ޕްރިންސް ހެރީ އާއި މެގަލް މާކަލް: ދެ މީހުންގެ ކައިވެނި ކުރާނީ މެއި މަހުގެ 19 ގައި.
17 ޑިސެމްބަރ 2017 - 12:05
އާ އަހަރަކާ ކުރިމަތިލާން ތައްޔާރުވަމުން އަންނަ އިރު، ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރު ކުރާ އެއް ކަމަކީ ޕްރިންސް ހެރީ އާއި ހޮލީވުޑްގެ ބަތަލާ މޭގަން މާކަލްގެ ކައިވެންޏެވެ.
އެ ދެ މީހުންގެ އެންގޭޖްމަންޓް ރަސްމީކޮށް އިއުލާންކޮށްފައި ވަނީ މިދިޔަ މަހުގެ 27 ގަ އެވެ. އެ ދުވަހު ޕްރިންސް ހެރީ ދިރިއުޅުއްވާ ގަނޑުވަރު، ކެންސިންގްޓަން ޕެލަސް އިން ނެރުނު ބަޔާނެއްގައި ބުނީ ހެރީ އާއި މޭގަންގެ ކައިވެނީގެ ހަފުލާ ބާއްވާނީ އަންނަ ބަހާރު މޫސުމުގައި ކަމަށެވެ.
ވަރަށް ކުލަގަދަ ވާނެ ކަމަށް ބެލެވޭ އަދި މުޅި ދުނިޔެ ލައިވްކޮށް ބަލާނެ ކަމަށް ވެސް ބެލެވޭ ޝާހީ ކައިވެނި ބާއްވާ ތާރީހަކަށް އެތައް ބަޔަކު އިންތިޒާރު ކުރަމުން އަންނަނިކޮށް މިހާރު ވަނީ ތާރީހު ރަސްމީކޮށް އިއުލާންކޮށްފަ އެވެ.
His Royal Highness Prince Henry of Wales and Ms. Meghan Markle will marry on 19th May 2018.
— Kensington Palace (@KensingtonRoyal) December 15, 2017
Today's announcement follows earlier confirmation of the month of the wedding and its location at St George's Chapel, Windsor Castle. pic.twitter.com/7pgdRM90Na
ކެންސިންޓަން ޕެލަސްގެ ޓްވީޓް.
ކެންސިންގްޓަން ޕެލަސްގެ ޓްވިޓާގައި ބުނީ ހެރީ އާއި މޭގަންގެ ކައިވެނި އޮންނާނީ މެއި، 19، 2018 ގައި ކަމަށާއި އެ ހަފުލާ ބާއްވާނީ ވިންޑްސާ ކާސްލްގެ ސެއިންޓް ޖޯޖް ޝެޕްގައި ކަމަށެވެ.
ހެރީ އާއި މޭގަން ކައިވެނި ކުރާ ތާރީހުގައި ކައިވެނިކޮށްފައިވާ މަޝްހޫރު ސެލެބްރިޓީންގެ ތެރޭގައި ބަތަލާ ސާރާ ޖެސިކާ ޕާކާ އާއި މެތިއު ބްރޯޑްރިކް އާއި ޖެސިކާ އެލްބާ އާއި ކޭޝް ވެރެން ފަދަ ފަންނާނުން ހިމެނެ އެވެ.
ޕްރިންސެސް ޑަޔާނާގެ ހަދު ދަރިކަލުން ހެރީ، 33، ފުރަތަމަ ކައިވެންޏަށް ތައްޔާރުވަމުން އައި ނަމަވެސް، މިއީ ޓީވީ ސިލްސިލާ "ސޫޓްސް" ގެ ބަތަލާ މޭގަން، 36،ގެ ދެ ވަނަ ކައިވެންޏެވެ.
ހެރީގެ ބޭބެ ޕްރިންސް ވިލިއަމާއި ކޭޓް މިޑެލްޓަން 2011 ގައި ކައިވެނިކޮށް މިހާރު ދެ ދަރިން ލިބިފައިވާ އިރު، ކޭޓް މިހާރު އިނީ ތިން ވަނަ ދަރިއަކަށް ބަލިވެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ހެރީ އާއި މޭގަން ކައިވެނި ކުރާ އިރު، މޭގަން މިހާރު އިނީ ބަލިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy