ހަކުރުން ލިބޭ ގެއްލުމުގެ ސައިންޓިފިކް ހެކި ހުރީ ފޮރުވާފައި

ހަކުރުން ހަށިގަނޑަށް ލިބޭ ބޮޑެތި ގެއްލުންތައް ހާމަވެގެން ދިޔަ، މީގެ ފަންސާހަކަށް އަހަރު ކުރީގެ ސައިންޓިފިކް ރިސާޗެއް ހަކުރު އިންޑަސްޓްރީން ސިއްރުކޮށްފައިވާކަން ހާމަވެއްޖެ އެވެ. އެ އިންޑަސްޓްރީން ޚަރަދުކޮށްގެން ހެދި ދިރާސާއިން ހަކުރުން ލިބޭ ގެއްލުންތައް ހާމަވާން ފެށުމާ އެކު ދިރާސާ ހުއްޓާލައި، އެ ހިސާބުން ލިބިފައި ހުރި ނަތީޖާ ވެސް ވަނީ ސިއްރުކޮށްފައި ކަމަށް ޔޫސީ ސެން ފްރެންސިސްކޯގެ އާ ހޯދުމެއްގައި ބުނެފައިވެ އެވެ.


ޕްލޮސް ބައޮލޮޖީގައި މި މަހުގެ 21 ވަނަ ދުވަހު މި ރިޕޯޓް ޝާއިއުކުރި ރިސާޗަރުން ބަޔާންކޮށްފައިވާ ގޮތުގައި މިފަހަރުގެ ހޯދުންތައް ބިނާކުރީ ސިއްރުކޮށްފައި އޮތް އިންޓާނަލް ޑޮކިއުމަންޓަށެވެ.ހަކުރުން ލިބޭ ގެއްލުން އެހާ ކުރިއްސުރެ ސާބިތުވެފައިވާ ކަމަށާއި އެ ހޯދުންތަކަށް ބަދަލުގެނެސް ހަކުރުގެ ވިޔަފާރި ހިމާޔަތްކުރުމަށާއި އެކަމާ ބެހޭ ގޮތުން ހަދާ ގަވާއިދުތަކާއި އާންމުން ހަކުރާ މެދު ދެކޭ ގޮތަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސައިންޓިފިކް ހެކިތައް ބަދަލުކޮށްފައިވާ ކަމުގެ ތުހުމަތު ވެސް މިފަހަރުގެ ހޯދުމުގައި ކޮށްފައިވެ އެވެ.

މިފަހަރުގެ ހޯދުމުގައި ބުނެފައިވާ ގޮތުގައި ޝުގާ ރިސާޗް ފައުންޑޭޝަން (އެސްއާރްއެފް) އިން ފަންޑްކޮށްގެން ޖަނަވާރުންގެ ރިސާޗެއް ޕްރޮޖެކްޓް 259ގެ ނަމުގައި ހެދި އެވެ. މިއީ ސުކްރޯސް ނުވަތަ ދޯބުރާލި ހަކުރުން، ހިތާއި ސިކުނޑިއާ ގުޅިފައިވާ ނާރުތަކުގެ ނިޒާމަށް ކުރާ އަސަރުތައް ދެނެގަތުމަށް ހެދި ދިރާސާއެކެވެ. މި ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިޔަށް ދަނިކޮށް ސުކްރޯސް އާއި ހިތުގެ ބަލިތަކާއި ބްލެޑާ ކެންސާއާ ގުޅުންހުރިކަން ހާމަވުމުން ޝުގާ ފައުންޑޭޝަނުން އަވަހަށް މި ދިރާސާގެ މަސައްކަތް ހުއްޓާލީ އެވެ. އަދި ހަކުރުން ލިބޭ ގެއްލުންތައް ހާމަވާ ހޯދުންތައް ޝާއިއު ނުކޮށް އެ ލިޔުންތައް ވެސް ފޮރުވީ އެވެ.

އޭގެ ބަދަލުގައި ޝުގާ އެސޯސިއޭޝަނުން 1969 ވަނަ އަހަރު ސާބިތުކޮށްދިނީ ސްޓާޗުން ލިބޭ ކެލޮރީޒް އާއި ހަކުރުން ލިބޭ ކެލޮރީޒް އަކީ ތަފާތު މެޓަބޮލިކް އަސަރުތަކެއް ކުރާ އެއްޗެއް ކަމަށެވެ.

ޒަމާންވީ ޑޮކިއުމަންޓްއް ސިއްރުކޮށްފައި ވަނިކޮށް އެތަކެތި ހޯދައި އޭގައިވާ ހޯދުންތަކުގެ އަލީގައި އިތުރަށް ދިރާސާކުރައްވައި ރިޕޯޓު ހެއްދެވި ކްރިސްޓިން އީ.ކިއާންސް ވިދާޅުވީ މިކަމުގެ ސަބަބުން އާންމުން ހަކުރާ މެދު ދެކޭ ގޮތް ބަދަލުވެ ހުރިހާ ވައްތަރެއްގެ ކެލޮރީޒް އެއް ވެސް އުފެދެނީ އެއްގޮތަކަށް ކަން ގަބޫލުކުރަން ފެށި ކަމަށެވެ.

ކްރިސްޓީން އާއި ޓީމުން ހޯދި، ހަކުރު އިންޑަސްޓްރީގެ މި ސިއްރު ޑޮކިއުމަންޓްތަކުން އެނގުނު ގޮތުގައި 1960 ގެ މެދުތެރޭ ހިސާބުގައި ހަކުރު އިންޑަސްޓްރީން ނިއުޓްރިޝަން ސައިންޓިސްޓުންތަކަކާ ގުޅިގެން މި ދިރާސާގެ މަސައްކަތް ކުރަމުން ގެންދިޔަ އެވެ. އޭރު ބެލީ ކޮރޮނަރީ ހާޓް ޑިޒީޒް ޖެހެނީ ހަމައެކަނި ކެއުމުގެ ޒަރިއްޔާއިން ލިބޭ ފެޓް އާއި ކޮލެސްޓްރޯލުން ކަން ސާބިތު ކުރުމަށެވެ. ނަމަވެސް ދިރާސާގެ ހެކިތަކުން ދެއްކީ އެމީހުން ނެރެން އުޅުނު ނަތީޖާއެއް ނޫނެވެ. ހާމަވީ ހިތުގެ މައްސަލަތަކުގެ އޮތް އެންމެ ބޮޑު ނުރައްކަލަކީ ސުކްރޯސް ކަމެވެ.

މި ނަތީޖާ ނުކުތުމުން އަވަހަށް މި ރިސާޗް ހުއްޓާލުމަށް ފަހު ޝުގާ ރިސާޗް ފައުންޑޭޝަނުން 1967 ގައި ވަރަށް ސިއްރުން ފަންޑުކޮށްގެން އެހެން ރިސާޗެއް ހަދައި އޭގެ ރިވިއު ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިންގައި ޝާއިއުކުރި އެވެ. އޭގައި ވަނީ ހަކުރު ބޭނުންކުރުމުން ހިތުގެ މައްސަލަތައް ޖެހޭ ކަމަށް އޮތް ބައި އުނިކޮށް ލޭގައި ލިޕިޑް ނުވަތަ ސަރުބީ ލެވެލް ހުންނަ މިންވަރަކުން ހިތުގެ ބޮޑެތި މައްސަލަތައް ކުރިމަތިވާ ކަމަށެވެ.

ދަ ޝުގާ އިންޑަސްޓްރީ އަކީ އެމެރިކާގައި ހަކުރުގެ ވިޔަފާރި އެންމެ މައްޗަށް ކުރާ ފަރާތެވެ. މި އިންޑަސްޓްރީ އާއި ބައިނަލްއަގުވާމީ ގޮތުން ހަކުރު އުފައްދާ ޖަމިއްޔާތައް ގުޅިގެން އަބަދުވެސް، ހަކުރުން ލިބޭ ގެއްލުންތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ސާބިތުކޮށްދޭން މަސައްކަތް ކުރަމުން ދިޔަ ކަމަށް މިފަހަރުގެ ދިރާސާ ރިޕޯޓުގައިވެ އެވެ.

ސިއްރުކޮށްފައި އޮތް ދިރާސާއިން ވަރަށް ރަނގަޅު މައުލޫމާތުތަކެއް ލިބިފައިވެ އެވެ. އޭގައި ބުނާ ގޮތުން ހަކުރު ގިނައިން އެކުލެވޭ ކާނާ މީދަލަށް ކާން ދިނުމަށްފަހު އޭތި ކުޑަކަމުދިޔަ ނަޖިސް ޓެސްޓްކުރިއިރު އޭގައި ބީޓާ-ގްލޫކިޔޯނީޑޭސް ކިޔާ އެންޒައިމެއް ހުރީ ވަރަށް މަތީގަ އެވެ. މިއީ ބްލެޑާ ކެންސާ ޖެހުމަށް މެދުވެރިވާ އެއްޗެކެވެ.

މި ދިރާސާގައި މަސައްކަތް ކުރެއްވި ސްޓެންޓަން އޭ ގްލޭންޓްޒް ވިދާޅުވީ ހަކުރު އިންޑަސްޓްރީން ވެސް މަސައްކަތް ކޮށްފައިވަނީ ދުންފަތް އިންޑަސްޓްރީން ވެސް މިހާތަނަށް މަސައްކަތް ކުރަމުން ދިޔަ ގޮތަށް ކަމަށެވެ. އެއީ ހަކުރުން ލިބޭ ގެއްލުންތައް ހާމަވާ ދިރާސާތައް ފޮރުވުމެވެ. ވިޔަފާރީގެ ބޭނުމުގައި މިކަން ވަރަށް ކުރިން ސުރެ ކުރަމުން އަންނަ ކަމަށް ސްޓެންޓަން ތުހުމަތު ކުރެއްވި އެވެ.