އަލިފާން ނުހިފާ ވައްތަރުގެ ކެމިކަލް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ސޯފާ ފަދަ ތަކެތިން ބަލިވެ އިނުމަށް ހުރަސް އަޅާ ކަމަށް ސައިންސްވެރިން ބުނޭ
27 އޯގަސްޓް 2017 - 06:10
ކާރު ސީޓާއި ސޯފާ ސީޓުން އާއްމުކޮށް ފެންނަ ކެމިކަލްތަކެއްގެ ސަބަބުން، އަންހެނުން ބަލިވެ އިނުމަށް ހުރަސްތައް ކުރިމަތިވާ ކަމަށް ސައިންސްވެރިން ކޮށްފައިވާ ދިރާސާއަކުން ހާމަވެއްޖެ އެވެ.
އަލިފާން ރޯވުމުގެ ފުރުސަތު ކުޑަކުރުމަށް ސޯފާ އާއި ސީޓުގައި ބޭނުންކޮށްފައިވާ ހުންނަ މި ކެމިކަލްތައް ހިރަފުހަށް ވެގެން ވައިގެ ތެރެއަށް ދެ އެވެ. މީގެ އަސަރުކުރާ އަންހެނުން ބަލިވެ އިނުމުގެ ފުރުސަތު ތިން ގުނައަށް ދަށަށް ދާ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.
އައިވީއެފް ފަރުވާ ހޯދަމުން އަންނަ އަންހެނުންތަކެއް ބޭނުންކޮށްގެން ކޮށްފައިވާ މި ދިރާސާއިން ހާމަވެފައިވާ ގޮތުގައި ނޭވާގެ ޒަރިއްޔާއިން މިފަދަ ކެމިކަލްތައް ހަށިގަނޑުގެ ތެރެއަށް ދާ ނިސްބަތުން ބަލިވެ އިންނަން ހުރަސް އަޅަ އެވެ.
މި ދިރާސާގައިވާ ގޮތުން ފޯމް ރިޓާޑަަންޓްސް ނުވަތަ އަލިފާން ނިއްވަން ފޯމްގެ ގޮތުގައި ބޭނުންކުރާ މި ކެމިކަލްތައް ހޯމޯންތަކުގެ މަސައްކަތަށް ހުރަސްތައް ކުރިމަތިކުރެ އެވެ. ހޯމޯންތައް ބެލެންސްވުން ބަލިވެ އިނުމަށް ވަރަށް މުހިއްމެވެ.
ހާވާޑް ޓީ.އެޗް ޗޭން ސްކޫލް އޮފް ޕަބްލިކް ހެލްތުން ކޮށްފައިވާ މި ދިރާސާގައި އަންހެނުންގެ ކުޑަކަމުދާ ނަޖިހުގައި މިފަދަ ކެމިކަލްތައް ހުރި މިންވަރު ވަނީ ބަލާފަ އެވެ. އަދި ދިރާސާގެ ނަތީޖާގެ އެހީގައި، ދިރާސާކުރި ސައިންސްވެރިން ވަނީ އޯގެނޯފޮސްފޭޓް ފްލޭމް ރިޓާޑަންޓްސް (ޕީއެފްއާރްއެސް) ކެމިކަލް އެކުލެވޭ އުފެއްދުންތަކާ ދުރުހެލިވުމަށް ދަރިން ހޯދަން ބޭނުންވާ މީހުންނަށް އިލްތިމާސް ކޮށްފަ އެވެ.
މި ދިރާސާގެ މަސައްކަތުގައި އިސްކޮށް ހުންނެވި ޑރ. ކޯޓްނީ ކާރިގްނަން ވިދާޅުވި ގޮތުގައި ޕީއެެފްއާރްއެސް އަކީ ދަރިން ނުލިބޭ މައްސަލަ މިހާރު އެހާ ބޮޑުވުމަށް މެދުވެރިވާ ބޮޑު ސަބަބެއް ކަމަށް މި ދިރާސާއިން ޔަގީންވެ އެވެ.
ސައިންސްވެރިން ބުނާ ގޮތުގައި ވަރަށް ގިނަ ކެމިކަލް ތަކަކީ ދަރިން ލިބުމަށް ހުރަސް އަޅާ އެއްޗިއްސެވެ. އޭގެ ތެރޭގައި ތަޅުންގަނޑުގައި ޖަހާ ޕީވީސީ، ފާޚާނާގައި ހުންނަ ޝަވާ ކާޓްން، ޑިސްއިންފެކްޓަންޓްސް، މައުތު ވޮޝް ހިމެނެ އެވެ. އަދި ޔޯގާ ފަދަ ކަންތަކުގައި ޖިމްގައި ބޭނުންކުރާ މެޓް ގައި ވެސް މިފަދަ ކެމިކަލްތައް ހުންނަ ކަން ސައިންސްވެރިން ވަނީ ފާހަގަކޮށްފަ އެވެ.
މި ދިރާސާ ބުނާ ގޮތުގައި ޕީއެފްއާރްއެސް އަކީ ތައިރޮއިޑް އަދި ސެކްސް ހޯމޯން އަށް މައްސަލަތައް ކުރިމަތިކުރުވާ އެއްޗެކެވެ. މިއީ ދަރިން ހޯދަން މަސައްކަތްކުރާ މީހުންނަށް ވަރަށް މުހިއްމު ހޯމޯން ތަކެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރޯ
27 August 2017
ނަސީބެއްތާ ސައިކަލް މަޑީގަ ތިއެއްޗެއް ނެންކަން