ފޯނު ފިހާރައިގައި ވަކި ލާރި ގުނަނީ.
18 ނޮވެމްބަރ 2018 - 08:02
ވަކިލާރި އެއްކޮށްގެން އުޅެންޏާ އޭގެ ބޭނުން ކޮންމެވެސް ގޮތަކުން ހިފަން ވާނެ އެވެ. އެހެން ނޫނީ ވަކިލާރީގެ ބޭނުމެއް ކޮބައި ހެއްޔެވެ؟
މިއީ މިގޮތަށް ވަކި ލާރި އެއްކޮށްގެން އުޅުނު ބައެއްގެ ވާހަކަ އެވެ. އައިފޯނެއް ގަންނަން މި މީހުން ނުކުތީ ބިލިގާއެއްގެ ފުރާ ހުރި ވަކި ލާރި ހިފައިގެންނެވެ. ރަޝިއާގެ މި ޒުވާން ގްރޫޕްގައި އިސްކޮށް ހުރީ ރަޝިއާގެ ބްލޮގަރު ވިޓަސްލާވް ކޮވަލެންކޯ އެވެ. އޭނާ އާއި ފަސް އެކުވެރިން ބޭނުންވީ އެއްކޮށްފައި ހުރި ގިނަ އަދަދެއްގެ ވަކިލާރިން އެޕަލް އައިފޯން އެކްއެސްއެއް ގަންނާށެވެ.
އެހެންވެ ފޯނު ގަންނަން އެއްކޮށްފައި ހުރި ވަކިލާރި އެޅީ ބޮޑު ބިލިގާއެއްގެ ތެރެއަށެވެ. އިންސްޓަގްރާމްގައި ވަނީ ބިލިގާ އަށް ލާރި އަޅައިގެން ފިހާރަ އަށް ފޯނު ގަންނަން ދިޔަ މަންޒަރުގެ ވީޑިއޯ ވެސް ހިއްސާކޮށްފަ އެވެ.
ކޮވަލެންކޯގެ އިންސްޓަގްރާމް ޕޯސްޓް.
އެކަމަކު މިކަން ވީ އެހާ ފަސޭހަ ކަމަކަށް ނޫނެވެ. ސަބަބަކީ ފޯނު ގަންނަން ދިޔަ ފިހާރައިގެ ސެކިއުރިޓީ ބިލިގާއާ އެކު އެ މީހުން ފިހާރަ އަށް ވަންނަން ހުރަަސް ވެސް އެޅުމެވެ. އަދި މިކަމުގެ ތެރޭގައި ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ހިނގި ނަމަވެސް، ކޮވަލެންކޯ އާއި އޭނާގެ ޓީމުން ވަނީ ލާރި ބިލިގާއާ އެކު ފިހާރަ އަށް ވަދެ، ގަންނަން ބޭނުންވި ފޯނު ގަނެފަ އެވެ.
ރަޝިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަރުދަނުގައި 350 ކިލޯ ހުރި ބިލިގާ ތެރޭގައި 100،000 ރަޝިއަން ރަބަލް އޮތެވެ. އެއީ ޑޮލަރުން ނަމަ 1،500 އެވެ.
ވަކި ލާރިން ފޯނު ގަންނަން ދިއުމުން ފިހާރައިގެ މުވައްޒަފުންނަށް ވެސް ބޮޑު މަސައްކަތެއް ކުރަން ޖެހުނެވެ. އެގޮތުން ބިލިގާގައި ހުރި ވަކި ލާރި ގުނައި ނިންމައިލަން ދެ ގަޑިއެއްހާ އިރު ނެގި އެވެ. ލާރި ގުނަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވަނީ ފޭސްބުކްގައި ވެސް ހިއްސާކޮށްފަ އެވެ.
ފޯނު ގަންނަން ދިޔަ ވަކިލާރި ގުނަނީ.
އާދަޔާހިލާފު ގޮތަކަށް އައިފޯނެއް ގަންނަން ކުރި މަސައްކަތާ ބެހޭ ގޮތުން ކޮވަލެންކޯ ބުނީ މިއީ ވިޔަފާރީގައި ވަކިލާރި އިހުމާލު ކުރާ މައްސަލަ އަށް މީހުންގެ ސަމާލުކަން ގެންނަންވެގެން ކުރި ކަމެއް ކަމަށެވެ.
"ރަޝިއާއަކީ ވިޔަފާރީގެ މުއާމަލާތްތަކުގައި ވަކި ލާރި ބޭނުން ކުރުން ވަރަށް އުނދަގޫ ގައުމެއް. އެހެންވުމުގެ ސަބަބުން އަހަރެމެންގެ ވަކިލާރި އަށް ދެވޭ ސަމާލުކަން ކުޑަ. އަދި އޭގެ ބޭނުން ކުރެވޭލެއް ވެސް މަދު،" އޭބީސީ ނިއުސް އަށް ކޮވަލެންކޯ ބުންޏެވެ. "އަހަރެމެންގެ މަގުސަދަކަށްވީ ވަކި ލާރީގެ ބޭނުންތެރިކަން ހާމަކޮށް ދިނުން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy