ގުޅިފައިވާ މި ދެބެއިން ބޭނުންކުރީ ސައިންސްގެ ތަހުލީލުތަކަށް

ރަޝިޔާގެ މޮސްކޯގައި 1950 ވަނަ އަހަރުގެ ޖެނުއަރީ މަހު، ގުޅިފައިވާ ދެ ކުއްޖަކު އުފަންވި އެވެ. ސިޒޭރިއަން ހަދައިގެން ނެގި މި ދެ ކުދިންނަށް ކިޔަނީ މާޝާ އާއި ދާޝާ ކްރިވޮޝްލިޔޮޕޯވާ އެވެ. އޮޕަރޭޝަނަށް ފަހު ހޭ އެރުމުން މި ދެބެއިންގެ މަންމަ ކައިރީގައި ހޮސްޕިޓަލުން ބުނެފައި ވަނީ ވިހޭ އިރު ވެސް ދެބެއިން އޮތީ މަރުވެފައި ކަމަށެވެ.


ނަމަވެސް މިއީ ސްޓާލިންގެ ޒަމާނުގައި ސޯވިއެޓް ޔޫނިއަންގެ ބާރުވެރި ފަރާތްތަކުން ހެދި ބޮޑު ދޮގެކެވެ. މަންމައަށް ދޮގުހަދާފައި މި ކުދިން ގެންދިޔައީ މޮސްކޯގައި ހުންނަ މެޑިކަލް އިންސްޓިޓިއުޓަކަށެވެ. ހައިރާންވާ ފަދަ ދިރާސާތަކަކަށް ބޭނުންކުރުމަށެވެ.

ސޯވިއެޓް ފިޒިއޮލޮޖިސްޓް ޕައިޓޮރް އަނަކޮން އެ ދުވަސްވަރު ދިޔައީ ނާވަސް ސިސްޓަމާއި ބްލަޑް ސިސްޓަމުން ހަށިގަނޑުގައި އަދާކުރާ ވަކި ރޯލުތަކާއި، މާގިނައިރު ނުނިދާ ހުރުމާއި، އިންތިހާއަށް ބަނޑުހައިވުން އަދި ޓެމްޕްރޭޗާ މާ ބޮޑަށް ބަދަލުވެގެން ދިއުން ފަދަ ހާލަތްތައް ކުރިމަތިވުމުން އެކަންކަމަށް ކެތްކުރުމުގެ ގާބިލްކަން ހަށިގަނޑުން ހޯދާ ގޮތާ ބެހޭ ދިރާސާތަކެއް ކުރަމުންނެވެ.

ނަސީބު ދިމާކުރިގޮތުން ދާޝާ އާއި މާޝާ އަކީ ގުޅިފައިވާ ދެބެންނަށް ވީ ފަދައިން މި ދެބެން ހިއްސާކުރަނީ އެންމެ ބްލަޑް ސިސްޓަމެކެވެ. މާނައަކީ ދެބެންގެ ގައިގައި ލޭ ދައުރުވަނީ އެންމެ ނިޒާމެއްގެ ތެރެއިން ކަމަށް ވުމެވެ. ނަމަވެސް ނާވަސް ސިސްޓަމް ނުވަތަ ނާރުތަކުގެ ނިޒާމު ހުރީ ވަކިންނެވެ. އެހެންކަމުން މި ދެބެއިންވީ އަނަކޮން ހަދަމުންދިޔަ ދިރާސާގައި ބޭނުންކުރަން ވަރަށް ރަނގަޅު އޮބްޖެކްޓަކަށެވެ.

މި ކުދިން ގެންގޮސް ލީ އެކަޑަމީ އޮފް މެޑިކަލް ސައިންސަސް ޕީޑިއެޓްރިކް އިންސްޓިޓީއުޓަށެވެ. މިތަނުގައި އަންކޮންގެ ފިޒިއޮލޮޖިސްޓުންގެ ޓީމުން ހަ އަހަރު ވަންދެން މި ކުދިން ބޭނުންކޮށްގެން ތަފާތު ދިރާސާތައް ހަދަމުން ގެންދިޔަ އެވެ.

ލެބޯޓްރީއާ އިންވެގެން ބިއްލޫރި ފޮއްޓެއްގައި އެނދު ތައްޔާރުކޮށް މި ކުދިން ބައިތިއްބާފައި ތިބީ އެތަނުގަ އެވެ.

ދިރާސާތައް ހެދުމުގެ ތެރޭގައި އެކުދިން ފިއްސާލާފައި އެވެ. އަނެއްބައި ފަހަރު ފިނިކޮށް ގަނޑުކޮށްލާފައިވެ އެވެ. އަނެއް ބައި ފަހަރު ނިދިޔަ ނުދީ އެތައް ދުވަހެއް ވަންދެން ބޭތިއްބި އެވެ. އަނެއްބައިފަހަރު ކާން ނުދީ ބަނޑަށް ހާންތި ކުރުވި އެވެ. އެވަރުން ނުވެގެން ރޭޑިއޯއެކްޓިވް އާއި އެނޫން ވެސް، އިންސާނުންނަށް ގެއްލުންލިބޭ ސަބްސްޓެންސްތައް އެކުދިންގެ ހަށިގަނޑަށް ފޮނުވާފައިވެ އެވެ. އަދި ބައެއް ފަހަރަށް، ކަރަންޓުގައި ޖައްސައިގެން ވެސް ބައެއް ތަހުލީލުތައް ކުރި އެވެ.

މިފަދަ އެއް އެކްސްޕެރިމެންޓެއްގައި ސައިންސްވެރިން މިތަނުން އެއް ކުއްޖެއްގެ ގަޔަށް ތިނޯސް ހަރައިގެން އަނެއް ކުއްޖާއަށް އެކަން އިހްސާސް ކުރެވޭތޯ ބަލާފައިވެ އެވެ. އަނެއް ބައި ފަހަރު އައިސް އަޅާ ފުރާފައިވާ ބިލިގާއަކަށް އެއް ކުއްޖަކު ލާފައި އަނެއް ކުއްޖާގެ ހަށިގަނޑުގެ ފިނިހޫނުމިން ބަލާފައިވެ އެވެ.

ކުޑަކުދިންނަށް އާއްމުކޮށް ލިބޭ ލޯތްބާއި އޯގާތެރިކަމުގެ ކުޑަ މިންވަރެއް ނަމަވެސް މި ކުދިންނަކަށް ލިބިފައެއް ނެތެވެ. މި ހުރިހާ އަނިޔާއަކަށް ކެތްކުރުމުގެ ކުޅަދާނަކަން މި ކުދިންނަށް ލިބިފައިވަނީ އެއް ކުއްޖަކު އަނެއް ކުއްޖެއްގެ ފަރާތުންނެވެ.

ދިރާސާ ހެދުމުގެ ނަމުގައި މާޝާ އާއި ދާޝާ އަށް ކުޑައިރު ރަޝިޔާގެ ސައިންސްވެރިން ވަނީ ވަރަށް ބޮޑެތި އަނިޔާތައް ކޮށްފައި

މި ދެ އަންހެން ކުދިން ގުޅިފައިވަނީ މައިބަދައިން 180 ޑިގްރީގެ އެންގަލް އަކަށެވެ. އަދި ކޮންމެ ކުއްޖެއްގެ ވެސް ހުރީ އެންމެ ފައެކެވެ. ނަމަވެސް ހަތަރު އަތް ހުއްޓެވެ. އަދި ކުޑަ ގޮހޮރު ވެސް އޮތީ ވަކިންނެވެ. ނަމަވެސް ބޮޑުގޮހޮރާއި ފުރަގަސް ފަރާތް ދެ ކުދިން ޖެހެނީ ހިއްސާކުރާށެވެ.

ހަތަރު ކިޑްނީ ހުއްޓަސް އިނީ އެންމެ ބްލެޑާއެކެވެ. އަދި ދަރިމައިވުމުގެ ނިޒާމުވެސް ޖެހެނީ ޝެއާ ކުރާށެވެ.

ކޮންމެ ކުއްޖެއްގެ ވެސް ހިތާއި ފުއްޕާމޭ ވަކިން ހުއްޓަސް މި ގުނަވަންތަކަށް ލޭ ފޮނުވައިދޭ ނިޒާމަކީ ދެ ކުދިން ހިއްސާ ކުރާ އެއް ނިޒާމެކެވެ. މި ކުދިންގެ ނާވަސް ސިސްޓަމް ހުރީ ވަކިންނެވެ. މާނައަކީ އެއް ކުއްޖަކަށް ބައްޔެއް ޖެހުނަސް އަނެއް ކުއްޖަކަށް އެ ބަލި ނުޖެހި ދިއުމަށް ފުރުސަތު އޮތުމެވެ.

ކުޑައިރު މިއިން އެއް ކުއްޖަކަށް ހިމަބިހި ޖެހުނެވެ. ނަމަވެސް އަނެއް ކުއްޖާއަކަށް ނުޖެހެ އެވެ.

އެކުދިން ސެންޓްރަލް ސައިންޓިފިކް ރިސާޗް އިންސްޓިޓިއުޓް އޮފް ޓްރޯމެޓޮލޮޖީ އެންޑް އޯތޮޕީޑިކްސް އަށް ބަދަލުކޮށްފައި ވަނީ 1956 ވަނަ އަހަރު އެވެ. އޭގެ ފަހުން ވެސް ކުޑަކުދިންގެ ވޯޑުގައި ފޮރުވައިގެން މި ކުދިން އަށް އަހަރު ވަންދެން ގެންގުޅެފައިވެ އެވެ. އޭގެ ފަހުން، ރަޝިޔާގެ ދެކުނުގައި އޮންނަ ނުކުޅެދުންތެރިކަން ހުންނަ ކުދިން ގެންދާ ސްކޫލެއްގެ ބޯޑިންގަކަށް މި ކުދިން ބަދަލު ކުރި އެވެ.

މި ކުދިން ބޮޑެތި ވަމުން ދިޔަ ވަރަކަށް އެކުދިންގެ ކިބައިން ވަރަށް ތަފާތު ދެ މިޒާޖެއް ފެންނަމުން ދިޔަ އެވެ.

މި ކުދިން ކުޑައިރު ފަރުވާ ދިން ޑޮކްޓަރުން ބުނެފައިވާ ގޮތުގައި އޭގެ ތެރެއިން އެއް ކުއްޖަކީ ޕްރޮފެސަރުންގެ އާއިލާއެއްގައި ގެންގުޅެފައިވާ ކުއްޖެއްގެ ސިފަތައް ހުރި ކުއްޖަކަށް ވިއިރު އަނެއް ކުއްޖާ ވީ ތަނެއް ދޮރެއް ނޭނގޭ މީހުންގެ ތެރޭގައި އުޅެ ބޮޑުވެފައިވާ ކުދިންގެ ގޮތްގަނޑު ހުރި ކުއްޖެކެވެ.

މި ދެބެއިންނާ 1988 ގައި ބައްދަލުވެ އެކުވެރިކަން ބަދަހިވި ނޫސްވެރިއެއް ކަމަށްވާ ޖޫލިއަޓް ބަޓްލާ ބުނި ގޮތުގައި އޭނާ އެކުދިން ދަންނަން ފެށިފަހުން ހޭދަވި 12 ވަރަކަށް އަހަރުގެ ތެރޭގައި އެކުދިންގެ މިޒާޖު ވަރަށް ބޮޑަށް ދަސްވި އެވެ.

އަދި "ގުޅިފައިވާ ދެބެން"ގެ ހަގީގީ މާނަ މި ކުދިންގެ ފަރާތުން ފާހަގަ ކުރެވުނެވެ. އަދި އެކުދިންނަކީ ހަމައެކަނި ހަށިގަނޑުން ގުޅިފައި ވުމުގެ އިތުރުން އެހެން އެއްވެސް ކަމެއް އެކަކު އަނެކަކާ އެއްވެސް ގުޅުމެއް ހުރި ބައެއް ނޫންކަން އޭނާއަށް ފާހަގަ ކުރެވުނު ކަމަށް ބަޓްލާ ބުންޏެވެ.

މި ދެބެއިންގެ ހަޔާތާ ބެހޭ ވާހަކައެއް ވެސް ލިޔުނު ބަޓްލާ ބުނި ގޮތުގައި ދާޝާ އަބަދުވެސް އެހެން މީހުން އުޅޭ ކަހަލަ އާދައިގެ ދިރިއުޅުމެއް އުޅެން ބޭނުންވެގެންނެވެ. އަދި ކުޑައިރު އޭނާއަށް ފިރިހެން ކުއްޖަކު ދެކެ ލޯބިވެސް ވެވުނެވެ. ނަމަވެސް ދާޝާގެ ދައްތަ މާޝާ އޭނާގެ ދިރިއުޅުމަށް އެއްވެސް ބަދަލެއް ގެންނާކަށް ބޭނުމެއް ނޫނެވެ. ދާޝާ އާމްދަނީ ހޯދަން މަސައްކަތް ކުރާއިރު މާޝާ ވަގުތު ހޭދަކުރަނީ ދުންފަތުގެ އިސްތިއުމާލު ކުރުމާއި ނޫސް ކިއުމުގަ އެވެ.

ޑެއިލީ ޓެލެގްރާފަށް ނޫސްވެރިޔާ ކިޔާދީފައިވާ ގޮތުގައި 90ގެ އަހަރު ތަކުގެ ފަހުކޮޅު އެއް ދުވަހަކު އޭނާ އިނގިރޭސި ސާޖަންއެއްގެ ސިޓީއެއް ހިފައިގެން އެ ދެބެއިންނާ ބަދަލުކުރަން ދިޔަ އެވެ. މި ސާޖަން އަކީ މިގޮތަށް ގުޅިފައި ތިބޭ ކުދިން ވަކިކުރުމުގެ މަސައްކަތް އޭރު ވެސް ކުރާ ވަރަށް ކުޅަދާނަ ޑޮކްޓަރެކެވެ. މި ސިޓީ ފެނިފައި ދާޝާގެ ލޮލުން އުންމީދު ފެނިގެން ދިޔަ އެވެ. އަދި މާޝާއާ ދިމާލަށް އުފަލުން ބަލައިލި އެވެ. ނަމަވެސް މާޝާ ވަގުތުން ނޫނެކޭ ބުންޏެވެ. އެހިސާބުން އެކަން އެ ނިމުނީ އެވެ.

މާޝާ އާއި ދާޝާ: ދުނިޔޭގައި އުޅެ ނިމިގެން ދިޔައީ ވެސް އެކު އެކުގައި

މިތަނުން އެއް ކުއްޖަކީ ކަނާއަތްތެރިއެކެވެ. އަދި ކައިރި އެހާ ރީއްޗަކަށް ނުފެނެ އެވެ. ނަމަވެސް އަނެއް ކުއްޖާއަކީ ދުންފަތުގެ އިސްތިއުމާލުކުރުމާއި ރާ ބުއިމަށް ދެވި ހިފާފައިވާ ވާތްތެރިއެކެވެ. އަދި އޭނާގެ ލޮލުގެ އެއްވެސް މައްސަލައެއް ނުހުރެ އެވެ.

މި ދެ މީހުންގެ ލޭ ދައުރުވާ ނިޒާމަކީ އެކައްޗަކަށް ވާތީ އެކަކު މަސްތުވެއްޖެ ނަމަ އަނެނަކު ވެސް އިންނަނީ އެ ހާލުގަ އެވެ.

މި ދެ ކުދިންނާ ބެހޭ ގޮތުން 2000 ގައި އުފައްދާފައިވާ ޑޮކިއުމެންޓްރީއެއްގައި ދާޝާ ބުނި ގޮތުގައި މީހުން އެކުދިންނަށް ވަރަށް ހުތުރު އެއްޗެތި ކިޔައި މަލާމާތްކޮށް ރޮއްވާލަ އެވެ.

މި މީހުންގެ ހަޔާތުގެ ފަހުކޮޅު އެމީހުންގެ އަސްލު މަންމައާ ވެސް ބައްދަލުވުމުގެ ފުރުސަތު ލިބުނެވެ. އަދި 1985 އިން ފެށިގެން ހަތަރު އަހަރު ވަންދެން އެމީހުންގެ މަންމަ އެމީހުން ދެކެން ގޮސްފައިވެ އެވެ. އޭގެ ފަހުން މާޝާ ގަސްތުގައި މަންމައާ ގުޅުން ކަނޑާލީ އެވެ.

ސިއްހީ ކަންތައްތައް ދުނިޔޭގައި ތަރައްގީ ވަމުން ގޮސް މި ކުދިން ވަކި ކޮށްދޭން ވަރަށް ގިނަ ޑޮކްޓަރުން ހުށަހެޅި ނަމަވެސް އެމީހުން އެކަމަކަށް އެއްބަހެއް ނުވި އެވެ. އަދި އޭޕްރީލް 17، 2003 ގައި ހާޓް އެޓޭކެއް ޖެހިފައި މާޝާ މަރުވުމުން ވެސް ދާޝާ އޭނާގެ ދައްތައާ ވަކިވާކަށް ބޭނުމެއް ނުވި އެވެ. ދާޝާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މާޝާ މަރުވިތާ 17 ގަޑިއިރު ފަހުން އޭނާ ވެސް ވަނީ މަރުވެފަ އެވެ. ސަބަބަކީ މާޝާ މަރުވުމުން އޭނާގެ ހަށިގަނޑު ކުނިވާން ފެށުމުން ނުކުތް ވިހަތައް ލޭގެ ތެރޭގައި ދައުރުވާން ފެށުމެވެ.

އުމުރުން 53 އަހަރުގައި މި މީހުން މަރުވިއިރު ދުނިޔޭގައި އޭރު ތިބި އެންމެ ދުވަސްވީ ގުޅިފައިވާ ދެބެއިންނަކީ މިއީ އެވެ.