ގޮނޑުހޮވައިގެން މުއްސަނދިވެ އަދިވެސް ގޮނޑުގައި

ކިތަންމެ ފަގީރަސް ބުރަ މަސައްކަތާއި ހިތްވަރުން މުއްސަނދިންނަށް ވެވިދާނެކަން، އިންޑިއާ މީހެއް ކަމަށްވާ ޖައިޕްރަކާޝް ޗައުދަރީ ވަނީ ސާބިތުކޮށްދީފަ އެވެ.


ވަނަމަކަށް ސާންތޫގެ ނަމުން މުޚާތަބުކުރާ މި މީހާ އަކީ އިންޑިއާގެ ބިހާރުގެ ރަށްވެއްސެކެވެ. އުމުރުން އެންމެ 17 އަހަރުގައި، އާމްދަނީ ހޯދަން މަސައްކަތެއް ލިބޭތޯ ނިއު ދިއްލީއަށް ހިޖުރަ ކުރި އެވެ. އެ ތަނުގައި އޭނާ އެންމެ ފުރަތަމަ ކުރި މަސައްކަތަކީ ކުނިގޮނޑަށް އުކާފައި ހުންނަ ގޯނި ހޮވައިގެން ވިއްކުމެވެ. އޭރު މިމަސައްކަތުން އޭނާއަށް ލިބެނީ މަހަކު އެންމެ 150 ރުޕީސް އެވެ.

ކުނި ރިސައިކްލް ކުރުމަކީ އަބަދުވެސް ސާންތޫ ބޭނުންވާ ގޮތް ކަމަށް ވާތީ ގޯނި ހޮވައިގެން ވިއްކުމުން އޭނާއަށް ފައިސާ ލިބުމުގެ އިތުރުން ކުނީގެ ގޮތުގައި އުކާލާފައި ހުންނަ އެއްޗަކުން އެހެން ބޭނުމެއް ކުރެވޭތީ ހިތްހަމަޖެހެ އެވެ.

މިއަދު ސާންތޫ އަކީ ކުނިގޮނޑަށް އުކާލާ ތަފާތު އެއްޗެތި ރިސައިކްލް ކޮށްގެން ކޮންމެ މަހަކު 11 ލައްކަ ރުޕީސް ހޯދާ މީހެކެވެ. ނިއު ދިއްލީގައި ކުނި އަޅާ އެންމެ ބޮޑު ދެ ގޮނޑުން، ރިސައިކްލް ކުރެވޭ ކަހަލަ ކުނި މިހާރު ޖަމާ ކުރެ އެވެ. މި މަސައްކަތުގައި އޭނާ މިހާރު 160 އަށް ވުރެ ގިނަ މުވައްޒަފުން ގެންގުޅެ އެވެ. އެއީ އެކި ކަހަލަ ކުނިތައް ވަކިކޮށް ބައިބައިބަޔަށް އަޅައި ތަންތަނަށް ވިއްކަން ގެންދިއުމުގެ މަސައްކަތުގައި އުޅޭ މީހުންނެވެ.

ބިހާރުން ދިއްލީއަށް ބަދަލުވެ އެ ތަނުގައި އޭނާ ހޭދަކޮށްފައިވާ 23 އަހަރުގެ ތެރެއިން ކޮންމެ ދުވަހަކީ ވެސް ސާންތޫ އަށް ހަނދާނުން ފޮހެލަން ދަތި ދުވަހެކެވެ.

އެންމެ ފުރަތަމަ އޭނާ އުޅުނީ މޭވާ ވިއްކާ ފިހާރައެއްގައި އަތްގާތްކޮށްދިނުމަށެވެ. ލިބެނީ ދުވާލަކު 20 ރުޕީސް އެވެ. ފަހުން މަސައްކަތު މީހަކަށް ބަދަލުވި އެވެ. ނަމަވެސް މިއަދު ސަންތޫ އަކީ ގޮނޑުހޮވަން އުޅޭ ނިކަމެތި އެތައް ހާސް ބައެއްގެ އުންމީދެވެ.

ސާންތޫ ވަނީ ކޯޕަންހޭގަން، ލަގްޒަމްބާގް އަދި ބްރެޒީލް ފަދަ ގައުމުތަކުގައި، ކުނި އުކާލުމާއި ރިސައިކްލް ކުރުމާ ބެހޭ ގޮތުން ލެކްޗަރުތައް ދީފަ އެވެ. އަދި އޭނާ ކުރާ މަސައްކަތާ ގުޅޭގޮތުން އޭނާގެ އަވަށުގެ މީހުން ދެކެމުން އައި ގޮތް ވެސް މިއަދު ސާންތޫ ވަނީ މުޅިން ބަދަލުކޮށްލާފަ އެވެ. ކުރިން އެމީހުން އޭނާ ދެކެނީ ގޮނޑުހޮވާ ނިކަމެތި މީހެއްގެ ގޮތުގަ އެވެ. ނަމަވެސް ސާންތޫއަށް ކިޔަވައިދިން ޓީޗަރުން ވެސް މިއަދު ގަބޫލުކުރާ ގޮތުގައި ކިޔަވައިގެން ތިބި މީހުން ނުކޮށްދޭ ވަރުގެ އަގުހުރި މަސައްކަތްތަކެއް ތިމާވެއްޓަށްޓަކައި ސާންތޫ ވަނީ ކޮށްދީފަ އެވެ.

މީގެ 23 އަހަރު ކުރިން 1994 ގައި މީހުންނަށް ސާންތޫ ފެންނާނީ ކޮނޑަށް ގޯނި އެއްލައިގެން، ގޮނޑުހޮވަން އުޅޭ ތަނެވެ. ވިއްކާލެވޭ ކަހަލަ އެއްޗެހި ހޯދަން އޭނާ ގޮނޑުގައި ވަރަށް ގިނަ ވަގުުތު ހޭދަކުރެ އެވެ. ނަމަވެސް އޭނާއަށް މި މަސައްކަތުގައި އޭރު ކެތް ކޮށްލެވުނީ އެންމެ މަހެއްހާ ދުވަހެވެ. ފަގީރުންނަށް މީހުން ހަދާ އިހާނެތި ގޮތްތަކާއި އެމީހުންނާ މެދު ގެންގުޅޭ ތަފާތުކުރުންތަކުގެ ސަބަބުން އޭނާ އެ މަސައްކަތް ދޫކޮށްފައި އަމިއްލަ އަވަށަށް، ބަނޑުހައިހޫނުކަމުގައި ދިރިއުޅެން ދިޔައީ އެވެ. ނަމަވެސް ދެ މަހެއްހާ ދުވަސް ފަހުން އަނެއްކާވެސް ކުނި ހޮވުމުގެ މަސައްކަތަށް އެނބުރި ދިޔައީ އެވެ.

ސަންތޫ ބުނި ގޮތުގައި ގޮނޑުހޮވާ މީހުންނަކީ ވައްކަން ކުރާ ބައެއް ކަމަށް އަދިވެސް މީހުން ދެކެ އެވެ.

ސަންތޫގެ ނަސީބު އަތުގައި ހިފީ 1999 ގައި އޭނާ ގާއިމްކުރި ކުނި ގޯނި އެއްކުރާ މީހުންގެ ޖަމިއްޔާ "ސަފާއި ސޭނާ" އާ އެކުގަ އެވެ. މި ޖަމިއްޔާ އުފެއްދީ ޗިންތަން އެންވަޔަރަމަންޓަލް ރިސާޗް އެންޑް އެކްޝަން ގްރޫޕް ކިޔާ އެންޖީއޯ އަކާ ގުޅިގެންނެވެ. މި އެންޖީއޯ އަކީ ކުނި ގޯނި ހޮވައިގެން ވިއްކާ މީހުންނަށް ގަދަރުވެރި ދިރިއުޅުމެއް ހޯދައިދިނުމަށް މަސައްކަތްކުރާ ޖަމިއްޔާ އެކެވެ.

ސަންތޫ ބުނި ގޮތުގައި މަގުމަތީގައި އެއްޗެހި ވިއްކާތީ މީހުންނަށް އުނދަގޫ ވެގެން ޝަކުވާ ކުރާތީ އެއް ތަނުން ފަހާލުމުން އަނެއް ތަނަށް ދާން ހަދައިގެން އޭނާއަށް ފައިސާގެ ގޮތުން ވަރަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވި އެވެ. ނަމަވެސް ހިތްވަރާއެކު ކުރި މަސައްކަތުން 2012 ގައި ސާންތޫ ވަނީ އޭނާގެ އަމިއްލަ ކުނި ކޮއްޓެއް ގާޒީއާބާދުގެ ސިކަންދަރްޕޫރްގައި ގާއިމުކޮށްފަ އެވެ. މިތަން އޭނާ ހެދީ މީހުން ދިރިއުޅޭ ހިސާބާ ވަރަށް ދުރުގަ އެވެ. ފަހުން ދިއްލީގެ ރެއިލްވޭ ސްޓޭޝަނުގައި ވެސް އޭނާ މިފަދަ ކުނި ކޮއްޓެއް ގާއިމްކުރި އެވެ. އެތަނުގައި މިހާރު 160 މީހުން އޭނާގެ ދަށުން މަސައްކަތް ކުރެ އެވެ.

މިހާރު ސަންތޫ އަށް ދިއްލީގެ 10 މޯލަކުންނާއި ހޮޓާތަކާއި އޮފީސްތަކުން އުކާލާ ކުނިތައް ލިބެ އެވެ. އަނެއް ޔުނިޓްގައި މަސައްކަތްކުރާ މީހުންނަށް ރެއިލްވޭ އިން އުކާލާ ކުނިތައް ލިބެ އެވެ.

އޭނާ ބުނި ގޮތުގައި ސިކަންދަރްޕޫރުން އެކަނިވެސް އޭނާއަށް ކޮންމެ ދުވަހަކު ހަތަރު ޓަނު ކުނި ލިބެ އެވެ. އަދި މީގެ ތެރެއިން ތިން ޓަނުގެ ޑްރައި ވޭސްޓް ކޮންމެ ދުވަހަކުވެސް ޕްރޮސެސް ކުރެވޭ ކަމަށް ސިކަންދަރްޕޫރު ކުނިއަޅާ ޔުނިޓްގެ ސުޕަވައިޒަރު ބުންޏެވެ.

ޗިންތަން އެންޖީއޯއިން އަންދާޒާކުރާ ގޮތުގައި ދިއްލީން އުކާލާ ކުނީގެ 25 ޕަސެންޓް ނަގަނީ ސަންތޫގެ މުވައްޒަފުންނެވެ. މިހާރު އެ ހިސާބުގެ މުނިސިޕަލް ކޯޕަރޭޝަންގެ އޮފިޝަލުން ވެސް ސަންތޫގެ ކުނި ސެންޓަރަށް ޒިޔާރަތްކޮށް އެ ތަނުން ކުނިތައް އަގުހުރި މުދަލަށް ހަދައިގެން ވިއްކާ ގޮތް ވަނީ ބަލައިފަ އެވެ.

ކުނި ރިސައިކްލްކުރުމުން ސަންތޫ އަށް ފައިސާ ލިބުމުން އޭނާ އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދެ އެވެ. އޭނާ ވަޒީފާ ދިނުމުގައި އެއްވެސް އުމުރެއް ޖިންސެއް އަދި އެނޫންވެސް އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅެ އެވެ.

ޗިންތަން އެންޖީއޯގެ އޮޕަރޭޝަންސް ހެޑް ޗިތުރާ މުކަރުޖީ ބުނި ގޮތުގައި ހަގީގީ ތިމާވެށީގެ ލީޑަރުންނަކީ ސަންތޫ އާއި އޭނާގެ ދަށުން ވަޒީފާ އަދާ ކުރާ މީހުންނެވެ. އެމީހުން ވަނީ ކުނިގޮނޑަށް އުކާލާ ކުނި އަލުން ރިސައިކްލްކޮށް ވިއްކައިގެން ބަނޑުހައި ހޫނުކަން ފިލުވިދާނެކަމުގެ ރީތި މިސާލެއް ދައްކުވައިދީފައި ކަމަށް އޭނާ ބުންޏެވެ.