17 އޯގަސްޓް 2017 - 06:21
ގިނައީ މަތިންދާބޯޓުގައި ދަތުރުކުރަން ބިރު ގަންނަ މީހުންނެވެ. މަތިންދާބޯޓަކަށް އަރައި ހަމަޖެހިލުމަށްފަހު ބޯޓު ރަންވޭއިން ނައްޓާލައި އެތައް ހާސް ފޫޓެއްގެ މައްޗަށް އަރަމުން އެމީހަކު އެ ދާން ބޭނުންވާ މަންޒިލަކަށް މިސްރާބު ޖަހާ ވަގުތު މިފަދަ މީހުން ލައްކަ އެއްޗެހި ހިތަށް އަރައި ފައިބާނެ އެވެ.
މަތިންދާބޯޓަށް އެރުމުން އެ ގަންނަ ބިރަކީ ކާރު ފަދަ އެއްގަމު އުޅަނދަކަށް އަރައި އިންނަ ވަގުތު ގަންނަ ކަހަލަ ބިރެއް ނޫނެވެ.
އެމެރިކާ ސަރުކާރުން އެއްކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު މަތިންދާބޯޓުން ދަތުރު އެވްރެޖްކޮށް، އެއްގަމުގައި މި ކުރާ ދަތުރުތަކަށް ވުރެ މާ ބޮޑަށް ވެސް ރައްކާތެރި އެވެ.
ނެޝަނަލް ހައިވޭ ޓްރެފިކް ސޭފްޓީ އެޑްމިނިސްޓްރޭޝަންގެ ޑޭޓާތަކުން ދައްކާ ގޮތުން 2015 ގައި އެއްގަމު އުޅަނދުތަކަށް ދިމާވި އެކްސިޑެންޓްތަކުގެ ތެރެއިން ފުރާނައަށް ނުރައްކާވާ ޒާތުގެ 32،166 އެކްސިޑެންޓް ހިނގައި 35،000 މީހުން މަރުވެފައިވެ އެވެ. މިއީ އެމެރިކާގެ ރައްޔިތުންގެ ކޮންމެ އެއް ލައްކަ މީހަކަށް 11 މީހުންގެ ރޭޓެވެ.
މިއާ ޚިލާފަށް އެމެރިކާގެ އެއާލައިންތަކަށް 2015 ގައި ދިމާވި އެކްސިޑެންޓްތަކުގެ އަދަދަކީ 27 އެވެ. ނެޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑުގެ ޑޭޓާތަކުން ދައްކާ ގޮތުން މިއިން އެއްވެސް އެކްސިޑެންޓެއްގައި ވެސް މީހަކު މަރެއް ނުވެ އެވެ.
އެހެން ގޮތަކަށް ބަލާލާނަމަ އެމެރިކާ މީހަކު ކާރު އެކްސިޑެންޓެއްގައި މަރުވުމުގެ ފުރުސަތު 114 ފަހަރަކުން އެއް ފަހަރު އޮވެ އެވެ. ނަމަވެސް ވައި އަދި ސްޕޭސްގެ ޓްރާންސްޕޯޓު ހާދިސާތަކުގައި (މީގެ ތެރޭގައި ޕްރައިވެޓް ފްލައިޓްތަކާއި އެއާ ޓެކްސީ ވެސް ހިމެނޭ ގޮތަށް) މީހަކު މަރުވުމުގެ ފުރުސަތު އޮންނަނީ 9،821 ފަހަރަކުން އެއް ފަހަރަކު އެވެ. މަތިންދާބޯޓު އެކްސިޑެންޓެއްގައި މަރުވާ މީހުންނަށް ވުރެ ކަރުގައި ކާއެއްޗެހި ތާށިވެގެން މަރުވުމުގެ ފުރުސަތު ވެސް ތިން ގުނަ އިތުރެވެ.
އެހެންކަމުން ތަފާސް ހިސާބުތަކަށް ބަލާލާނަމަ މަތިންދާބޯޓެއްގައި ދަތުރުކުރުން އެއްގަމު އުޅަނދެއްގައި ދަތުރު ކުރުމަށް ވުރެ މާބޮޑަށް ވެސް ރައްކާތެރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޯކެކުއްތާ
21 August 2017
މަތިންދާބޯޓް ރައްކާތެރިއެއްނޫން، ކާރު އިންޖކީނު ހުއްޓުނަސް، ސަލާމަތްވާނެ، އެކަމު އެތަށް ހާސް ފޫޓް މަތީގަ އޮންނަ ބޯޓެއް އިންޖީނު ހުއްޓިއްޖެ ނަމަ އެންމެންގެ ފުރާނަ ދިޔައީ .....
މަގޭ ޚިޔާލު
20 August 2017
ތިމާއަށް ކޮންޓުރޯލު ނުކުރެވޭ ނުވަތަ ބާރުނުފޯރުވޭ އެއްޗެއްސާ ކަންކަމާ މެދު، ޚާއްޞަކޮށް އެފަދަ އެއްޗެއް ނުވަތަ ކަމެއްގެ ސަބަބުން ތިމާއަށް ނުރަނގަޅު އަސަރެއް ކުރާނަމަ، އެކަމެއް ނުވަތަ އެއްޗެއް ދެކެ ތިމާ ބިރުގަނެއެވެ. މަތިންދާބޯޓުގައި ދަތުރުކުރާއިރު ބޯޓުގެ އެއްވެސް ކަމަކަށް ތިމާގެ ބާރެއް ނުފޯރުވެއެވެ. ޖެހިލުންވެ ބިރުގަންނަލެއް ބޮޑުވަނީ މި ސަބަބާ ހުރެއެވެ. އެއްގަމު އުޅަނދެއްގައި ދަތުރު ކުރާއިރު ތިމާގެ އަތުގައި ކޮންޓްރޯލު ނެތަސް ބޭނުން އިރަކު އުޅަނދުން ފޭބޭނެ ކަމަށް ވިސްނޭތީ ރައްކާތެރިކަމުގެ އިހްސާސް ކުރެވޭލެއް ބޮޑީއެވެ.
ޖައްބޯރް
20 August 2017
ކާރާއި މަތިންދާ ބޯޓަށް ބަލާއިރު، ކާރަކީ އެއްގަމުގައި ދުއްވާ އެއްޗެކެވެ، ނަމަވެސް މަތިންދާބޯޓަކީ އެެތައްހާސް ފޫޓް މަތިން ދަތުރު ކުރާ އެއްޗެކެވެ. ފުރަތަމަ ޓެކަނިކަލް މައްސަލަ އަކަށް ބަލާލަމާހެއްޔެވެ ! މިދޭއްޗަކީވެސް އިންޖީނުލީ އެއްޗެއްސެވެ، ވީމާ އިންޖީނު ހުއްޓުން ނުވަތަ ސްޕީޑް ދިޔުން ؟ ދެންވާނީ ކިހިނެއްހެއްޔެވެ ؟ މަތީގައި އޮންނަ އެއްޗެއްތޯ ނުވަތަ އެއްގަމުގައި އޮންނަ އެއްޗެއްތޯ ؟ އަމިއްލަ ނަފްސާ ސުވާލު ކޮށްލާށެވެ ؟ އަޅުގަނޑު މި ފާހަގަ ކޮށްލި އަދި އެންމެ ޕޮއިންޓެކެެވެ.
އަތްފުނާ
17 August 2017
މަތިންދާބޯޓުގެ ނުރައްކާ ވަގުތުކޮޅަކީ ނައްޓާލަ ވަގުތުކޮޅާ ޖައްސާ ވަގުތުކޮޅު.ކާރުގެ ނުރައްކާތެރި ވަގުތު ކޮޅަކީ ބާރައްދުއްވާ ވަގުތުކޮޅު.މިދޭއްޗަށްވެސް އޭގެ ޒާތުގައި މައްސަލަ ދިމާވުން ވަރަށް ވަރަށްވެސް ކުޑަ.އާންމުކޮށް މައްސަލަތައް ދިމާވަނީ އެފަދަ ތަކެއްްޗަށް ހަވާލުވެެގެން ތިބޭ މީހުންގެ ފަރުވާ ކުޑަކަމުން އެހެން ނޫނަމަ ވަރަށް ވަރަށްވެސް ރައްކާތެރި ، ގުދުރަތްތެރި ހާލަތެއް މެދުވެރި ނުވާނަމަ...............
ޝާފީ
17 August 2017
އެމްއެޗް 370 ގެއްލުނު ހިސާބުން ފެށިގެން ދެން މިދިޔަ ތިން އަހަރަކީވެސް މަތިންދާބޯޓުގެ އެކިއެކި ހާދިސާތައް ހިނގުން ވަރަށް ބޮޑަށް އިތުރުވަމުން ދިޔަ ދުވަސްވަރެއް! މަތިންދާ ބޯޓަށް އަރަން މީހުން މިހާރު ބިރުގަންނަނީވެސް އެހެންވެ! އަސްލު ހަގީގަތުގައި ކާރު، ސައިކަލު ނުވަތަ މަތިންދާބޯޓު ކަމަށްވިޔަސް އެއެއްޗެއްގައި ސޭފްޓީ މެޝާރސްތަކަށް ބަލައިގެން އުޅުނީމަ، ސޭފްޓީ ރޫލްސްތައް ފޮލޯކޮށްގެން އުޅުނީމަ އިރާދަކުރެއްވިއްޔާ ހަމަ ރަނގަޅުވާނެ! އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުތައްވެސް ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ނުދުއްވާ ގަވާއިދުތަކާއި އެއްގޮތަށް ދުއްވުން މުހިންމު!
އަހުމަދުބެ
17 August 2017
ކާރާއި މަތިންދާބޯޓްވެސް އޭގެ އާބާދީ އަށް ބަލާއިރު ރައްކާތެރިއެވެ. އެންމެ ރައްކާތެރީ ދަތުރު ދުއާ ކިޔުމެވެ.
މަރީ
17 August 2017
އެކަމުވެސް ވަރަށް ބިރުގަނޭ. ބޭނުންވަނީ ބިމަށް އަވަހަށް ފައިބަން އޭގަ އިންނައިރު. ބޭރަކަށް ނުނކުމުވޭ. ބަންދުވެފަ އިންނަނީ. ކިރިޔާ ތެޅުވިލިޔަސް ހީވަނީ ވެއްޓެނީ އޭ. މަރުވާނެކަން އެނގޭ އެކަމުވެސް މަތިންދުވާ ބޯޓުގަ ވީމް ހަމަބިރުވެރީ. ވަރަށްވެސް ބިރުވެރިކަމެއް އިޙްސާސް ކުރެވެނީ ކަނޑުގަވެސް މާ ހެޕީ ދަތުރުކުރަން. ބިރެއް ނުގަނޭ ކަނޑުގަދަޔަސް