ނުކުރެވި އެންމެ ފަހުން ފައި ބުރިކޮށްލަން ޖެހުނެވެ.
އެއްފައި ނެތަސް އެލަން ހިތާމަކުރަން ގޭގައި އޮންނާކަށް ބޭނުމެއް ނުވި އެވެ. އެލަން ދިޔައީ ހަމަ ކުރިން ވެސް މަސައްކަތްކުރި ގޮތަށް ހިތްވަރާ އެކު މަސައްކަތް ކުރަމުންނެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކު އެލަން އަށް ހަމްދަރުދީވެ އެވެ. އަދި އޭނާގެ ހިތްވަރުގަދަކަމަށް ތައުރީފު ކުރެ އެވެ. އެކަމަކު އާއިލާގެ ތެރެއިން ބައެއް މީހުންގެ ފުރައްސާރައާ ވެސް ކުރިމަތިވެ އެވެ.
އެލަންއަށް އެހީވަން ނިންމީ އޭނާގެ ބޮޑުދައިތައެކެވެ. އޭނާ އެހެން އަވަށަކަށް ގެންދިޔަ އެވެ.
މީގެ 10 އަހަރު ކުރިން ފެށިގެން އެލަން ބޮޑުދައިތައާ އެކު އުޅެން ފެށި އެވެ. އަދި ދަނޑުވެރިކަމުގައި ބުރަކޮށް މަސައްކަތްކުރަން ފެށި އެވެ. ދަނޑުތަކުގައި ހައްދާ ތަކެތި ވިއްކައިގެން އާމްދަނީ ހޯދަ އެވެ.
ދޮންކޭލާއި އެކި ފާޑުގެ މޭވާ އާއި ތަރުކާރީ ގޯންޏަކަށް އަޅައިގެން ކޮންމެ ދުވަހަކު އެލަން ވިއްކަން ގެންދަނީ ގާތްގަނޑަކަށް ދެ ކިލޯމީޓަރު ދުރުގައި އޮންނަ އަވަށަކަށެވެ. މި ދިގު ދަތުރު އޭނާ ކުރަނީ އެއްފައިންނެވެ. އޭނާގެ ވާހަކަ ފޭސްބުކް ޖެހުމާ އެކު އެހީތައް ލިބެން ފެށި އެވެ. ޕްރޮސްތެޓިކް ފަޔެއް ލިބޭ ގޮތް ވެސް މިހާރު ވަނީ ވެފަ އެވެ.
ޕްރޮސްތެޓިކް ނުވަތަ މަސްނޫއީ ފަޔަކާ ނުލާ ވެސް އެލަން އޭނާގެ މަސައްކަތް ފުރިހަމަކުރާނެ އެވެ. އެކަމަކު އެއީ ބުރަކަމަށް ކޮންމެވެސް ވަރެއްގެ ލުޔެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy