16 ނޮވެމްބަރ 2018 - 08:36
ނޭފަތުގައި ހިފަހައްޓައިގެން ކޮފީ ބޯ ނަމަ އެއީ ހަމައެކަނި ހިތި ރަހަ ދޭ ދިޔާ އެއްޗަކަށް ނޫނީ އެ ނުވާނެއެވެ. ސަބަބަކީ ކޮފީގެ މީރުކަން ގުޅިފައިވަނީ އޭގެ މީރު ވަހާ ކަމަށް ވާތީއެވެ. މި ހިތި ރަހަޔާ ބެހޭ ގޮތުން އަލަށް ކުރި ދިރާސާއަކުން ހާމަވި ގޮތުގައި ކަޅު ކޮފީ މީރުވެގެން ބޮނީ ހިތި ރަހަ ކުޑަކޮށް އިހްސާސްވާ މީހުންނެއް ނޫނެވެ.
މި ދިރާސާއިން އެނގުނީ ކަޅު ކޮފީގެ މީރުކަން އެނގެނީ ހިތި ރަހަ ބޮޑަށް އިހްސާސްވާ މީހުންނަށް ކަމަށެވެ. އަދި ކޮފީ ބޯ މިންވަރު ވެސް ގުޅިފައި ވަނީ ހިތިރަހަ އިހްސާސްވާ މިންވަރާ ކަމަށް ބުނެފައިވެ އެވެ.
އިނގިރޭސި ވިލާތުގައި ހިންގާ އެކި ދިރާސާތަކަށް ލެޔާއި ކުޑަކަމުދާ ތަކެއްޗާއި ކުޅު ފަދަ ސާމްޕަލް ދީފައިވާ 500،000 މީހުންގެ މައުލޫމާތު ހިމެނޭ ބޭންކަކުން މައުލޫމާތު ނަގައިގެން ކުރި ދިރާސާއިން އެނގުނު ގޮތުގައި ކޮފީގެ ހިތި ރަހަ ބޮޑަށް އިހްސާސްވާ މީހުންނަށް ކޮފީ މީރުވެ އެވެ. މިއީ މައިންބަފައިންގެ ފަރާތުން ވާރުތަވާ ޖީންއަކާ ވެސް ގުޅުން ހުރި ކަމެއްގެ ގޮތުގައި ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
މި ދިރާސާ ކުރުމަށް ތިން މިންވަރެއްގެ ހިތި ރަހަޔަށް ސެންސިޓިވް މިންވަރު ބެލި އެވެ. އަދި ސެންސިޓިވް މިންވަރާއި ކޮފީ ބޯ މިންވަރާ ގުޅުމެއް ހުރިތޯ ވެސް ބެލި އެވެ.
ދިރާސާ ޓީމުން ބުނީ ކެފެއިން އަށް ނުވަތަ ކޮފީގެ ހިތި ރަހަޔަށް ބޮޑަށް ސެންސިޓިވް މީހުންނަކީ އެންމެ ގިނައިން ކޮފީ ބޯ މީހުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy