ޒަަޚަމްތައް ފަސޭހަވާލެއް ރޭގަނޑަށް ވުރެ ދުވާލު މާ އަވަސް ކަމަށް ސައިންސްވެރިން ބުނޭ
14 ނޮވެމްބަރ 2017 - 07:15
ދުވާލު ވަގުތު ފިހިގެން ނުވަތަ ކަނޑައިގެން ދިއުން ފަދަ ކަމަކުން ހަށިގަނޑަށް ލިބޭ އަނިޔާތައް، ރޭގަނޑު ލިބޭ އެފަދަ އަނިޔާތަކަށް ވުރެ އަވަހަށް ފަސޭހަވެ އެވެ. މިކަން މިގޮތަށް ދިމާވަނީ ބޮޑީ ކްލޮކްގެ ސަބަބުންނެވެ. ދުވާލު ލިބޭ އަނިޔާތައް ފަސޭހަވާލެއް، ރޭގަނޑު ލިބޭ އަނިޔާތަކަށް ވުރެ 60 ޕަސެންޓް އަވަސް ކަމަށް ސައިންސްވެރިން ބުންޏެވެ.
ސައިންސްވެރިންނަށް މިކަން ހޯދިފައިވަނީ އޮޕަރޭޝަން ކުރުމުން އުފެދޭ ފާރުގަނޑު އަވަހަށް ފަސޭހަވާނެ ބޭހެއް ހޯދަން ކުރި ދިރާސާއެއްގަ އެވެ.
އަހަރެމެންގެ އިންޓާނަލް ބޮޑީ ކްލޮކް ރެގިއުލޭޓްކުރާ ގޮތުން ހަމުގެ ސެލްތައް ޒަޚަމްތައް ފަސޭހަކުރަން މަސައްކަތް ކުރާ ގޮތާއި ދުވާލު އެ މަސައްކަތް މާ އަވަސްވެގެން ދާ ގޮތް ޖާނަލް ސައިންސް ޓްރާންސްލޭޝަނަލް މެޑިސިންގައި މިދިޔަ ބުދަ ދުވަހު ޝާއިއުކޮށްފައިވާ ރިޕޯޓުގައި ސައިންސްވެރިން ފުރަތަމަ ފަހަރަށް ވަނީ ދައްކާލައިފަ އެވެ.
ރޭގަނޑު ފިހޭ ތަންތަނުގެ ތެެރެއިން ރޭގަނޑު 8:00 އިން ހެނދުނު 8:00 އާ ދެމެދު ފިހޭ ތަންތަން މުޅިން ފަސޭހަވުމަށް އެވްރެޖްކޮށް 28 ދުވަސް ނަގަ އެވެ. ނަމަވެސް ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 8:00 އާ ދެމެދު ފިހޭ ތަންތަން ފަސޭހަވާން އެވްރެޖްކޮށް 17 ދުވަސް ނަގަ އެވެ.
ހަށިގަނޑުގައިވާ، ގާތްގަނޑަކަށް ހުރިހާ ސެލްތަކެއް ކަހަލަ ގޮތަކަށް ރެގިއުލޭޓްކުރުމުގެ ޒިންމާ ނަގަނީ ބޮޑީ ކްލޮކްސް ނުވަތަ ސާކޭޑިއަން ރިދަމްސް އެވެ. މިއިން 24 ގަޑިއިރަކުން ބުރުޖަހާ ގޮތަށް ނިދުން، ހޯމޯން އުފެއްދުން އަދި މެޓަބޮލިޒަމްގެ މަސައްކަތް ކުރާނެ އެވެ.
ދުވާލު ގަޑީގައި ޒަޚަމްތައް އަވަހަށް ފަސޭހަަވާ ސަބަބެއް ކަމަށް ސައިންސްވެރިން ބުނަނީ ހަލާކުވެފައިވާ ތަން މަރާމާތުކުރުމުގެ މަސައްކަތް ސްކިން ސެލްސްތައް ދުވާލު ގަޑީގައި މާ ހަލުވިކޮށް ކުރާތީ އެވެ. އަދި ދުވާލު ގަޑީގައި މާ ގިނައިން ކޮލާޖަން ވެސް ހުރެ އެވެ. ކޮލާޖަން އަކީ ޒަޚަމްވެފައިވާ ތަނުގެ ވަށައިގެން ޖަމާވާ ހަމުގައި ހުންނަ މަރާމާތަށް ބޭނުންވާ މައިގަނޑު ޕްރޮޓީން އެވެ.
މި ހޯދުމުގެ ސަބަބުން ސާޖަރީތައް ހަދަން އެންމެ ރަނގަޅު ވަގުތުތަކާއި ޒަޚަމްތައް އަވަހަށް ފަސޭހަކުރަން އެކަށީގެންވާ ބޭސްތައް އީޖާދުކުރުމަށް ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ދިރާސާ ކުރި ޓީމުގެ ސައިންސްވެރިން ގަބޫލު ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy