"ގަސްރުކުން މަލަ ފަވާލީ" އައިޝަތު އަނީސްގެ ގަލަމުން

އޭނާ އަކީ ޅެންވެރިއެއް ނޫނެވެ. އެކަމަކު އެއް ދުވަހަކު އިވުނު ރީތި ރާގަކުން އޭނާ ޅެންވެރިއަކަށް ބަދަލުކޮށްލީ އެވެ. ގޭގައި އޮތް ކެސެޓެއް ރޯލުކުރަމުން ދަނިކޮށް ކަންފަތުގައި ބީހިލީ އެ އިނގިރޭސި ލަވައިގެ ރާގު އޭނާގެ ނަފްސު ބަލައިގަތީ އެވެ. އެ ހިސާބުން ހިތަށް އެރި އެވެ؛ "އާދޮނގޭ، މި ފަހަރު މި ރާގަށް ބަސްތަކެއް އަތުރާލާނަމެ"ވެ. އެ ރާގުކޮޅުގެ ރީތިކަމުން އޭނާގެ ހިތާއި ސިކުނޑިއަށް ކުރުވި އުފާވެރި އިހުސާސްތަކާ އެކު، އޭގެ މައްޗަށް މަހާލި ދިވެހި ބަސްތައް އެމުނި އެކުލެވިގެން އުފެދުނު ލަވައަކީ، އެ ދުވަހު ވެސް އަދި މިއަދު ވެސް އަހަރެމެން ހުރިހާ ދިވެހިންގެ ނަފްސަށް ހަމަ އެ އުފާވެރި އިހުސާސްތައް ގެނެސްދޭ ލަވައެކެވެ. މަޝްހޫރު ލަވަކިއުންތެރިއާ ހޮޅުދޫ އަބްދުﷲ ހަސަންގެ "ގައުމީ އަޑުން" ރެކޯޑްކުރި "ގަސްރުކުން މަލަ ފެވޭ" ނުވަތަ "އޯ ވަޒަން" އަކީ ހަގީގަތުގައި ވެސް، ނޭނގޭ އަސަރުތަކެއްގެ ތެރެއަށް މީހާ ގެނބި، ދިވެހިވަންތަކަމުގެ އިހުސާސުން ހީބިހި ނަގުވާ ފަދަ ލަވައެކެވެ.


ނޭނގޭ އަސަރުތަކެއް އެ ލަވައިން ކުރުވާ ފަދައިން އެ ލަވައިގެ ޝާއިރަކީ ކޮބައިކަމެއް ވެސް ގިނަ މީހުންނަށް ނޭގެ އެވެ. އެއީ ހޮޅުދޫ އަބްދުﷲގެ ލޮބުވެތި އަނބިކަނބަލުން މއ. މާގަސްދޮށުގޭ އައިޝަތު އަނީސެވެ. އެ ލަވައިގައި އޭނާ އެ އަތުރާލި ބަސްތަކަކީ މުޅި ދުނިޔެ، އެތަނެއްގެ ރީތިކަމަށް ހެކިވާ މި ދިވެހިރާއްޖެ މިހާތަނަށް ސިފަކޮށްދީފައިވާ އެންމެ ސާދާ އެއް ސިފަކޮށްދިނުމެވެ. ނުވަދިހައިގެ ފަހުކޮޅު އަހަރެމެންނާ ބައްދަލުކުރި އެ ލަވަ ޓީވީތަކުން ފެނި ރޭޑިއޯތަކުން އަބަދު އިވެ އެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކައިދޭ ފޮޓޯތަކުގެ ކެޕްޝަނަކީ އެ ލަވައިގެ ކަޑިތަކެވެ. މޯލްޑިވިއަން އައިޑަލްގައި އިސްޓޭޖް ދެ ފަހަރެއްގެ މަތިން ފަޅުފިލުވައިދީފި އެވެ. އެކަމަކު އެ ރީތި ރާގަށް ދިވެހި ބަހުން ފުރާނަ އަޅައިދިން ޅެންވެރިއާގެ ނަން އޮތީ ފަވާނުލެވި އެވެ.

ހަމަ އެގޮތަށް އައިޝަތު އަނީސްގެ ކިބައިގައިވާ ޝާއިރިއްޔަތުގެ ހުނަރުވެރިކަން ވެސް މި ލަވަ ހެދުމާ ހަމައަށް އޮތީ ފަރުދާވެފަ އެވެ. މި ލަވައަށް ފަހު އޭނާ ދެން ހަދިޔާކުރެއްވީ އަނެއްކާ ވެސް އަހަރެމެން އެންމެންގެ ހިތުގައި ބިންވަޅު ނެގުނު ލަވައެކެވެ؛ "އިސްލާހު ވާން އެދޭ ނަމަ ފުރުސަތު ނަގާ ނުލާ" މި ލަވަ އެވެ. އެކަމަކު ވެސް އޭނާ ވިދާޅުވަނީ "ޅެންވެރިންނަކީ ކޮންމެ މައުލޫއަކަށް ވެސް ވަގުތުން ވަގުތަށް ޅެން ހައްދަވާ ބޭފުޅުން" ކަމަށާއި "އަޅުގަނޑު ތިޔަ ލިސްޓަށް ލައްވާނެ ކަމެއް ނެތް" ކަމަށެވެ.

"މިއީކީ އެއްގޮތަކަށް ވެސް މާ މޮޅު ޝާއިރަކަށް ވެގެން ހެދި ލަވައެއް ނޫން. އެހެން ހީފުޅުނުކުރައްޗޭ،" އަކަޔަނބޯ ހެއްދެން ބޭނުންފުޅެއްނުވެ އެވެ. "ރާގު ސާދާވެފައި، ކަމުދާ ގޮތަކަށް އޮތުމުން އޭގެ މައްޗަށް ބަސްތަކެއް އަތުރާލި އަތުރާލުމެއް މިއީ."

އޭނާ ފަހުން އެ ވިދާޅުވި ޖުމްލައަށް ކުޅަދާނަ ޅެންވެރިޔާ އާދަމް ނަސީރު އިބްރާހިމް އެއްބަސްވެވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވީ ރާގަކަށް ޅެމެއް ހަދާއިރު އެންމެ އިސްކަންދޭން ޖެހޭ ކަމަކީ މިއުޒިކުގެ ތޮބީއަތާ ލަވައިގައި ކިޔާ އެއްޗަކާ ގުޅުން ހުރުން ކަމަށާއި "ގަސްރުކުން މަލަ ފެވޭ" މި ލަވައަކީ އޭގެ މިސާލެއް ކަމަށެވެ.

"މިއުޒިކުގެ ތޮބީއަތާއި ޅެމުގެ ބަސްމަގުން އެއަށްދޭ މާނަތައް ގުޅިފައިވާކަމުގެ އިހުސާސްކުރެވޭ އަޅުގަނޑަށް. އެއީ މިއުޒިކަށް ޅެމެއް ހަދާއިރު ސަމާލުވާން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

"ގަސްރުކުން މަލަ ފެވޭ" މި ލަވަ

އުމުރުފުޅުން 87 އަހަރުގެ އައިޝަތު އަނީސްގެ އަލަތު ޅެން ވެސް އެހާމެ ފުރިހަމަކަމާ އެކު ގަތާލެވުނު އަނެއް ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި ދުނިޔެވީ އެއްވެސް ނުފޫޒެއް އޭގައި ނެތުމެވެ. މިއީކީ ބަޔަކު ފައިސާދީގެން އޭނާ ލައްވާ ކުރުވި މަސައްކަތެއް ނޫނެވެ. ލަވަކިޔާނެ މީހަކު ހޯދަން ފިކުރުކުރާކަށް ނުޖެހޭނެ އެވެ. އިނގިރޭސި ލަވަ ކަންފަތުގައި ޖެހުމާ އެކު ފެށި މަސައްކަތް އެރޭ ނިންމާލީ ލަވަ މި ލަވަ އުފަންކުރުވުމަށް ފަހު އެވެ.

މި ލަވަ ލިޔުއްވުމަށް ފަހު ފިރިމީހާ އަށް ދެއްވުމުން އެއްސެވީ "މީ ކޮންކަހަލަ ވަޒަނަކަށް، ކޮން ކަހަލަ ރާގަކަށް ހަދާފައި އޮތް ލަވައެއްތޯ؟" އެވެ. ސަބަބަކީ އެހާތަނަށް އިނގިރޭސި ރާގުތަކަށް ލަވަ ވިދާޅުވުމަކީ އަބްދުﷲ ހަސަން ކުރައްވާފައިވާ ކަމަކަށްނުވާތީ އެވެ. އެހެންވެ މި ލަވައަކީ ރަނުން ފެވިފައިވާ ހޮޅުދޫ އަބްދުﷲ ގެ މިއުޒިކީ ހަޔާތުގައި ވެސް މުހިއްމު ނަމްބަރެކެވެ.

ހޮޅުދޫ އަބްދުﷲ ވިދާޅުވެފައިވާ ގޮތުގައި މި ލަވަ ވިދާޅުވާން ލިބިވަޑައިގެން އިރު ވެސް އޭނާ ވެސް ހުންނެވީ ޒަމާން ބަދަލުވެ، އިނގިރޭސި ރާގަކަށް ދިވެހި ލަވައެއް ވިދާޅުވެވިދާނެތޯ ބެއްލެވުމުގެ ޝައުގުވެރިކަމުގައި ކަމަށެވެ. ތަފާތު ވަޒަނެއްގެ ލަވައަކަށްވީ ނަމަވެސް އޭނާ އެ ލަވަ ރެކޯޑްކޮށް ނިންމާލީ ފަސޭހަކަމާ އެކު އެވެ. މި ލަވަ އޭރު އަބްދުﷲ ވަޒީފާއަދާކުރައްވަމުން ގެންދެވި ދިވެހިރާއްޖޭގެ އަޑަށް ހަދިޔާކުރެއްވި އެވެ. އަދި ވީޑިއޯ ހަދައި ޓީވީއެމުން ދައްކަން ފެށި އެވެ.

މި ލަވައިގައި ޅެމަށް ބަލާއިރު ރާއްޖެ ސިފަވާ އެންމެ މުހިއްމު ހަތަރު ކަންތައް ހިމެނެ އެވެ. އެއީ އިސްލާމްދީނާއި މިނިވަންކަމާއި ގުދުރަތީ ރީތިކަމާއި މޫސުމެވެ. ލަވަ ފަށާފައިވަނީ ރާއްޖޭގެ ރަށްތަކުގެ އެންމެ މުހިއްމު ސިފަ ހިތަށް ތަސައްވުރުކޮށްދެމުންނެވެ. ގަސްތަކާއި ރުށްތަކުން ރަށުގެ މަލަމަތި ފެވިފައިވާ ވާހަކަ އެވެ. ނޫކަން އެންމެހާ ގަދަ ވިލުތަކާއި ކަނޑުކަނޑާއި މޫދު އޮންނަ މި ރާއްޖޭގެ ރަށްތަކުގެ ރީތި ދޮންވެލި ތުނޑިތަކާއި އެ ތުނޑިމަތީގައި ދޫނިތައް އުޅޭ ވާހަކައިން ރާއްޖޭގެ ގުދުރަތީ މާހައުލު ސިފަކޮށްދީފައިވާއިރު މޫސުން ސިފަކޮށްދެމުން ބުނެފައިވަނީ މިއީ ހޫނު އަވިދޭ ތަނެއްގެ ގޮތުގަ އެވެ. ރާއްޖޭގެ ފަތުރުވެރިކަން މަޝްހޫރުކުރުމުގައި ބޭނުންކުރާ ޝިޔާރު "ދަ ސަނީ ސައިޑް އޮފް ލައިފް" ފަދައިންނެވެ.

އައިޝަތު އަނީސް "މިހާރަ"ށް އިންޓަވިއުއެއް ދެއްވަނީ. –ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ވިހުރުވެ ވިހުރުވެ ހުންނަ ދިދައެއްގެ މިސާލުން ރާއްޖޭގެ މިނިވަންކަމުގެ ވާހަކަ ގެނެސްފައިވާއިރު، ކޮންމެ ހެނދަކުން ވެސް ނުވަތަ ކޮންމެ އާ ދުވަހަކުން ވެސް ހިތްއުފާކަން ގެނެސްދޭ މި ރާއްޖޭގެ ރަށްރަށަކީ ފޫހިކަމެއް ނެތް، އެންމެ ހިތްހަމަޖެހޭ މާހައުލެއް އޮތް ރަށްތަކެއްގެ ގޮތުގައި ގެނެސްދީފައިވެ އެވެ. މާތްވެގެންވާ އިސްލާމް ދީނުގެ ރާއްޖެއެއްގެ ގޮތުގައި މި ގައުމު ސިފަކޮށްދެއްވާފައިވަނީ ކުރު އެހެނަސް މާނަފުން "މާތްވި އިސްލާމް ރާއްޖެމީ" މި ބައިތުންނެވެ.

"އޭ އަހަރެންގެ ވަތަނެވެ. ތިޔައީ ލާމަސީލު ރާއްޖެއެކެވެ. ތިޔައީ އަހަރެންގެ ލޯތްބެވެ. އޭ ވަޒަނާ އެވެ،" ޅެންވެރިއާ ބުނާފަދަ އެވެ.

މިއީ ހަގީގަތުގައި ވެސް ލޯބިވާ ވަތަނަށް ކިޔައިދޭ ނާނާއެކެވެ. ރާއްޖޭގެ ރީތިކަން ހިތަށް ތަސައްވުރުކޮށްދޭ "ބަންޖެ"ކެވެ. ގައުމުގެ ރިވެތިކަން ސިފަކޮށްދޭން އަޑުހަރުކޮށްކިޔަންވީ "ރައިވަރެ"ކެވެ. ގައުމީ ރޫހު އާލާކޮށްލަން އެންމެން އެއްވެ ތިބެ ކިޔަންވީ "ފަރިއްސެ"ކެވެ. މިއަދުގެ ޒުވާނުންގެ ސިކުނޑީގައި ކުޑައިރުން ފެށިގެން ހަރުލާފައިވާ ގައުމީ ލަވަތަކުގެ ތެރެއިން ވެސް އޭގެ ތަތްކަން އެންމެ ގަދަ ލަވައަކީ މިއެވެ. މިއީ "އަސްލު ގައުމީ ލަވައެއް" ކަމަށާއި "ދިވެހިންވަންތަ ޝުއޫރު އެންމެ ބޮޑަށް ހިތަށް ވައްދައިދޭ ލަވައަކީ" މިއީ ކަމަށް ޒުވާނުން ދެކެ އެވެ. އަމިއްލަ ގައުމުގެ ގުދުރަތީ މުއްސަނދިކަމަށާއި ހިތްގައިމުކަން ނުވަތަ ރާއްޖެ، ރާއްޖޭގެ ގޮތުގައި ސިފަކޮށްދޭން މިއަށް ވުރެ ވަކި ފުރިހަމަ ލަވައެއް ފެންނާކަށް ނެތެވެ.

އެ ފުރިހަމަކަމަށާއި އައިޝަތު އަނީސް ތުއްޕުޅުގެ ދުވަސްތައް ހޭދަކުރެއްވި ދިރިއުޅުމާ ގުޅުވާލެވިދާނެ އެވެ. ބައްޕާފުޅު މަރްހޫމް ހަސަން މޫސާދީދީ ރ. އަތޮޅާއި ބ. އަތޮޅުގެ އަތޮޅުވެރިކަން ކުރެއްވި އިރު ބައްޕާފުޅުގެ އަރިހުގައި، ރާއްޖޭގެ އެންމެ ރީތި އެއް ރަށް ކަމުގައިވާ ރ. ފައިނުގައި ހޭދަކުރެއްވި އެވެ. އެހެންވެ އޭނާގެ ލޮލާއި ސިކުނޑި ހުޅުވެމުން އައީ ރާއްޖޭގެ ރީތިކަމުގެ ތެރެއަށެވެ.

"ރާއްޖޭގެ ރީތިކަމާއި ރާއްޖޭގެ ފޫހިނެތް ދިރިއުޅުން އަބަދުވެސް އަޅުގަނޑަށް ތަސައްވުރުކުރެވިފައިވޭ،" އޭނާ ވިދާޅުވި އެވެ.

މޯލްޑިވިއަން އައިޑަލްގައި ޒަލީފް ކިޔާފައިވާ "ގަސްރުކުން މަލަ ފެވޭ" ލަވަ

އެ ތަސައްވުރުގެ މައްޗަށް ކުރައްސަވާލެއްވި ރީތި މަންޒަރުގައި، މިއަދުގެ ބައެއް ހުނަރުވެރި ލަވަކިއުންތެރިން އަންނަނީ އިތުރު ކުލަތައް ޖައްސައިދެމުންނެވެ. މޯލްޑިވިއަން އައިޑަލްގައި ޒަލީފް އަބްދުﷲ އަދި މަރިޔަމް މައީޝާ (ރާޅު މަރިޔަނބު) ވަނީ އެ ލަވަ އާއްމުންގެ ކަންފަތަށް އަލުން ތިލަކޮށްދީފަ އެވެ. އެކަމަކު ވެސް އައިޝަތު އަނީސްގެ ނަމެއް ތިލައެއް ނުމެވެ އެވެ. މައްސަލައެއް ނެތެވެ. މިއަދުގެ ޒުވާނުންނަށް އެ ލަވަ ކަމުދާދިއުމުން އޭނާ އަށް ފުދެ އެވެ. އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި "ޒުވާން ކުދިންނަށް ލަވަ ރީތިވަންޏާ އޭގެ މާނައަކީ އެ ކުދިން ވެސް ރާއްޖޭގެ މިރީތިކަމާއި މިކަންކަމާ ވެސް ވިސްނަނީ" އެވެ.

"އެއީ ވަރަށް އުފާވެރި ކަމެއް. ވަރަށް ހިތްހަމަޖެހޭ ކަމެއް. އެ ހުރިހާ ކުދިންނަށް އަޅުގަނޑު ބުނެލަން ބޭނުންވަނީ ޝުކުރިއްޔާއޭ."

އެކަމަކު އޭގެ ކުރިން އަހަރެމެން އަދި އެއް ފަހަރު އޭނާ އަށް ޝުކުރުއަދާކުރަން ޖެހެ އެވެ. މަޖީދިއްޔާ ސްކޫލުގެ މުރުޝިދުލްއަހްލާގުގެ ގޮތުގައި ދިވެހި އެތައް ދަރީންތަކަކަށް އަހްލާގީ ރޮނގުން އަބަދާއިއަބަދު އަގުހުރި ނަސޭހަތްތައް ބައްޕަ ހަސަން މޫސާ ދީދީ ދެއްވި ދެއްވުން އޭރުގެ މީހުން ޝުކުރުވެރިކަމާ އެކު ފާހަގަކުރާއިރު، އައިޝަތު އަނީސް މި ޖީލަށް ނަސޭހަތްދެއްވީ "އިސްލާހު ވާން އެދޭ ނަމަ" މި ލަވައިންނެވެ.

"ގަސްރުކުން މަލަ ފެވޭ" މި ލަވައަށް ފަހު އައިސްތު އަނީސްގެ ޅެންވެރިކަމުގެ ކުޑަ އެހެނަސް ވަސްމީރު ބަގީޗާ ފަވާލި އެއް ލަވައަކީ މިއެވެ. މި ލަވައިގެ ފަހަތުގައި އޮތީ "ކޮންމެ މީހަކީ ވެސް، ކިތަންމެ މަތީ މީހަކަށްވީ ނަމަވެސް އިސްލާހުވާން ޖެހިފައިވާ މީހެއް" ކަމަށް ދެކިވަޑައިގަންނަވާ ފަލްސަފާ އެވެ. އަބްދުﷲ ހަސަންގެ ދަރިފުޅު ޖަލުގައި ހުއްޓާ މި ލަވަ ރޭޑިއޯ އިން އިވުމުން އޭނާގެ ހިތަށް ވެސް އަސަރުތަކެއްކުރުވި އެވެ.

"މިއަދު އިސްލާހުވީ ނަމަވެސް މާދަމާ ވެސް ހުންނާނީ އިސްލާހުވާން ޖެހިފައި ކޮންމެ މީހަކު ވެސް،" އޭނާ ވިދާޅުވި އެވެ. "އިސްލާހުވުމަކީ ނިމުމެއް އޮތް ކަމެއް ނޫން، މަރު ދުވަހާ ހަމައަށް މެނުވީ،"

"އިސްލާހު ވާން އެދޭ ނަމަ ފުރުސަތު ނަގާނުލާ"

މަރާ ބެހޭގޮތުން "ވިންދަކީ ދާދި ފަސޭހައިންމީ ނެތޭ ބާރު ނޫންހޭ؟" ނަމުގައި ހައްދަވާފައިވާ ޅެމަކީ ވެސް ހަމަ އެހާމެ އަސަރުގަދަ ޅެމެކެވެ. އެކަމަކު ފަހަކުން އެފަދަ މަސައްކަތެއް ނުކުރައްވަ އެވެ. އެންމެ ބޮޑު އެއް ސަބަބަކީ ފިރިކަލުން އަބްދުﷲ ބަލި އެނދުގައި އޮންނަވަން ޖެހިވަޑައިގަތުމެވެ. އޭނާގެ މުޅި ދިރިއުޅުމަކީ މިއަދުގެ ފިރިކަލުންގެ ހިތުމަތެވެ. އެކަމަކު ހުސް ވަގުތު އަކުރު އަޅަން ދަސްކޮށްދިނުން ފަދަ މަސައްކަތްކުރައްވަ އެވެ. އެކަން ގޮސް ގުޅެނީ މާކުރީގެ ހަނދާނަކާ އެވެ. އޭނާ އަކީ ރާއްޖޭގައި އަންހެން ކުދިންނަށް އެންމެ ފުރަތަމަ ތައުލީމުގެ ފުރުސަތު ހުޅުވާލިއިރު އެ ފުރުސަތު ލިބިވަޑައިގެންނެވި މަދު ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. އަދި ހަމަ އެގޮތަށް އެންމެ ފުރަތަމަ ވަޒީފާ ލިބުނު މަދު އަންހެނުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަތެވެ. ތައުލީމީ ހަޔާތަށް ފަހު މަދަރަސުލް ސަނިއްޔާގެ އަންހެން ގޮފީގައި ދިވެއްސާއި އަރަބި ލިއުން ފަދަ މާއްދާތައް 10 ވަރަކަށް އަހަރު ނަންގައިދެއްވުމަށް ފަހު އިބްރާހިމް ނާސިރުގެ ދައުރުގައި ރަޖިސްޓްރީ އޮފީސް އުފެއްދުމުން އެތަނުގައި މަސައްކަތްކުރެއްވި އެވެ.

އެ ދެ ޝަރަފާ އެކު އޭނާ ރާއްޖޭގެ ތާރީހުން ޖާގަ ހޯއްދަވާފައިވަނީ ވަރަށް ވެސް ހާއްސަ ސަފުހާއަކުންނެވެ. އަހަރެމެންގެ ހިތުން ޖާގަ ހޯއްދަވާފައިވަނީ ނަފްސަށް ހަމަޖެހުން ގެނުވި ރީތި ލަވައެއް ހަދިޔާކުރެއްވި ބޭފުޅެއްގެ ގޮތުގަ އެވެ. އެ ލަވައަކީ، ޅެމުގައި ބުނާ ފަދައިން ފޫހިކަން ނެތް، އެންމެންނަށް ހިތްއުފާކަންދޭ ގެނެސްދޭ ލަވައެކެވެ.