ހާމަ ތަންތަނަށް ބޮޑުކަމުދާ ނަމަ ހިލޭ ހަނޑޫ ނުދޭނެ ކަމުގެ އިންޒާރު އިންޑިއާގެ ބައެއް އަވަށްތަކަށް ދީފި އެވެ.
ހާމަ ތަންތަނަށް ބޮޑުކަމުގޮސް، އާންމު ތަންތަން ހަޑި ކުރުމާއި އަވަށްތަކުގެ އެކި ސަރަހައްދުތަކަށް ކުނި އަޅާ ނަމަ، ހިލޭ ހަނޑޫ ނުދޭނެ ކަމުގެ އިންޒާރު ދިނީ އިންޑިއާގެ ޕުޑްޗެރީގެ އަވަށްތަކަށެވެ.
އިންޑިއާގެ ރަށްފުށުގެ އަވަށްތަކަށް އަދިވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ރައްކާތެރިކަމާ އެކު ފާހާނާ ކުރުމުގެ ނިޒާމެއް ނެތުމެވެ. މި ސަބަބާ ހުރެ، އަދިވެސް ބައެއް އަވަށްތަކުގައި ހާމަ ތަންތަނަށް ބޮޑުކަމުދިއުމަކީ އާންމު ކަމެކެވެ.
އިންޑިއާގެ ޕުޑްޗެރީގެ ލެފްޓިނަންޓް ގަވަރުނަރު ކިރަން ބޭދީ ވިދާޅުވީ ހިލޭ ފޯރުކޮށްދޭ ހަނޑޫ ނުތާހިރު އަވަށްތަކަށް ދޫނުކުރާނެ ކަމަށެވެ. އޭނާ ވަނީ ޕުޑިޗެރީގެ ބައެއް އަވަށްތަކުގެ ތަންތަނަށް ކުނި އަޅާފައި ހުރި ފޮޓޯތަކެއް ވެސް ހޮނިހިރު ދުވަހު ޓްވީޓްކޮށްފަ އެވެ. އަދި އަވަށްތަށް ސާފުކުރަން މިހާރު ވަނީ އަންނަ މަހުގެ ނިޔަލަށް ސުންގަޑި ވެސް ދީފަ އެވެ.
ދި އިންޑިއަން އެކްސްޕެރެސް އަށް ދިން އިންޓަވިއުއެއްގައި ކިރަން ވިދާޅުވީ އަވަށްތައް ސާފު ނުކުރާ ނަމަ ހިލޭ ހަނޑޫ ދޫކުރުން ހުއްޓައިލާނެ ކަމަށާއި ހަނޑޫ ދޫކުރާނީ އަވަށްތައް ސާފު ކުރާކަން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި ކޮމިއުން ކޮމިޝަނަރުން މެދުވެރިކޮށް ކަށަވަރު ކުރުމަށް ފަހު ކަމަށެވެ.
ޕުޑްޗެރީގެ ޗީފް މިނިސްޓަރު ވީ ނަރަތަނަސަމީ އަށް ކިރަން ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ހަނޑޫ ދޫކުރާނީ އަވަށްތައް ސާފު ކުރާކަން އަންގައިދޭ ސެޓްފިކެޓް ހާސިލް ކުރަން ޝަރުތުކޮށްފައި ކަމަށެވެ.
މި މައްސަލާގައި އިދިކޮޅު ކޮންގްރެސް ޕާޓީގެ ފާޑު ކިޔުންތައް މިހާރު ވަނީ ބީޖޭޕީ އަށް އަމާޒުވެފަ އެވެ. އަދި އެ ޕާޓީ ތަމްސީލު ކުރާ މަޖިލިސް މެމްބަރުން ވަނީ ކިރަންގެ އެ ޝަރުތަކީ މޯދީގެ އެންގެވުމަކަށް ކުރައްވާ ކަމެއްތޯ ވެސް ސުވާލު އުފައްދައިފަ އެވެ.
އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިންޑިއާ ސާފު ތާހިރު ގައުމަކަށް ހަދަން ކުރިއަށް ގެންދަވާ "ސްވަޗް ބާރަތު" ގެ ކެމްޕޭންގެ ދަށުން ވެސް އިންޑިިއާގެ ރަށްފުށުގެ އަވަށްތަކުގައި ގިނަ އަދަދެއްގެ ފާހާނާތައް ގާއިމުކުރުމަށް ވަނީ ވައުދުވަޑައިގެންފައިވެ އެވެ. ހަމަމިއާ އެކު މި މައްސަލަ ހޭލުންތެރިކަން އުފެއްދުމަށް މިދިޔަ އަހަރު "ޓޮއިލެޓް: އޭކް ޕްރޭމް ޙަތާ" ގެ ނަމުގައި ވަނީ ފިލްމެއް ވެސް ގެނެސް ދީފަ އެވެ.