07 އެޕްރީލް 2018 - 07:14
ފަލަވުމާއި އެ ނޫން ވެސް ސިއްހީީ މައްސަލަތަކާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ފްރާންސާއި ނޯވޭ ފަދަ ގައުމުތަކުން މީގެ ކުރިން ވަނީ ސޮފްޓް ޑްރިންކްސް ނުވަތަ ލުއި ބުއިންތަކުން ޓެކްސް ނަގާ ގޮތަށް ނިންމައިފަ އެވެ.
މި ލިސްޓަށް މި ފަހަރު އިތުރުވި ގައުމަކީ އިނގިރޭސިވިލާތެވެ. ސޮފްޓް ޑްރިންކުންތަކުން ޓެކްސް ނަގަން ނިންމިިކަން އެ ގައުމުން ވަނީ ހުކުރު ދުވަހު ރަސްމީކޮށް އިއުލާންކޮށްފަ އެވެ. މި ނިންމުމާ ގުޅިގެން އިނގިރޭސިވިލާތުގައި ހަކުރުގެ މިންވަރު 5 ގްރާމްގައި ހިމެނޭ ކޮންމެ 100 މިލިލީޓަރުގެ ބުއިމަކުން 0.21 ޔޫރޯ (0.25 ޑޮލަރު) ގެ ޓެކްހެއް ނަގާނެ އެވެ. އަދި ހަކުރުގެ މިންވަރު 8 ގްރާމަށް ވުރެ މަތީ މިންވަރަކަށް ހިމެނޭ ބުއިންތަކުން ކޮންމެ މިލިލީޓަރަކަށް 24 ޕެންސްގެ ޓެކްހެއް ނަގާނެ އެވެ.
ހަކުރު އެކުލެވޭ ލުއި ބުއިންތަކުން ޓެކްސް ނަގަން ފެށުމާ އެކު، މަޝްހޫރު ބައެއް ބްރޭންޑްތަކުގެ ތެރޭގައި ހިމެނޭ ފެންޓާ، ރައިބީނާ އަދި ލުކޯޒޭޑް ފަދަ ބައެއް ބުއިންތަކުގައި ހަކުރު އެކުލެވޭ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްކޮށްފަ އެވެ.
އެކަމަކު ކޮކޯ ކޯލާ އާއި ޕެޕްސީ ފަދަ ބްރޭންޑްތަކަށް ބަދަލެއް ނުގެނެ އެވެ. އެ ކުންފުނިތަކުގެ ބުއިންތަކުގެ ކޮންމެ 100 މިލިލީޓަރެއްގައި 10 ގްރާމް ހަކުރު އެކުލެވެ އެވެ.
ސޮފްޓް ޑްރިންކްސްތަކެއް: މިފަދަ ބުއިންތަކުގައި ހަކުރު މިންވަރު މަތި.
އިނގިރޭސިވިލާތުން ބުނި ގޮތުގައިި ސޮފްޓް ޑްރިންކްތަކުން ޓެކްސް ނަގާ ގޮތަށް ނިންމީ އެ އެފަދަ ބުއިންތަކުން ފަލަވުމުގެ މައްސަލަތާއި ކުޑަކުދިންގެ ދަތްތައް ފަނިކެއުން ފަދަ ސިއްހީ ގިނަ މައްސަލަތައް ދިމާވީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުންނެވެ.
"ފުރާވަރުގެ ކުދިން ވަރަށް ގިނަ އަދަދަކަށް ސޮފްޓް ޑްރިންކްސް އެބަ ބޭނުން ކުރޭ. މީގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތައް،" އިނގިރޭސި ޕަބްލިކް ހެލްތު މިނިސްޓަރު ސްޓީވް ބްރައިން ވިދާޅުވި އެވެ. "އުންމީދު ކުރަނީ މި ގެނައި ބަދަލާ އެކު، ސޮފްޓް ޑްރިންކްސް ބޭނުން ކުރާ މިންވަރު ދަށްވެގެން ދާނެ ކަމަށް."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy