މެހި: ހީ ނުކުރާހާ ގިނަ ޖަރާސީމު އުފުލާ
28 ނޮވެމްބަރ 2017 - 07:10
ކުރިން ލަފާކުރެވިފައިވާ ވަރަށް ވުރެ މާ ގިނައިން ބަލިތަކުގެ ޖަރާސީމު މެހީގެ ފައިތަކުގައި ހުންނަ ކަމަށް ސައިންސްވެރިން ބުނެފި އެވެ. އާދައިގެ މެއްސާއި ފެހިކުލައިގައި ތިބޭ ބޮޑު މެހީގެ ފައިގައި 600 އަށް ވުރެ ގިނަ، އެކި ވައްތަރުގެ ޖަރާސީމު ހުންނަ ކަމަށް ޑީއެންއޭ އެނަލިސިސް އަކުން ހާމަވެފައިވާ ކަމަށް ބީބީސީގައި ވަނީ ބުނެފަ އެވެ.
މީގެ ތެރެއިން ގިނަ ޖަރާސީމަކީ އިންސާނުންގެ ގައިގައި ހުންނަ އިންފެކްޝަންތަކުގައި ހުންނަ ޖަރާސީމެވެ. މީގެ ތެރޭގައި ހަޖަމު ގޯސްވުމަށް މެދުވެރިވާ ޖަރާސީމާއި ލޭ ވިހަވުން އަދި ނިއުމޯނިއާގެ ޖަރާސީމު ހިމެނެ އެވެ.
އެކްސްޕެރިމެންޓްތަކުން ދައްކާ ގޮތުގައި މެއްސަކީ އެއްތަނުން އަނެއް ތަނަށް ޖަރާސީމު އަވަސްކަމާއެކު ފަސޭހައިން ފެތުރޭ ވަސީލަތެކެވެ. އެއީ އޭގެ ފަޔާއި ފައިތިލަ އަދި ފިޔަގަނޑުގެ ޒަރިއްޔާ އިންނެވެ. މެހި އަޅާ ކޮންމެ ފިޔަވަޅަކާއެކު ދިރޭ ޖަރާސީމުތައް އެ ތަނަކަށް ފަތުރަމުންދާ ކަމަށް ސައިންސްވެރިން ބުނެ އެވެ.
މެހީގެ ފައިތަކާއި ފިޔަގަނޑުގައި އެކި ވައްތަރުގެ ޖަރާސީމުތައް ހުންނަކަން ވަރަށް ގިނަ ބަޔަކު ދަނެ އެވެ. ނަމަވެސް ޖަރާސީމު ހުންނަނީ ކިހާ މިންވަރަކަށް ކަމާއި މިއީ ކިހާ ވަރެއްގެ ނުރައްކާތެރި ޖަރާސީމެއް ކަމެއް އަދި މި އެއްޗެހީގައި ހުންނަ ޖަރާސީމުތައް ފަތުރާ މިންވަރެއް ގިނަ މީހުންނަށް ނޭނގޭ ކަމަށް ޕެން ސްޓޭޓް ޔުނިވަސިޓީގެ ޕްރޮފެސާ ޑޮނަލްޑް ބްރަޔަންޓް ބީބީސީ އަށް ވިދާޅުވި އެވެ.
މިފަހަރުގެ ހޯދުމުގައި ބަލާފައިވަނީ މެހީގެ އެތެރެ އާއި ބޭރުން ނަގައިގެން އެއްކުރި މައިކްރޯބްސްތަކެކެވެ. މި އެއްޗެހި ދިރާސާކުރުމަށް ބޭނުންކުރީ ޑީއެންއޭ ސީކުއެންސިން ޓެކްނިކްސް އެވެ.
މި ހޯދުމުން އެނގުނު ގޮތުގައި ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް އެންމެ އާންމުކޮށް މިއުޅޭ ހައުސް ފްލައި މިކިޔާ ބާވަތުގެ މެހީގައި 351 ވައްތަރުގެ ޖަރާސީމު ހުރެ އެވެ. އަދި ހޫނު މާހައުލުގައި ދިރިއުޅޭ މާބުރު މެހި މިކިޔާ ވައްތަރުގެ މެހީގެ ގައިގައި 316 ވައްތަރުގެ ޖަރާސީމު ހުރެ އެވެ. މި ދެ ވައްތަރުގެ މެއްސަކީ ވެސް މީގެ ތެރެއިން ގިނަ ވައްތަރުތަކުގެ ޖަރާސީމުތައް އުފުލާ އެއްޗިއްސެވެ.
ޖާނަލް ސައިންޓިފިކް ރިޕޯޓްސްގައި ސައިންސްވެރިން ބުނެފައި ވަނީ މެއްސަކީ ބަލިތައް ފެތުރެން މެދުވެރިވާ އެއްޗެއްކަމަކަށް ބަލައި އެ ކަމަށް ޕަބްލިކް ހެލްތު އޮފިޝަލުންނަށް ވެސް އެހާ ބޮޑަށް އަޅައެއް ނުލެވެ އެވެ. އަދި ރޯގާއެއް ފެތުރެމުންދާ ދުވަސްވަރެއްގައި ގިނަ ބަޔަކަށް ބަލި ޖެހެން މެދުވެރިވާ ވަސީލަތަކަށް މެހި ވުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށް ޕްރޮފެސަރު ވިދާޅުވި އެވެ.
ސައިންސްވެރިން ބުނަނީ މެއްސަކީ ބަލި ފަތުރާ ވަސީލަތަކަށް ވިޔަސް އޭގެ ބޭނުންތަކެއް ވެސް އެބަހުރި ކަމަށެވެ. އެގޮތުން ބައްޔެއް ފެތުރޭ ކަމުގެ ފުރަތަމަ އިންޒާރަކީ މެހި ކަމަށް ވެދާނެ އެވެ. ނުވަތަ މައިކްރޯބްސް ހޯދުމަށް، މާ ބަންދުވެފައި ހުންނަ ދޭތެރެ ދޭތެރެއަށް ފޮނުވާ ދިރިހުރި ޑްރޯންއެއްގެ ގޮތުގައި ވެސް މެހި ބޭނުންކުރެވިދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުވާ
28 November 2017
މާބުރު މެއްސޭ؟ ތި ވާނީ ގުއިވަޅު މެއްސައް
ވާލުސޮރު
28 November 2017
ބައެއް ޝޭޚުން ވިދާޅުވަނީ މެއްސެއް ސައިތައްޓެއްފަދަ ދިޔާ އެއްޗަކަށް ވެއްޓިއްޖެނަމަ އެ މެހި ގަންބާލާފަ ނަގާ އެއްލާލުމުން އެއްވެސް ނުރައްކަމެއް ނުވާނެކަމަށް. އެއީ މެހީގެ އެއްފިޔައިގަ ޖަރާސީމު އަނެއްފިޔައިގަ އޭގެ ފަރުވާ ލައްވާފަވާތީކަމަށް. އެކަމަކު އެފަދަ އެއްވެސް މީހަކު މިގޮތަށް ކަންކުރާތީއެއް އަދި ނުދެކެން.
ޝިޔާމް
28 November 2017
އެއްވެސް މީހަކު ނުކުރުމަކީ އެއީ ނުވާކަމެއްކަން އަންގައިދޭން އޮތް ހުއްޖަތެއް ނޫން.
ޝިޔާމް
28 November 2017
ތިޔަ ސައިންސްވެރިން ދައްކާ ވާހަކަ ބައެއް ފަހަރު ތާކުން ކުރެ ތާކު ނުލައްވާ. މީގެ 1439 އަހަރު ކުރިން އަހަރެމެންގެ ނަބިއްޔާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމް އަންގަވާފައި އެބަވޭ މެއްސެއް ބޯން ހުރި އެއްޗެއްގެ ތެރެއަށް ވެއްޓިއްޖެނަމަ އެ ގަންބާލާފައި ނަގަން. އެއީ މެހީގެ އެއްފިޔައިގައި ވަނީ ބަލި އަނެއްފިޔައިގައި ވަނީ ޝިފާ ލައްވާފައި. މިހާރުގެ ސައިންސްވެރިންވެސް މިކަން ކަށަވަރުކޮށްދޭ އެބައިމީހުންގެ ދިރާސާތަކުގައި.
މުގާބޭގެ ސަޕޯޓަރު
28 November 2017
ސައިންސްވެެރިން ބުނެފައި އެވަނީ މެހީގެ ފައިތަކުގައި ހުންނަ ޖަރާސީމުތައް. މެހިޖައްސާ ކާބޯތަކެއްޗަށް މެހިޖެއްސުމުން އަރާ ޖަރާސީމު ހުންނަމިންވަރު މިމީހުން ހޯދައި ބަލާފައެއްނެތް.