ޝާހީ ކައިވެނި ޒީނަތްތެރިކުރާނީ ހުދާއި ފިޔާތޮށި ކުލައިގެ މަލުން

އަންނަ މަހު 19 ގައި ބާއްވާ، ޕްރިންސް ހެރީ އާއި ބަތަލާ މޭގަން މާކަލްގެ ކައިވެނީގެ ތައްޔާރީތައް މިހާރު ވަނީ މެކުހަށް ޖަހައިފަ އެވެ. މި ކައިވެންޏާ ބެހޭ އެންމެ ފަހުގެ ވާހަކައަކީ ވިންސާ ކާސްލްގެ ސެއިންޓް ޖޯޖް ޗަޕެލްގައި ބާއްވާ ހަފުލާ ޒީނަތްތެރި ކުރުމުގެ ވާހަކަ އެވެ. އެތަން މަލުން ފަރިކުރަން މިހާރު ވަނީ ލަންޑަންގެ މަޝްހޫރު ފްލޯރަލް ޑިޒައިނަރު ފިލިޕާ ކްރެޑޮކްއާ ހަވާލުކޮށްފަ އެވެ.


އެކަން ކެންސިންޓަން އިން ކުރި ޓްވީޓެއްގައި ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ. ޕްރިންސް ހެރީ އާއި މޭގަންގެ ކައިވެނީގެ ހަފުލާގައި ބޭނުންކުރާ މަލުގެ ރަސްމީ ކުލަތަކަކީ ފިޔާތޮށްޓާއި ހުދު ކުލަ އެވެ. އެގޮތުން މޭގަން އެންމެ ގަޔާވާ މާތަކުގެ ތެރޭގައި ހިމެނޭ ފިޔާތޮށި ފިނިފެންމަލާއި ފޮކްސްގްލޯވްސް އާއި ޕިއޮނީޒް ފަދަ މާތައް ބޭނުން ކުރާނެ އެވެ.

ޝާހީ ކައިވެނީގެ ފްލޮރިސްޓް ފިލިޕާ.

ހަފުލާ ހިތްގައިމުކޮށް ވަސްމީރުކުރަން ބޭނުން ކުރާނީ ދަ ކްރައުން އެސްޓޭޓާއި ވިންސާ ގްރޭޓް ޕާކްގެ ތާޒާ މާތެކެވެ.

ޝާހީ ކައިވެނީގެ ހަފުލާގެ ރަސްމީ ފްލޮރިސްޓަކަށް ހަމަޖެއްސުމުން އުފަލުން ހުރި ފިލިޕާ ބުނީ ޝާހީ އާއިލާގެ ބޮޑު ހަފުލާއެއްގައި ހިއްސާވާން ލިބުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

ކެންސިންޓަން ޕެލަސްގެ ޓްވީޓެއް.

"މި މަސައްކަތުގައި އަހަންނަށް ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކުރާނަން. އެންމެ މުހިއްމު ކަމަކީ ސީދާ ޕްރިންސް ހެރީ އާއި މޭގަން ބޭނުންފުޅުވާ ގޮތަށް ކައިވެނީގެ ހަފުލާ ބާއްވާ ސެއިންޓް ޖޯޖް ޗަޕެލް ޒީނަތްތެރި ކުރުން،" މީގެ ކުރިން ވެސް ޝާހީ އާއިލާގެ ޕްރައިވެޓް ހަފުލާތަކުގެ ޕްލޮރިސްޓެއް ޒިންމާ އަދާކޮށްފައިވާ ފިލިޕާ ބުންޏެވެ. "އަހަރެންގެ މި މަސައްކަތަކީ ކައިވެނީގެ ތީމު ވެސް ވަރަށް ބޮޑަށް ރަމްކޮށްދޭނެ ކަމަކަށްވާތީ، މަސައްކަތް ވަަރަށް ފުރިހަމަ އަށް ކުރަން ޖެހޭނެކަން އެނގޭ. އެކަމަށް އަހަރެން ތައްޔާރަށް ހުންނާނީ."

ރިޕޯޓްތައް ބުނާ ގޮތުން ޕްރިންސް ހެރީ އާއި މޭގަންގެ ކައިވެނީގެ ހަފުލާ އަށް ފަހު، މާތައް ޗެރިޓީތަކަށް ހަދިޔާކުރަން ވެސް ވަނީ ނިންމައިފަ އެވެ.

ޝާހީ ކައިވެނީގެ ތައްޔާރީތަކުގެ ތެރެއިން މި ކައިވެނީގެ ސިކިއުރިޓީ އާއި ހަފުލާގައި އިނގިރޭސި އަސްކަރިއްޔާ ދައުރު ވެސް އޮންނާކެކަން ކެންސިޓަން ޕެލަސް އިން ވަނީ އިއުލާންކޮށްފަ އެވެ. އެދި އެކަމަށް އިނގިރޭސި ޑިފެންސް މިނިސްޓްރީގެ ފަރާތުން ފޯރުކޮށްދޭ އެހީތެރި ކަމަށް ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.