އުމުރުން 77، މަސައްކަތަށް 100

މިއީ ގްރަހަމް ސުމިތެވެ. އުމުރުން 77 އެވެ. ވަޒީފާ އަދާކުރަނީ ލަންޑަންގެ ލުޓޯން އެއާޕޯޓްގަ އެވެެ. އަދާކުރަނީ ސެކިއުރިޓީ ގާޑެއްގެ ވަޒީފާ އެވެ. މި މީހާގެ ވާހަކަ ހާއްސަވާ ސަބަބަކީ ކޮބައި ހެއްޔެވެ؟


ލުޓޯން އެއާޕޯޓުން ދޭ ޖަވާބަކީ މިއީ އެ އެއާޕޯޓްގައި ވަޒީފާ އަދާކުރާ އުމުރު އެންމެ މަތި މީހާ އެވެ. އަދި ގްރަހަމް ފާހަގަކުރެވެނީ ވަޒީފާ އަށް ފަރުވާތެރި، މަސައްކަތުގެ އަހްލާގު ވަރަށް ފުރިހަމަ އަށް ހިފަހައްޓާ މުވައްޒަފެއްގެ ގޮތުގަ އެވެ.

އުމުރުން 65 އަހަރުވުމުން، އޭނާ ކުރިން އުޅުނު ޕްރިންޓް ވިޔަފާރި ކުންފުނީގެ ވަޒީފާ އިން ޖެހުނީ ރިޓަޔާވާށެވެ. އެހެންވެ މަސައްކަތެއް ނެތި ގޭގައި ހުންނަން ހިތްނުރުހޭތީ ލުޓޯން އެއާޕޯޓަށް އެޕްލައި ކުރީ އެވެ. ނަސީބު ރަނގަޅުކަމުން، އުމުރުން ދުވަސްވެފައި ހުއްޓަސް އޭނާ އަށް ވަރަށް ފަސޭހަ އިން ވަޒީފާ ލިބުނެވެ. އެއީ 2008 ގަ އެވެ.

"ވަޒީފާ އިން ރިޓަޔާވެގެން ގެއަށް ދާން ޖެހުމުން އެންމެ ބޮޑަށް މާޔޫސްވީ ހެނދުނުހެނދުނާ ހޭލަން ޖެހޭ އެއްވެސް ސަަބަބެއް ނެތީމަ،" މީގެ އެއް އަހަރު ކުރިން އަނބިމީހާ މާރިއާ މަރުވެ، އެކަނިވެފައިވާ ގްރަހަމް ބުންޏެވެ. "އެހެންވެ ގޭގައި އިންނަން ޖެހުމަކީ ވަރަށް ބޮޑު އުދާހަކަށްވީ. އަލުން ވަަޒީފާއެއްގައި އުޅުމަކީ އަހަރެންގެ މިހާރުގެ ހުރިހާ ވެސް ކަމަކީ."

އޭނާ ބުނި ގޮތުގައި ލުޓޯން އެއާޕޯޓްގައި ވަޒީފާ އަދާކުރާ އެންމެ ދުވަސްވީ މީގެ ޝަރަފާ އެކު، ފަހު ނޭވަޔާ ހަމައަށް ވެސް ދެމި ހުންނާނީ ހިދުމަތުގަ އެވެ.

ލަންޑަނުގެ ލުޓޯން އެއާޕޯޓްގެ ޓާމިނަލް.

"މިތަނުގެ މެނޭޖަރުން ކައިރީ ވެސް ވަރަށް ގިނައިން ބުނަން އަހަރެން މަރުވާނީ ވެސް މިތާނގައޭ. ބޭނުމެއް ނޫން އެއްގޮތަކަށް ވެސް މަސައްކަތެއް ނެތި ގޭގައި ހުންނާނަކަށް." ގްރަހަމް ބުންޏެވެ. "މާރިއާ މަރުވި ފަހުން އަހަރެން ދިރިހުރުމުގެ ހުރިހާ ވެސް ސަބަބަކީ މި ވަޒީފާ. މަސައްކަތް ދެކެ އަބަދު ވެސް އަހަރެން ވަރަށް ލޯބި ކުރަން."

ގްރަހަމްއާ ބެހޭ ގޮތުން ލުޓޯން އެއާޕޯޓްގެ ސެކިއުރިޓީ ހެޑް ކްރިސް ޖޯންސް ބުނީ "އެއީ އަގުހުރި އެސެޓެއް" ކަމަށެވެ.

"އަނެއްކާ ގްރަހަމްއަކީ ގިނަ ބަޔަކު ދަންނަ މަޝްހޫރު މީހެއް. އަހަރެންގެ އެއާޕޯޓް ޕްރޮމޯޓް ކުރުމުގައި ވެސް އެއީ ހަމަ ވަރަށް އަގުހުރި ހިދުމަތްތެރިއެއް،" އޭނާ ބުންޏެވެ. "އޭނަގެ އެންމެ ހާއްސަ ކަމަކީ މަސައްކަތުގެ އަހްލާގު ދަމަހައްޓާތީ. އަދި އެއީ އެތައް ބަޔަކަށް ނަމޫނާއެއް."