ދިވެއްސެއް، ސިއްހީ ދާއިރާގެ ނުފޫޒު ގަދަ ލީޑަރުންގެ ތެރޭގައި

ރައްޓެހިންތަކަކާ އެކު "ވޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" ގެ ނަމުގައި އަހްމަދު ފަސީހު ކުންފުންޏެއް ރަޖިސްޓްރީކުރީ، ކާމިޔާބު ވިޔަފާރިވެރިއަކަށް ވުމުގެ އުންމީދުގަ އެވެ. އުމުރުން އެންމެ 24 އަހަރުގައި އާދައިގެ ގޮތަކަށް ފެށި މި ކުޑަ ވިޔަފާރި އޭގެ އަށް އަހަރު ފަހުން މި ވަނީ ދުނިޔެ ބަލައިގަންނަ ފެންވަރުގެ އަގުހުރި ޚިދުމަތަކަށް ވެފަ އެވެ.


މި އަހަރު ވޯލްޑް ހެލްތު އެންޑް ވެލްނެސް ކޮންގްރެސް އެންޑް އެވޯޑްސް އިން ހޮވި، ސިއްހީ ދާއިރާއަށް އެންމެ ބޮޑު ބަދަލެއް ގެނުވި 100 ލީޑަރުންގެ ތެރޭގައި، މިހާރު އުމުރުން 32 އަހަރުގެ ފަސީހު ވަނީ ހިމެނިފަ އެވެ. އޭނާއަށް އެ އެވޯޑް ލިބުނީ ސިއްހީ ސާމާނު ފޯރުކޮށްދޭން ކުރަމުން އަންނަ މަސައްކަތުގެ ސަބަބުންނެވެ.

ވިޔަފާރިއެެއް ފަށަން ފަސީހު އާއި އޭނާގެ ރައްޓެހިން ގަސްތުކުރިއިރު ފަސީހު މަސައްކަތްކުރަމުން އައީ އައިކެއާ އޮޕްޓިކަލްސްގަ އެވެ. އޭރު ބޭނުންވީ ވެސް އައިނު ވިއްކާ ފިހާރައެއް ހުޅުވާށެވެ. ނަމަވެސް ކަންދިމާކުރި ގޮތުން ހުޅުވުނީ ފާމަސީއެކެވެ. "ކެޕްސޫލް ފާމަސީ" ގެ ނަމުގައި އެންމެ ފުރަތަމަ ފާމަސީ ހުޅުވިއިރު، ތަނުގެ ލޮކޭޝަންގެ ސަބަބުން އެހާ ބޮޑަށް ވިޔަފާރި ކުރިއަކަށް ނުދިޔަ އެވެ. އެއާ އެކު އެހެން ތަނަކަށް ފާމަސީ ބަދަލުކުރި އެވެ.

އެކަމަކު ހިންގުމުގެ ޚަރަދާ އަޅާބަލާއިރު އެކަށީގެންވާ ވަރަށް ދެން ވެސް މަސައްކަތް ކުރިއަށް ނުދިއުމުން މިފަހަރު ޖެހުނީ ފާމަސީ ބަންދުކޮށް އަމިއްލަ ގޭގައި ވިޔަފާރި ކުރިއަށް ގެންދާށެވެ.

"އޭރު އަޅުގަނޑު ދިޔައީ ވެސް އެހެން ވަޒީފާއެއް އަދާކުރަމުން. އާންމުކޮށް މީހަކު އެއްޗެއް ގަންނަން ގުޅީމަ މަގުމަތިން އެ އެއްޗެހި ހަވާލުކޮށް ހަދަނީ. އޮފީސް ބްރޭކް ގަޑިތަކުގައި ބައެއް އިންވޮއިސްތަކާއި އެއްޗެހި ތަންތަނަށް ހަވާލުކުރަނީ. ދެން އޮފީސް ނިންމާލާފައި އެއާޕޯޓަށް ގޮސް މުދާ ކްލިއާކުރަނީ،" ފަސީހު އޭނާގެ މަސައްކަތް ތަރައްގީވަމުން އައި ގޮތް ކިޔައިދިނެވެ.

މިއީ އޭރު ވެސް ރާއްޖޭގައި ގިނަ ބަޔަކު އުޅުނު ވާދަވެރި ދާއިރާއެއް ކަމުގައިވިޔަސް، އެންމެ ފަހަރަކު ވެސް އުންމީދު ކަނޑާނުލައި ކަމަށް ފަސީހު ބުންޏެވެ. ނަސީބު އަތުގައި ހިފީ އެ ހިސާބުންނެވެ. އަނެއްކާވެސް ވިޔަފާރި ހިންގާނެ އޮފީހެއް ހޯދައި، ހަމައެކަނި ބޭސް ވިއްކުމުގެ ބަދަލުގައި، ސިއްޚީ ދާއިރާއަށް ބޭނުންވާ މެޝިނަރީސް އާއި އިކުއިޕްމަންޓްސް ސަޕްލައި ކޮށްދިނުމުގެ މަސައްކަތް ފެށި އެވެ.

މި އަހަރު ވޯލްޑް ހެލްތު އެންޑް ވެލްނެސް ކޮންގްރެސް އެންޑް އެވޯޑްސް އިން ހޮވި، ސިއްހީ ދާއިރާއަށް އެންމެ ބޮޑު ބަދަލެއް ގެނުވި 100 ލީޑަރުންގެ އެވޯޑާ އަހްމަދު ފަސީހު ހަވާލުވަނީ

މައިގަނޑު ގޮތެއްގައި ވޯލްޑިވްސް ކުންފުނިން މިހާރު ވިއްކަނީ އިމްޕްލާންޓް މެޝިނަރީސް އާއި އެޑްވާންސް ތެރަޕީއަށް ބޭނުންވާ ތަކެއްޗާއި އޮޕަރޭޝަނަށް ފަހު ބޭނުންކުރާ ތަކެއްޗެވެ.

މީގެ އިތުރުން، 2014 ގައި ރާއްޖެއަށް ސީ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކުރަން ބޭނުންވާ މެޑިކަލް އިކުއިޕްމަންޓްސް ވެސް ފަސީހުގެ ކުންފުނިން ސަޕްލައިކުރި އެވެ. މިއީ ރަށްރަށުގައި ލިބެން ހުރި ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތަކަށް ވާތީ އެ ކުންފުނިން ބައެއް ވަސީލަތްތައް ހަދިޔާ ވެސް ކުރި އެވެ.

އަހުމަދު ފަސީހުގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން އޭނާއަށް އެމްއެންޑީއެފުން ދިން އައްޑަނަ ރައީސް އަބްދުﷲ ޔާމީން ހަވާލުކުރައްވަނީ

ދުނިޔޭގައި ގަބޫލުކުރެވޭ އެންމެ ރަނގަޅު ފެންވަރުގެ ވަސީލަތްތައް އިތުބާރާއި ޔަގީންކަމާ އެކު، ބޭނުންވާ ވަގުތަށް ދިވެހިންނާ ހިސާބަށް ސަޕްލައިކުރުމުގެ މަސައްކަތް ފަސީހު އާއި އޭނާގެ ޓީމުން ކުރަމުން އަންނައިރު ރާއްޖޭގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން، އެފަދަ ފަރާތްތަކަށް ވޯލްޑިވްސްގެ ސްޕޮންސާޝިޕްގައި އިތުރު ތަމްރީން ދިނުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

މި ހުރިހާ ޚިދުމަތްތަކާ އެކު ވޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން ފަސީހަށް މިވަނީ މުޅި ދުނިޔެއިން ހޮވާލެވޭ، "ހަންޑްރެޑް މޯސްޓް އިމްޕެކްޓްފުލް ހެލްތު ކެއާ ލީޑާސް" ގެ އެވޯޑް ލިބިފަ އެވެ. ކޮންމެ އަހަރަކު ދޭ މި އެވޯޑް މި އަހަރު ދިނީ 133 ގައުމަކުން 500 އަށް ވުރެ ގިނަ ތަޖުރިބާކާރުން ބައިވެރިވި އެ ޖަމިއްޔާގެ ކޮންގްރެސްގަ އެވެ.

ފަސީހު ވިދާޅުވީ އެވޯޑާ އެކު އެ ކުންފުނީގެ މަސައްކަތް އިތުރަށް ފުޅާވާނެ ކަމަށެވެ.

"އުންމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް އިތުރު ތަކެތި ސިއްޚީ ދާއިރާއަށް ސަޕްލައިކުރެވި، ރާއްޖޭގެ މެޑިކަލް ދާއިރާ އިތުރަށް ފުޅާވެގެން ދިއުމުގައި އެހީތެރިކަން ފޯރުކޮށްދެވުން،" ފަސީހު ވިދާޅުވި އެވެ.