މަރުވުމަށް ފަހު މީހާގެ ހުރިހާ ހަރަކާތްތަކެއް ހުއްޓުމަކަށް އައިސް އެއްވެސް ކަމެއް އިހްސާސް ނުވާނެ ކަމަށް ގަބޫލުކުރެވުނަސް އެއީ ހަގީގަތެއް ނޫން ކަމަށާއި މަރުވުމަށް ފަހު އެތައް އިރެއް ވަންދެން ސިކުނޑީގެ ހަރަކާތްތައް ހިނގާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.
ދިރާސާއަކަށް ފަހު ސައިންސްވެރިން ބުނީ މީހަކު މަރުވުމުން ޑޮކްޓަރުން އެކަން ކަށަވަރުކޮށް މަރު އިއުލާނުކުރާއިރު އެ ވާހަކަ ވެސް އަޑު އިވުން އެކަށީގެންވާ ކަމަށެވެ.
ނިއު ޔޯކްގެ އެންވައިޔޫ ލެންގޯން ސްކޫލް އޮފް މެޑިސިންގެ ޑައިރެކްޓަރު ކްރިޓިކަލް ކެއާ ޑރ. ސޭމް ޕާނިއާ ވިދާޅުވީ އޭނާ އާއި އޭނާގެ ޓީމުން މިފަހަރުގެ ހޯދުމުގައި ބަލައި ދިރާސާކުރީ ހިތް ހުއްޓިގެން "ޓެކްނިކަލްގޮތުން" މަރުވެފައިވާ ކަމަށް ނިންމި ފަހުން ފުރާނަ ސަލާމަތް ކުރެވުނު ބަލިމީހުންނެވެ.
މި ރޮނގުން މިހާތަނަށް ކޮށްފައިވާ އެންމެ ބޮޑު ދިރާސާގެ މައުލޫމާތު ހިއްސާކުރަމުން ޑރ. ޕާނިއާ ވިދާޅުވީ މިފަހަރުގެ ދިރާސާގައި ބަލަމުންދިޔަ މީހުންގެ ތެރެއިން ބައެއް މީހުންނަށް އެމީހުން މަރުވެއްޖެކަމަށް ނިންމި ފަހުން ވެސް އެމީހުންގެ ކައިރީގައި ތިބި މީހުން ދައްކަމުން ދިޔަ ވާހަކަތަކާއި ކުރަމުންދިޔަ ކަންތައްތައް ބަރާބަރަށް އެނގުނުކަމަށް ބުނެފައިވާ ކަމަށެވެ.
މި މީހުން ބުނެފައިވާ ވާހަކަތަކުގެ ތެދުކަން ދެން ޔަގީންކުރީ އެވަގުތު އެތަނުގައި ތިބި ނަރުހުންނާއި މެޑިކަލް ސްޓާފުންނާ ސުވާލު ކޮށްގެންނެވެ.
މަރުވި ކަމަކަށް ކަނޑައަޅަނީ ހިތް ހިނގުން މުޅިން ހުއްޓި ސިކުނޑިއަށް ލޭ ދަތުރުކުރުން ވެސް ހުއްޓުމުންނެވެ.
ޑރ. ޕާނިއާ ވިދާޅުވީ ޓެކްނިކަލްގޮތުން އެ މީހަކު މަރުވީ ކަމަށް ނިންމަނީ ހިތުގެ ހިނގުން ހުއްޓުމުން ކަމަށެވެ.
"ހިތް ހިނގުން ހުއްޓުމުން ސިކުނޑިއަށް ލޭ ދައުރެއް ނުވާނެ. އޭގެ މާނައަކީ ހިތުގެ މަސައްކަތް ހުއްޓުމާ އެކުގައިހެން ހެން ސިކުނޑީގެ މަސައްކަތް ވެސް ހުއްޓެޔޭ،" ޑރ. ވިދާޅުވި އެވެ.
ނަމަވެސް މީހަކު މަރުވާ ވަގުތު ސިކުނޑީގެ އެނާޖީ ކުއްލިއަކަށް މަތިވެގެންދާކަމުގެ ހެކިތައް ލިބިފައިވެ އެވެ.
ޔުނިވަސިޓީ އޮފް މިޝިގަން އިން 2013 ގައި މީދާތަކެއް ދިރާސާކޮށްގެން ބެލި ބެލުމުން ވެސް ހިތުގެ ހިނގުން ހުއްޓުނަސް ސިކުނޑީގެ ހަރަކާތްތައް ނުހުއްޓޭކަން ޔަގީން ވެފައިވެ އެވެ. އަދި ޑޮކްޓަރީ އުސޫލުން ބަލާއިރު މަރުވީ ކަމަށް ނިންމުމަށް ފަހު ވެސް "ހައިޕާ އެލާޓް ސްޓޭޓް" ގައި ތިބޭ ކަމަށް ވެސް މިހޯދުމުގައި ބުނެފައިވެ އެވެ.