އިނގިރޭސިވިލާތުގެ ޕްރިންސް ވިލިއަމާއި އަނބިކަނބަލުން ކޭޓް މިޑްލްޓަނަށް މިއަދު ފިރިހެން ބޭފުޅަކު ލިބިވަޑައިގެންފި އެވެ.
މިއީ އެ ދެކަނބަލުންގެ ތިން ވަނަ ދަރިކަލުންނެވެ. ކޭޓް މިއަދު ވިހެއީ ލަންޑަންގެ އެސްޓީ މޭރީ ހޮސްޕިޓަލްގަ އެވެ. އެއީ ވިލިމާއި ކޭޓަށް ފުރަތަމަ ލިބިވަޑައިގެންނެވި ޕްރިންސް ޖޯޖް، 4، އާއި ޕްރިންސެސް ޗާލޮޓް، 2، ވެސް އުފަންވެވަޑައިގަތް ހޮސްޕިޓަލެވެ.
ކޭޓް ވިހެއުމާ ގުޅިގެން ޝާހީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނީ ކޭޓާއި ދަރިކަލުންގެ ހާލު ވެސް ރަނގަޅު ކަަމަށެވެ.
ޕްރިންސް ވިލިއަމާއި ކޭޓް 2011 ގައި ކުރެއްވި ކައިވެންޏަށް އަލަތު ދަރިކަލުން ޖޯޖް ލިބިވަޑައިގަތީ 2013 ގަ އެވެ. ދެވަނަ އަންހެން ދަރިކަނބަލުން ޕްރިންސެސް ޗާލޮޓް އުފަންވެވަޑައިގަތީ 2015 ގަ އެވެ.
އާއިލާ އަށް ފިރިހެން ބޭފުޅަކު އިތުރުވެގެން ދިޔަ އިރު، އަލަށް އުފަންވެވަޑައިގަތް ދަރިކަލުން ވާނީ އިނގިރޭސި ތަހުތާ ހަ ވަނަ އަށް އެންމެ ގާތުގައި ހުންނަވާނެ ބޭފުޅަށެވެ.
ޕްރިންސް ޗާލްސް އާއި ޕްރިންސެސް ޑަޔާނާގެ ދޮށީ ދަރިކަނލުން ވިލިއަމަށް ތިން ވަނަ ދަރިކަލުން ލިބިވަޑައިގެންނެވި އިރު، އޭނާގެ ކޮއްކޯފުޅު ޕްރިންސް ހެރީ އަންނަނީ އަލަތު ކައިވެންޏަށް ތައްޔާރުވެވަޑައިގަންވަމުންނެވެ.
ހޮލީވުޑްގެ ބަތަލާ މޭގަން މާކަލް އާއި ޕްރިންސް ހެރީގެ ކައިވެނީގެ ހަފުލާ އޮންނާނީ އަންނަ މަހުގެ 19 ވަނަ ދުވަހު އެވެ. ޝާހީ އާއިލާ އިން މިހާރު ގެންދަވަނީ އެ ކައިވެނީގެ އެންމެ ފަހުގެ ތައްޔާރީތައްވަމުންނެވެ.