މިސް ޔުނިވާސް 2018 ގެ ތާޖް ކެޓްރިއޯނާ ބޮލުގައި އަޅުވަނީ.
18 ޑިސެމްބަރ 2018 - 08:00
މި އަހަރު ބޭއްވި 67 ވަނަ މިސް ޔުނިވާސް މުބާރާތުގެ ތާޖް ފިލިޕީންސްގެ ރީތީގެ ރާނީ ކެޓްރިއޯނާ ގްރޭ އަށް ލިބިއްޖެ އެވެ.
މިސް ޔުނިވާސް މުބާރާތުގައި ބައިވެރިވި 93 ގައުމެއްގެ ބައިވެރިންނާ ވާދަކޮށްގެން މި އަހަރުގެ ތާޖު ހާސިލު ކުރި 24 އަހަރުގެ ކެޓްރިއޯނާއަކީ އޮސްޓްރޭލިއާ ދަރިކޮޅުގެ ފިލިޕީންސްގެ ރައްޔިތެކެވެ. މިއީ މިސް ޔުނިވާސްގެ މަގާމު ފިލިޕީންސްގެ އަންހެނަކު ހޯދި ހަތަރު ވަނަ ފަހަރެވެ.
މޮޑެލްއެއްގެ އިތުރުން ލަވަކިޔުންތެރިއެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވާ ކެޓްރިއޯނާ ބުނީ މިސް ޔުނިވާސް މުބާރާތުގައި އޭނާ ވާދަ ކުރުމަކީ މަންމަގެ ހުވަފެނެއް ކަމަށެވެ.
"އަހަރެންގެ އުމުރުން އެންމެ 13 އަހަރުގައި މަންމަ ބުނެފައިވޭ ތިމަންނަގެ އެންމެ ބޮޑު އެއް ހުފެވަނަކީ އަހަރެން މިސް ޔުނިވާސް މުބާރާތުގައި ވާދަ ކުރުމޭ،" އުފަލުން ގޮސް ކަރުނަތައް ފޮހެމުން އޭނާ ބުންޏެވެ. "ނަސީބު ދިމާކުރި ގޮތުން މަންމަގެ އެ ހުވަފެން މި އޮތީ މާ ބޮޑަށް ވެސް ހަގީގަތަކަށްވެފައި."
މިސް ޔުނިވާސް ހޮވުމަށް ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ބޭއްވި ކުލަގަދަ ހަފުލާގެ އުސްއަލިތަކަށް ބަލާ އިރު، އެ ގައުމުން މުބާރާތުގައި ވާދަކުރި ސޮފީޑާ ކަންޗަނަރިން ވަނީ ގަދަ 10 އިން ޖާގަ ހޯދައިފަ އެވެ.
އަދި މި ފަހަރުގެ މުބާރާތަކީ ޓްރާންސްޖެންޑާ ބައިވެރިއަކު މިސް ޔުނިވާސް މުބާރާތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވާދަ ކުރި ފަހަރު ވެސް މެ އެވެ. އެއީ ސްޕެއިންގެ ރީތީގެ ރާނީ އެންޖެލޯ ޕޮންސް އެވެ. އެކަމަކު އޭނާ ވަނީ ގަދަ 20 ގައި ވެސް ލައްވައި ނުލައި މުބާރާތުން ކަޓައިފަ އެވެ.
މި އަހަރުގެ މިސް ޔުނިވާސްގެ ދެވަނަ ގެންދިޔައީ ދެކުނު އެފްރިކާގެ ރީތީގެ ރާނީ ތަމަރީން ގްރީން އެވެ. ތިން ވަނަ ލިބުނީ ވެނެޒުއެލާގެ އެސްތެފެނީ ގުޓިރޭޒަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަހަ
18 December 2018
ތާޖު އަޅުވަން ހުރި ކުއްޖާ މާ ރީއްޗެއް ނޫންތަ؟
ރަތަފައި
18 December 2018
ރީތި އެހެންމީހުން ތިބެ ފިލިޕީންސައް މިކަހަލަ އެވޯޑުތައް މިލިބެނީ ކިހިނެއް ވެގެންތަ