ސިކުނޑިއަށް ލިބޭ ގެއްލުމެއްގެ ސަބަބުން ހޭވެރިކަން ނުވާ ހާލު ވަރަށް ގިނަ އަހަރު ވަންދެން ވެސް ބައެއް މީހުން ތިބޭ
23 އޮކްޓޯބަރ 2017 - 06:04
އެއްވެސް ހަރަކާތެއް ނެތް ހާލުގައި 15 އަހަރު އޮތް މީހަކު ހޭ އަރައި ރަނގަޅުވާ ކަމުގެ ނިޝާންތައް ފެންނަން ފަށައިފި އެވެ. އޭނާއަށް އަލުން ހޭވެރިކަން ލިބޭގޮތް މިވީ ނާވް ސްޓިމިއުލޭޝަންގެ އާ ފަރުވާއަކުންނެވެ.
އުމުރުން 35 އަހަރުގެ މި މީހާ އަކީ 2001 ވަނަ އަހަރު ހިނގި ކާރު އެކްސިޑެންޓެއްގައި އަނިޔާ ލިބުނު ގޮތަށް ހޭ ނާރާ އޮތް މީހެކެވެ. މި ހުރިހާ ދުވަހު އޭނާ އޮތީ އެއްވެސް ކަމެއް ނޭނގޭ ހާލުގަ އެވެ. ނަމަވެސް މިހާރު އޭނާއާ ކުރާ ސުވާލުތަކަށް އޭނާ ކޮންމެވެސް ގޮތަކަށް ޖަވާބު ދެ އެވެ.
މި މީހާގެ ނާރަށް އަލަށް ދިން ފަރުވާ ފެށިތާ އަދި މިވީ އެންމެ މަހެކެވެ. މި ފަރުވާގައި، ހަލާކުވެފައިވާ ނާރުގައި ސްޓިމިއުލޭޓާއެއް ހަރުކުރަނީ އެވެ. މި ސްޓިމިއުލޭޓާ އިންނަނީ ހިތާއި ފުއްޕާމޭ އަދި ހަޖަމުކުރުމުގެ ނިޒާމުން ސިކުނޑިއާ ގުޅާލައިފަ އެވެ.
މިއީ ވަރަށް ގޮންޖެހުން ބޮޑު ފަރުވާއެކެވެ. އަދި އެއްވެސް ހަރަކާތެއް ނެތް ހާލަތުގައި ބަލި މީހަކު އަހަރެއްހާ ދުވަހަށް ވުރެ ގިނަ ދުވަހު އޮވެފައިވާ ނަމަ މި ފަރުވާއިން ރަނގަޅުވާނެ ކަމުގެ އޮންނަނީ ވަރަށް ކުޑަ އުންމީދެކެވެ.
ނަމަވެސް 15 އަަހަރު ވަންދެން އެއްވެސް ޚަބަރެއް ހަރަކާތެއް ނެތި އޮތް މި މީހާއަށް މިހާރު އޭނާ ކައިރީގައި ކުރަން ބުނާ ކަންތައްތައް ކުރަން އެނގެ އެވެ. ބައެއް ސުވާލު ކުރުމުން އޭނާ ހިނިތުންވާން މަސައްކަތް ކުރެ އެވެ. އަދި އެންމެ މަގްބޫލު ލަވަ ޖަހައިދިނުމުން އުފަލުން ގޮސް އޭނާގެ ލޮލުން ކަރުނަ އާދެ އެވެ.
ނިއު ސައިންޓިސްޓްގައިވާ މި ރިޕޯޓުގައި ބުނެފައިވާ ގޮތުން މި މީހާއަށް މި ޚާއްސަ ފަރުވާ ދީގެން ރަނގަޅުވޭތޯ މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރުން އެމީހާގެ ހާލާތު ރަނގަޅުވަމުން އަންނާތީ ތިބީ ވަރަށް އުފަލުން ހިތްހަމަޖެހިފަ އެވެ.
އޭނާ ބުނި ގޮތުގައި މި މީހާގެ ޓެސްޓްތަކުގެ ނަތީޖާ ދައްކާ ގޮތުން އޭނާއަށް ދުނިޔޭގައި ހިނގާ ކަންތައްތައް އެނގޭ ވަރަށް ރަނގަޅު ވެވިދާނެ އެވެ.
ވެގަސް ނާވް އަކީ ސިކުނޑީގެ ދެ ސަރަހައްދެއް ގުޅުވައިދޭ ނާރެވެ. މި ދެ ސަރަހައްދަކީ މީހާ އެލާޓްވުމާއި ހޭވެރިކަން ހުރުމަށް ބޭނުންވާ ބައިތަކެވެ. އަދި މި ނާރަކީ ބްރެއިން ސްޓެމް އިން ފެށިގެން ކަރުގެ ދެ ފަރާތުން ގޮސް މެޔަށާއި ބަނޑަށް ވެސް ގުޅިފައި އިންނަ ނާރެކެވެ.
މި މީހާއަށް މިފަހަރު ދިން ފަރުވާއަށް ނެގީ ވިއްސަކަށް މިނެޓެވެ.
މި ފަރުވާ އީޖާދުކުރެއްވި ޑޮކްޓަރުންގެ އުންމީދަކީ މި މީހާއަށް ވުރެ ކުޑަކޮށް ސިކުނޑިއަށް ގެއްލުންވެފައިވާ މީހުންނަށް މި ފަރުވާ ދީގެން އެމީހުން ރަނގަޅު ކުރެވޭތޯ ބެލުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy