09 މެއި 2017 - 08:03
ރޭޕްގެ މައްސަލަތައް ގިނަ އިންޑިއާގައި، އެ މައްސަލައަށް ބޮޑު ސަމާލުކަމެއް އައީ މީގެ ހަތަރު އަހަރު ކުރިން ހިނގި އަނިޔާވެރި، ލާއިންސާނީ އެފަދަ އަމަލަކާ އެކުގަ އެވެ. އުމުރުން 21 އަހަރުގެ އަންހެނަކު ބަހެއްގެ ތެރޭގައި އެތައް ބަޔަކުވެގެން ރޭޕްކޮށް، ބޮޑެތި އަނިޔާތަކެއް ދީ، އެ އަނިޔާތަކުގެ ސަބަބުން މަރުވި އެވެ. ނިރްބާޔާގެ ނަމުން މަޝްހޫރުވެފައިވާ އެ ޒުވާނާގެ މަންމަ، އާޝާ ދޭވީ އަށް މިދިޔަ ހުކުރު ދުވަހަކީ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނު ދުވަހަކެވެ.
ނިރްބާޔާގެ ގާތިލުންނަށް އިއްވާފައިވާ މަރުގެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ހުކުރު ދުވަހު ދަމަހައްޓައިފަ އެވެ. އެ ނިންމުމަށް ފަހު ދޭވީ އުޅުނީ ނޫސްވެރިންނަށް އިންޓަވިއުތައް ދިނުމުގަ އެވެ. ނިދަން ވަދެވުނު އިރު ރޭގަނޑު 11 ޖަހައިފި އެވެ.
ޑިސެމްބަރު 16، 2012 ގައި ދިއްލީގެ މަގެއްގައި ދުއްވާފައި ދިޔަ ބަހެއްގެ ތެރޭގައި ދޭވީގެ ދަރިފުޅު ރޭޕްކޮށް އޭނާއަށް ދިން އަނިޔާތަކަށް ފަހު މަރުވީ އޭގެ 13 ދުވަސް ފަހުން ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގަ އެވެ.
ފިޒިއޮތެރަޕިސްޓަަކަށް ވާން ކިޔަވަމުންދިޔަ ޒުވާނާ އަށް "ނިރްބާޔާ" ކިޔަސް އެއީ އަސްލު ނަމެއް ނޫނެވެ. ހިތްވަރުގަދަ ކަމުގެ މިސާލަށް ހިންދީ ބަހުން ކިޔާ ނަމެކެވެ. ދާމިނީ ނަމުން ވެސް މި އަންހެންކުއްޖާ އަށް މުޚާތަބު ކުރެވެ އެވެ. ދާމިނީގެ މާނައަކީ ތޯހިރު އަންހެނާ އެވެ. ނިރްބާޔާގެ ނަމުން މުހާތަބުކުރަނީ އިހްތިރާމެއްގެ ގޮތުން ނަން ހާމަނުކުރުމަށެވެ.
ޖޯތީގެ ހަނދާން އާކުރަނީ
އެ އަނިޔާވެރި ހާދިސާއަށް ފަހު ނިރްބާޔާގެ މައިންބަފައިންނަށް ކޮންމެ ދުވަހަކީ ވެސް ދަރިފުޅަށް އިންސާފު ހޯދައިދޭން މަސައްކަތްކުރާ ދުވަހެކެވެ. ކޮންމެ ދުވަހަކު އެ މައްސަލައިގައި ހަނގުރާމަކުރުމުގެ ހިތްވަރު އެމީހުން ހޯދީ ދަރިފުޅު މަރުވަމުން ކުރި ވަސިއްޔަތުންނެވެ. ދަރިފުޅަށް އެ އަނިޔާ ދިން މީހުންނަށް ހައްގު އަދަބު ދިނުމަށް މަރުވަމުން ވެސް ނިރްބާޔާ ވަނީ އެދިފަ އެވެ.
"އަހަންނަށް އަނިޔާކުރި އެންމެންނަށް މަރާފަ އަންދާލާތި،" ނިރްބާޔާ ބުނެފައިވެ އެވެ.
ހިންދުސްތާން ޓައިމްސް އަށް ދޭވީ ދީފައިވާ އިންޓަވިއުގައި ބުނީ އޭނާގެ ދަރިފުޅަށް ނިރްބާޔާގެ ނަމުން މުޚާތަބު ކުރިޔަސް އަސްލު ނަމަކީ ޖޯތީ ސިންގް ކަމަށެވެ. އަދި ދަރިފުޅުގެ ނަން ފަޚުރުވެރިކަމާ އެކު ހާމަކުރަން ނުޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ބުންޏެވެ. ސަބަބަކީ ކުށް ކުރީ އޭނާގެ ދަރިފުޅަށް ނުވާތީ އެވެ.
ދޭވީ ބުނި ގޮތުގައި އޭނާގެ ދަރިފުޅަށް އެހާ ބޮޑު އަނިޔާއެއް ދިން ހަތަރު މީހުންގެ މަރުގެ ހުކުމް މިދިޔަ ހުކުރު ދުވަހު ކޯޓުން ދެމެހެއްޓުމާ އެކު ހަތަރު އަހަރު ތެރޭ ފުރަތަމަ ފަހަރަށް ހަމަ ނިދި ނިދާލެވުނެވެ. އެ ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުނުވެ މިނިވަން ވެދާނެތީ އޭނާ ހުރީ ވަރަށް ބިރުންނެވެ. ނަމަވެސް އެމީހުން ދަންޖައްސާ މަރާނެކަން ޔަގީން ވުމުން އޭނާއަށް ލިބުނު ހިތްހަމަޖެހުން ބޮޑެވެ. އޭނާގެ ނަޒަރުގައި ދަރިފުޅުގެ ގާތިލުންނަށް މަރު ނޫން އެހެން ކަމެއް ހައްގެއް ނޫނެވެ.
އެ ހިތްދަތި ރޭގެ ހަނދާންތައް ދޭވީގެ ހިތުން ކުޑަކޮށް ވެސް ފިލައިގެން ނުދެ އެވެ. ދަރިފުޅު ތައްޔާރުވެލައިގެން ބޭރަށް ދާން ނިކުންނަމުން މަންމައާ ވަދާއުގެ ސަލާންކުރި އެވެ.
ޖޯތީ
"ބައި ބައި މަންމާ. ދެތިން ގަޑިއިރު ތެރޭ އަންނާނަން،" ޖޯތީ އެންމެ ފަހުން މަންމައަށް ބުނީ އެހެންނެވެ.
އެ ޖުމްލަ އަދިވެސް ދޭވީގެ ކަންފަތުގައި ހަރުލާފައިވެ އެވެ. ރޭގަނޑުގެ ނިދިން މަހްރޫމްކުރުވީ އެ ޖުމްލަ އެވެ. ދަރިފުޅު އާދޭތޯ އެރޭ އޭނާ ކުރަމުންދިޔަ އިންތިޒާރަށް ނިމުމެއް ނައިމަ އެވެ. ދެން ދުވަހަކުވެސް ދަރިފުޅު ނުފެންނާނެކަން އޭނާ އަށް ވެސް އެނގެ އެވެ. ނަމަވެސް އިންތިޒާރަށް ނިމުމެއް ނެތެވެ.
ދޭވީ ބުނި ގޮތުގައި އެންމެ ހިތްދަތިވީ ހޮސްޕިޓަލުގައި ދަރިފުޅު މަރާ ހަނގުރާމަކުރަމުން ދިޔަ ތަން ފެނުމުންނެވެ.
"ގައިގެ އެތަން މިތަނުގައި ހޮޅިތައް ގުޅާފައި އޮތްއިރު ކިރިޔާ ހޭވެރިކަން ވާއިރަށް ވެސް ދަރިފުޅު ފެން ފޮދެއް ދޭން އެދޭ. ކަރުތެރެ ހިކިގެން ގޮސް ކުރަކިވެފައިވާ ކަމަށް ދަރިފުޅު ބުނޭ. އަހަރެން އަވަހަށް އޭނާއަށް ފެންފޮދެއް ދޭން ބިއްލޫރިތަށި ނެގިން. ނަމަވެސް އެންމެ ފެން ތިއްކެއް ވެސް ނުދޭން ޑޮކްޓަރުން ބުނި،"
އެތެރެހަށީގެ ހުރިހާ ގުނަވަނެއް ވަނީ ފެއިލްވެފަ އެވެ. ހޮސްޕިޓަލުގެ އެނދުގައި މަރަށް ތެޅިތެޅި، ފެންފޮދަކަށް އެދިއެދި އޮތް މަންޒަރު މިއަދުވެސް ސިފަވެ އެ ހަނދާންތަކުން އުނދަގޫވާ ކަމަށް ދޭވީ ބުންޏެވެ.
ދޭވީ ބުނި ގޮތުގައި އޭނާގެ ދަރިފުޅަކީ ވަރަށް ހިތްވަރުގަދަ ކުއްޖެކެވެ. އަދި އާއިލާގެ ހުރިހާ ޒިންމާއެއް އޭނާގެ ބޮލުގައި އަޅައިގެން އުޅުނު ކުއްޖެކެވެ. ނަމަވެސް އެންމެ ފަހު ވަގުތު އޭނާއަށް ފެން ތިއްކެއްގެ މިންވަރު ވެސް ދިނުމުގެ ނަސީބު އެ މަންމައަކަށް ނުލިބުނެވެ.
ޖޯތީގެ ގާތިލުންގެ ތެރެއިން މަރަން ހުކުމްކުރި ބައެއް މީހުން
ޖޯތީ ފިޒިއޮތެރަޕިސްޓަކަށް ވުމަށް ކިޔަވަން ބޭނުންވުމުން އެކަމަށް ބޭނުންވާ ފައިސާ އޭނާގެ ބައްޕަ ހޯދީ އާއިލާގެ ފަރާތުން ވާރުތަވެފައި ހުރި ގެ ވިއްކާލައިގެންނެވެ. ޖޯތީ ވެސް ޓިއުޝަން ދީގެން އިތުރަށް ފައިސާ ހޯދަމުން ދިޔަ އެވެ.
އެންމެ ފަހު ރޭ ޖޯތީ ގެއިން ނުކުތީ އެކުވެރިއަކާ އެކު ފިލްމެއް ބަލަން ދާށެވެ. ފިލްމު ބަލާފައި ނުކުމެގެން އޮޓޯއެއް ހޯދަން މަގުގެ އެއް ކައިރީގައި ތިއްބާ އައީ ޗާޓަރު ކޮށްގެން ދުއްވާ ބަހެކެވެ. ބޭނުންވާ ތަނަކަށް ގެންގޮސްދީފާނެ ކަމަށް ބުންޏެވެ. އެހެންވެ އެ ދެ މީހުން ބަހަށް އަރައި އިށީނީ އެވެ.
އޭރު ބަހުގައި ޑްރައިވަރާ އެކު ހަ މީހުން ތިއްބެވެ. ބަސް ދުއްވާލިތާ އިރުކޮޅެއްގެ ތެރޭގައި އެ މީހުން ޖޯތީ އާއި އޭނާގެ އެކުވެރިޔާއަށް ގޯނާކުރަން ފެށީ އެވެ. އަދި އެންމެ ފަހުން ޖޯތީގެ އެކުވެރިޔާ އަށް ބޮޑެތި އަނިޔާތައް ކުރުމަށް ފަހު ފަހަރަކު މީހަކު ޖޯތީ ރޭޕްކުރި އެވެ.
ސަލާމަތްވާން ޖޯތީ ގަދަ ދައްކައި ހަޅޭއްވާތީ އެމީހުންގެ ވިސްނުމަށް އައީ އެންމެ ގޮތެކެވެ. އެތެރެ ހަށީގެ ގުނަވަންތައް ބޭރަށް ނިކުންނަ ވަރަށް އަނިޔާކުރުމެވެ.
އިންޑިއާގައި އަންހެނުންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް އުފުލާ އަޑުތައް ފަހަކަށް އައިސް އަންނަނީ އިތުރުވަމުން. --ފޮޓޯ:އޭޕީ
ޖޯތީ އާއި އޭނާގެ އެކުވެރިޔާ ހޮސްޕިޓަލަށް ގެންދިޔައީ އެ ހިސާބުން ދިޔަ ބަޔަކަށް ފެނިގެން ފުލުހުންނަށް ގުޅައިގެންނެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ޖޯތީގެ ގޮހޮރުން ހަށިގަނޑުގެ ތެރޭގައި އޮތީ އެންމެ ފަސް ޕަސެންޓް ކަމަށް އޭނާ ބެއްލެވި ޑޮކްޓަރުން ވިދާޅުވެފައިވެ އެވެ. ގޮހޮރުގެ އިތުރުން ފުރަމެއާއި ރަހިމާއި އެހެން ބައެއް ގުނަވަންތައް ވަނީ ފަޅައިގެން ގޮސްފަ އެވެ.
ނަމަވެސް އެ ހާލުގައި ވެސް މަރާ ހަނގުރާމަ ކުރުމުގައި ޖޯތީ ވަނީ އާދަޔާޚިލާފު ހިތްވަރެއް ދައްކާފަ އެވެ. ޑޮކްޓަރުން އުންމީދު ކަނޑާލި ކިތަންމެ ފަހަރަކު އޭނާގެ ހަށިގަނޑަށް ދިރުން ލިބުނެވެ.
ޖޯތީ ގެ އެތެރެހަށީގެ ގުނަވަންތައް ފުނޑުފުނޑުވެފައި ހުރިލެއް ބޮޑުކަމުން ދުވަހެއް ދުވަހަކަށް އޭނާގެ ހާލު ސީރިއަސް ވާތީ، ފެންވަރު ރަނގަޅު މެޝިންތަކާއި މޮޅު ފަރުވާ ދެވެން ހުރި ސިންގަޕޫރުގެ ހޮސްޕިޓަލަށް އޭނާ ގެންދަން ނިންމި އެވެ. ހަލާކުވެފައިވާ ގުނަވަންތައް ނަގައި އާ ގުނަވަންތަކެއް ޓްރާންސްޕްލާންޓް ކުރަން ނިންމައި އެކަން ކުރުމުގެ ކުރިން ޖޯތީގެ ފުރާނަ ދިޔައީ އެވެ.
ރޭޕް ކުރުމާ ދެކޮޅަށް ހަރިޔާނާ ސްޓޭޓުގައި މުޒާހަރާ ކުރަނީ. --ފޮޓޯ:އިންޑިއަން އެކްސްޕްރެސް
ޖޯތީ އަށް އަނިޔާކޮށް އޭނާ މަރާލުމުގައި ބައިވެރިވި ހަ މީހުންގެ ތެރެއިން އެކަކު ޖަލުގައި އަމިއްލަ އަށް ދަންޖެހިގެން ވަނީ މަރުވެފަ އެވެ. އަނެއް ހަތަރު މީހުންނަށް މަރުގެ ހުކުމް އިއްވާފައިވާއިރު 18 އަހަރު ނުފުރޭ ކުއްޖާ އަށް އައީ އެންމެ ތިން އަހަރުގެ ހުކުމެކެވެ. އެ ހުކުމް ފުރިހަމަ ކުރުމަށްފަހު އޭނާ ވަނީ މިނިވަން ވެފަ އެވެ.
އޭނާއާ ހަވާލުވި އެންޖީއޯއަކުން ވަނީ އޭނާ އިންޑިއާގެ އެކަހެރި ހިސާބަކުން ރެސްޓޯރަންޓަކުން ވަޒީފާ ހޯދައިދީފަ އެވެ. އެ ރެސްޓޯރެންޓްގެ ވެރިމީހާ އަށް ވެސް އެ ކުއްޖާ އަކީ ގާތިލެއް ކަމެއް ނޭނގެ އެވެ. ނަމަވެސް ޖޯތީ އަށް އެންމެ ބޮޑު އަނިޔާ ދިނީ މި ކުއްޖާ ކަމަށްވެ އެވެ. މި ކުއްޖާއަކީ މިހާރު 18 އަހަރު ފުރިފައިވާ މީހަކަށް ވުމުން، އޭނާއަށް މަރުގެ އަދަބު ނުލިބުމަކީ ވެސް ޖޯތީގެ މަންމަގެ ޝަކުވާއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙައްމަދު
09 May 2017
ދުނިޔޭގެ އިންސާފު ):
ޫމުހައްމަދު
09 May 2017
އަޅުގަނޑު ތިޔަ ހިތްވަރުގަދަ މަންމަގާތުގައި ބުނެލަން ބޭނުންވަނީ "އަޅުގަނޑުގެވެރި ރައްބަކީ އެންމެ އަދުލުވެރި ރަސްކަލާންގެ ކަމާއި ޤިޔާމަތް ދުވަހަކީ އެންމެތަކުންނަށް އިންސާފު ކަށަވަރުވާނެ ދުވަސްކަމުގައެވެ."
ނީލިމާ
09 May 2017
ދާމިނީގެ މާނައަކީ ތޯހިރު އަންހެނާއެއް ނޫނޭ ލިޔުންތެރިޠާ!!! ދާމިނީގެ މާނައަކީ (ލައިޓްނިންގ) ދިވެހިން ބުނާނަމަ ގުގުރިއާއެކު އަންނަ ވިދުން...ތަންކޮޅެއް ބަލައިލައިގެން އާރޓިކަލް ލިޔެބަލަ!!!!