ޑްރައި ޑްރޯނިން އިން ސަލާމަތްވި ކުއްޖާ އާއި އެ ކުއްޖާގެ މަންމަ އާއި ބައްޕަ
15 ޖޫން 2017 - 08:08
"ޑްރައި ޑްރައުނިން" އަކީ ކޮބައިކަން އެނގުން ވަރަށް މުހިންމެވެ. އެމެރިކާގެ ކޮލަރާޑޯގައި ދެ އަހަރުގެ ކުއްޖެއްގެ ފުރާނަ ސަލާމަތްކުރުމަށް މެދުވެރިވީ އެ ކުއްޖާގެ ބައްޕަައަށް "ޑްރައި ޑްރައުނިން" ކުރިން އެނގިފައި އޮތުމުންނެވެ.
ޖޫން 3 ވަނަ ދުވަހު ޓެކްސަސްގައި ހަތަރު އަހަރުގެ ކުއްޖަކު ފަތަން އުޅެނިކޮށް ފެން ބޮވިގެން ދިމާވި މައްސަލަތަކެއްގައި މަރުވި ޚަބަރު ސްޓާފް ސާޖަންޓް ގެރޮން ވެގާ އަށް އެނގުނީ މީޑިއާއިންނެވެ. މި ވާހަކަތައް އިވިފައި އޮއްވައި ވިގާގެ ދަރިފުޅު ސްވިމިން ޕޫލްގައި އުޅެނިކޮށް ފެން ބޮވި މައްސަލަތަކެއް ދިމާވި އެވެ. މިއީ ގެނބިގެން ދިމާވި މައްސަލަތަކެއްގައި މަރުވި ކުއްޖާއަށް ވެސް ދިމާވި ފަދަ މައްސަލަތަކެއްކަން ވެގާއާށް އެނގުނެވެ.
އެހެންވެ ލަސް ނުކޮށް ޑޮކްޓަރަށް ދެއްކި އެވެ. ހޮސްޕިޓަލުން ނެގި އެކްސްރޭ އިން ވިގާގެ ދަރިފުޅު ޖިއޯގެ ފުއްޕާމޭގައި ފެން ހުރިކަން ޔަގީން ކުރެވުނެވެ. އަދި ވަގުތުން ކުއްޖާއަށް ފަރުވާދޭން ފެށި އެވެ ޑޮކްޓަރުން ބުނި ގޮތުގައި އެ ކުއްޖާ އަވަހަށް ޑޮކްޓަރަށް ނުދެއްކި ނަމަ އަނެއް ދުވަސް ވަންދެން ވެސް ދުނިޔޭގައި ނުހުންނާނެ އެވެ.
"ގެނބިގެން މަރުވި ހަތަރު އަހަރުގެ ކުޑަ ކުއްޖާގެ އާއިލާއާ ބައްދަލުކޮށް ޝުކުރު އަދާކުރަން އަހަރެން ބޭނުންވި. އެމީހުން އެ ދުވަހު އެ ވާހަކަތައް ކިޔައިނުދިން ނަމަ ފަހަރެއްގައި އަހަންނަށް އަހަރެންގެ ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރުމަށް ކަން ކުރަންވީ ގޮތް ނޭނގުނީސް،" ވިގާ ބުންޏެވެ.
"ޑްރައި ޑްރޯނިން" އަކީ ވަރަށް މަދުން ނަމަވެސް ދިމާވާ ސިއްހީ މައްސަލަ އެކެވެ. މިކަން އާއްމުކޮށް ދިމާވަނީ ކުޑަކުދިންނަށެވެ. "ޑްރައި ޑްރޯނިން" ދިމާވަނީ ނޭވާއާއެކު އެތެރެހައްޓަށް ފެން ގޮސްގެންނެވެ. މިގޮތަށް ދާ ފެން ފުރަތަމަ ފުއްޕާމެޔާ ހަމައަށް ވާސިލު ނުވި ނަމަވެސް މިކަމުގެ ސަބަބުން ވޯކަލް ކޯޑް ވާންވެ ފިތެ އެވެ. އަދި ވައި ދަތުރުކުރާ މަގު ބަންދުވެ އެވެ.
ޑްރައި ޑްރޯނިން އިން ސަލާމަތްވި ކުއްޖާ
ހަތަރު އަހަރުގެ ކުއްޖާއަށް ދިމާވީ މިފަދަ ގޮތެކެވެ. މި ކުއްޖާ އެ ދުވަހު ފަތަން އުޅެފައި އެރި ފަހުން ބަނޑުގައި ރިއްސާފައި ބޭރަށްހިންގާ ހޮޑުލެވެން ފެށީ އެވެ. އަދި ކުޑަކޮށް ރަނގަޅުވާހެން ހީވެލާފައި އެއް ދުވަހު ނިދާފައި އޮވެފައި ކުއްލިއަކަށް ތެދުވެ، ނޭވާ ހުސްވެގެން ވެއްޓުނީ އެވެ. އަވަހަށް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ފުރާނަ ސަލާމަތެއް ނުކުރެވުނެވެ.
"ޑޮކްޓަރު އެ ދުވަހު އަަހަރެމެން ކައިރީ ބުނި ދަރިފުޅަށް ދިމާވީ 'ޑްރައި ޑްރޯނިން" އޭ. އޭނާގެ ފުއްޕާމޭގައި އޮތީ ހުސް ފެނޭ. އެހެންވެ ދަރިފުޅުގެ ފުރާނަ ސަލާމަތްކުރަން ކޮށްދެވޭނެ އެއްވެސް ކަމެއް ނެތޭ،" މަރުވި ކުއްޖާގެ މަންމަ ޓިނާ ޑެލްގާޑޯ އޭބީސީ ނިއުސްގައި ބުނެފައިވެ އެވެ.
ޑްރައި ޑްރޯނިންގެ އަލާމާތްތައް ވަގުތުން ފެންނަން ފެށި ނަމަވެސް "ސެކަންޑަރީ ޑްރައުނިން" ކިޔާ މިފަދަ އެހެން ސިއްހީ މައްސަލައެއް ވެސް ބައެއް ކުދިންނަށް ދިމާވެ އެވެ. ނަމަވެސް ޑްރައި ޑްރޯނިން އާ ޚިލާފަށް ސެކަންޑަރީ ޑްރައުނިންގެ އަލާމާތްތައް އާއްމުކޮށް ފެންނަން ފަށަނީ ހާދިސާ ހިނގާތާ 24 ގަޑިއިރު ފަހުންނެވެ. މިގޮތަށް ދިމާވާ ފަހަރު ފުއްޕާމެޔަށް ފެން ގޮސް އަދި ފުއްޕާމޭގައި އިތުރަށް ފެން އުފެދެން ފަށަނީ އެވެ. އަދި ނޭވާލާން އުދަނގޫ ވަމުން ގޮސް އެންމެ ފަހުން އެއްގޮތަކަށް ވެސް ނޭވާ ނުލެވެނީ އެވެ.
ނަމަވެސް މި ދެ ހާލަތުގައި ވެސް ފެންނަ ނިޝާންތައް ދާދި އެއްގޮތެވެ. އެއީ މޭގައި ރިއްސުމާއި ކެއްސުން އަދި ވަރުބަލިވުމާއި ނޭވާލާން އުނދަގޫވުމެވެ. މޫދަށް ނުވަތަ ސްވިމިން ޕޫލަށް އެރިފައިވާ ކުދިންނަށް މިފަދަ އަލާމާތްތައް ފެންނަން ފަށައިފި ނަމަ ވަގުތުން ޑޮކްޓަރަށް ދައްކައި، ފުއްޕާމޭގައި ފެންހެދިފައި ހުރިތޯ ބަލަން ޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަލާ
16 June 2017
"ޑްރައި ޑްރޯނިން" ތަ ނޫނީ "ޑްރައި ޑްރައުނިން" ތަ.
އެބަތިބި
16 June 2017
މޮޅެތި ޑޮކްޓަރުން ރާއްޖޭގައި އެބަ ތިއްބެވެ. ނަމަވެސް ބަލަންވާވަރަށް ބެލިއްޔާތާ އެވެ.
އުދުހޭ
15 June 2017
މިއީ ހިނގި ހާދިސާއެއްކަން ނުބުނެ ރާއްޖޭގައުޅޭ ޑޮކްޓަރެއް ކައިރީގާ މިވާހަކަ ބުނެފިއްޔާ ގަބޫލުކުރާނެހެނެއް ހިއެއްނުވޭ.
ދެކުނުތަރި
16 June 2017
ރާއްޖޭގަ އުޅޭ ގިނަޑޮކްޓަރުން މާބޮޑަށް މޮޅީ. ކުރީރޭގަ ހުޅުމާލޭ ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ލިޔެދިނީ :މައުތްވޮޝް، ބޭސްފިހާރަޔަށް ދިއުމުން ފާމަސިސްޓް ބުނީ ކޮންކަހަލަ މައުތް ވޮޝްއެއްކަމާއި ބޭނުން ކުރަންޖެހޭގޮތް ލިޔެފަނެތޭ. ދެވަނަ ފަހަރަށް ޑޮކްޓަރުކައިރިޔަށް ގޮސްގެން ބޭސް ސިޓީ ބަދަލުުކުރަން ޖެހޭއިރު ޑޮކްޓަރުންގެ ފެންވަރު މިއެނގެނީ. އަސްލު އެކިޔާ އާއިލީ ޑޮކްޓަރު (ކޮންމެ މީހެއްގެ އަމާ) ވެސް މިއަށްވުރެ މާ މޮޅުވާނެ.
އަޝްރަފް
15 June 2017
ހިޔެއް ނުވޭ މި ދިވެހިރާއްޖޭގަ ތިކަން ބަލާލަން އެނގޭނެ ފެންވަރުގެ ޑޮކްޓަރުން ތިބޭނެހެނެއް. މިހެން ބުންޏަސް ފަހަރެއްގައި މާލެއިން މިކަމަށް ފަރުވާދެވުނަސް ރައްރަށުގަ މިކަހަލަ ކަމެއްދިމާވެއްޖެނަމަ ދެން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ...