10 ޖުލައި 2017 - 06:30
ބޯއިން 777 ގެ މަތިންދާބޯޓު ދުއްވާ އެންމެ ޒުވާން އަންހެން ކޮމާންޑަރަކަށް ކެޕްޓަން އަންނީ ދިވްޔާ ވެއްޖެ އެވެ.
އުމުރުން 30 އަހަރުގެ އަންނީ އަކީ އިންޑިޔާގެ އަންދްރާ ޕްރަދޭޝްގެ ޕަޓާންކޯޓަށް އުފަން މީހެކެވެ. ނަމަވެސް ވަރަށް ކުޑައިރު އޭނާ ގޮވައިގެން މައިންބަފައިން ވަނީ އެ ސްޓޭޓްގެ ވިޖަޔާވަޑާ އަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.
ކެޕްޓަން ދިވްޔާ އަކީ ރިޓަޔާޑް ސިފައިންގެ މީހެއްގެ ދަރިއެކެވެ. އޭނާއަށް މިހާ ކާމިޔާބުކަމާ އެކު މިހާ ހިސާބަށް ވާސިލު ވެވުނީ މައިންބަފައިންގެ ބުރަ މަސައްކަތުން ކަމަށް އޭނާ ގަބޫލު ކުރެ އެވެ. އަދި ހުރިހާ ޝުކުރެއް ވެސް އޭނާ އަދާކުރަނީ އެމީހުންނަށެވެ.
"އަހަންނަށް ފައިސާގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވި. އަދި ދައްކާ ވާހަކަ ފަހުމުވާން އުނދަގޫވުމާއި ސަގާފަތުގައި ހުރި ތަފާތުތަކުގެ ސަބަބުން ވެސް މި ފެންވަރަށް ކިޔެވުމަށް ވަރަށް ދަތިތައް ދިމާވި. ނަމަވެސް އާއިލާގެ މެމްބަރުންނާއި އެކުވެރިންގެ އެހީތެރިކަމާއެކު ހުރިހާ ހުރަސްތަކެއް ވެސް ގިރާ ކުރެވުނީ،" އޭނާ ބުންޏެވެ.
ކެޕްޓަން ދިވްޔާ ބުނި ގޮތުގައި އޭނާ އަކީ މެދު ފަންތިއެއްގެ އާއިލާއަކަށް ނިސްބަތްވާ މީހަކަށް ވާތީ، ޕައިލެޓް ކޯސް ހެދުމަށް ބޭނުންވާ ފައިސާ ހޯދުން ވަރަށް ދަތިވި އެވެ. ނަމަވެސް އެ ވަގުތު އެއްވެސް މީހެއްގެ ވަޒީފާއެއް ނެތުމުން އެ ފައިސާ ހޯދުމަށް ވެސް ވަރަށް އުނދަގޫވި އެވެ.
މަތިންދާބޯޓު ދުއްވާ މީހަކަށް ވުމީ ދިވްޔާ ވަރަށް ކުރިއްސުރެ ދެކެމުން އަައި ހުވަފެނަކަށް ވާތީ އެ ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށް މައިންބަފައިން ބޮޑެތި ގުރުބާނީތަކެއް ވީކަމަށް އޭނާ ބުންޏެވެ. އެއާއެކު އެއީ ކުރެވޭ ވަރުގެ ކަމެއް ނޫންކަމަށް ބުނެ އޭނާގެ ހިތް މަރާލައި އެކަމަށް ހުރަސް އަޅަން މަސައްކަތް ކުރި ބަޔަކު ވެސް ތިބި ކަމަށް ދިވްޔާ ބުންޏެވެ.
"އެ ދުވަސްވަރު ވިޖޭވަޑާގައި ޕައިލެޓް ކޯސް ހަދާ އެއްވެސް މީހަކު ނެތް. އެހެންވެ އަހަރެންގެ ވަށައިގެން އުޅުނު އެއްވެސް މީހަކު އަހަރެންނަށް އެކަން ކުރަން ހިތްވަރެއް ނުދިން. ނަމަވެސް އަހަރެން ބޭނުންވީ އުދުހެން،" ދިވްޔާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ޕައިލެޓަކަށް ވުމަށް ކިޔެވިއިރު އޭނާއަށް ކުރިމަތިވި އެންމެ ބޮޑު ހުރަހަކީ އިނގިރޭސި ބަސް ނޭނގުމުގެ މައްސަލަ އެވެ. ވިޖޭވަޑާގައި އެއްވެސް މީހަކު އިނގިރޭސިން ވާހަކައެއް ނުދައްކަ އެވެ. އަދި އޭނާއަކަށް ވެސް އިނގިރޭސިން އެހާ ރަނގަޅަށް ވާހަކަ ދައްކާކަށް ނޭނގެ އެވެ. އެމީހުންނަށް އިނގިރޭސި ލިޔެ ކިޔަން އެނގުނަސް އާންމުކޮށް ވާހަކަ ދައްކަނީ ތެލުގޫ ބަހުން ކަމަށް ވާތީ އެހާ މޮޅަށް އިނގިރޭސިން ވާހަކަ ދައްކާކަށް ދިވްޔާ އަކަށް ވެސް ނޭނގެ އެވެ.
ނަމަވެސް ފްލައިން އެކަޑަމީ އަށް ވަދެވި ކިޔަން ފެށުމާއެކު މި ހުރަސް ވެސް ދިވްޔާ ވަނީ ގިރާކޮށްފަ އެވެ.
"އަހަންނަށް އިނގިރޭސި ބައެއް ބަސްތައް ޕްރޮނައުންސް ކުރުމުގައި މައްސަލަތައް ދިމާވި. ނަމަވެސް ތަޖުރިބާގެ އަލީގައި އަހަރެން އެ މައްސަލަތައް ހައްލުކުރިން. ބައެއް ފަހަރަށް މި މައްސަލައާ ހެދި އަހަރެން ވަރަށް ދެރަވާން ޖެހުނު ކަންކަމާ ވެސް ކުރިމަތިވި. ނަމަވެސް ފަހުން ހުރިހާ ކަމެއް ވެސް ދަސްވި،" ދިވްޔާ ބުންޏެވެ.
މަތިންދާބޯޓު ދުއްވުމުގެ ޕްރޮފެޝަންގައި މިހާތަނަށް ގިނައިން އުޅެފައިވަނީ ފިރިހެނުންނެވެ. ނަމަވެސް މަޑުމަޑުން އަންހެނުން ވެސް މި ކަމަށް ވަދެ އެމީހުންގެ ނަން ވެސް މި އިންޑަސްޓްރީގައި މިހާރު ވަނީ ވިދަން ފަށާފަ އެވެ.
ވިދްޔާ ބުނި ގޮތުގައި މި ޕްރޮފެޝަން އަށް އަންހެނުން ވެއްދުމަށް އިންޑިއާއިން އިސްނަގައިގެން ކުރާ މަސައްކަތާ ދޭތެރޭ އޭނާ ވަރަށް އުފާވެ އެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާއި ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި ޕައިލެޓުންގެ ގޮތުގައި އަންހެނުން ނޫޅޭ މިންވަރަށް އިންޑިއާގައި މި މަސައްކަތް ކުރާ މީހުން އުޅޭކަން އޭނާ ފާހަގަކުރި އެވެ. އެގޮތުން އިންޑިއާގެ ޕައިލެޓުންގެ ތެރެއިން 15 ޕަސެންޓް މީހުންނަކީ އަންހެނުންނެވެ. ނަމަވެސް ދުނިޔޭގެ ނިސްބަތް އުޅެނީ 100 އަކުން އެންމެ ފަސް ޕަސެންޓުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަ
11 July 2017
ކާރު ނުދުއްވުނަސް މަތިންދާބޯޓު ދުއްވަން ހުއްދަ އޮވޭތަ؟
ޖޯޖޯ
10 July 2017
އަންނީ ކީމަ ވީގޮތް. ވަރަށް މޮޅުވާނެ. އެކަމު ދިވްޔާ އިސްތިއުފާ ނުދެއްޗޭ އެހާ އަވަހަށް.
ހަސަނު
10 July 2017
ތިީ ހަމަ ރަން ދަރިއެއް
އަހަންމަދު
10 July 2017
ހާދަ ރީއްޗޭ ދިވްޔާ!