އެއާ އިންޑިއާ ފްލައިޓެއްގެ އެތެރެ: ޗަންދުރަ ވަނީ ފްލައިޓުގައި ފަސިންޖަރުންނަށް ބެހެއްޓިފައި ހުންނަ ވަރަށް ގިނަ ތަކެތި އެމީހުންނަށް އަނބުރާ ރައްދު ކޮށްދީފައި
22 އޯގަސްޓް 2016 - 06:38
ފަސިންޖަރުންގެ އަތުން މަތިންދާބޯޓާއި އެއާޕޯޓް ތެރެއަށް ގެއްލޭ އެއްޗެހި އަމާނާތްތެރިކަމާ އެކު ރައްދުކޮށްދިމުގައި މަޝްހޫރު، އެއާ އިންޑިއާގެ މުވައްޒަފަކަށް އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ޕްރޮމޯޝަން ދީފި އެވެ. މިއީ އެ އެއާލައިނުގެ ދިގު މާޒީގައި ވެސް މިފަދަ ކަމެއްގައި މުވައްޒަފަކަށް އިނާމު ދިން ފުރަތަމަ ފަހަރެވެ.
ސުބާޝް ޗަންދުރަ ކިޔާ މި މީހާ މަސައްކަތް ކުރަމުން އައީ ސެކިއުރިޓީ ވިންގުގަ އެވެ. އޭނާ "އާދަޔާ ޚިލާފު ރަނގަޅު އަޚްލާގުގެ ސަބަބުން" އޭނާ މިހާރު ވަނީ ސެކިއުރިޓީ އޮފިސަރެއްގެ މަގާމަށް ޕްރޮމޯޓްކޮށްފަ އެވެ.
އިންޑިއާ ޓުޑޭގައި ބުނެފައިވާ ގޮތުން ސުބާޝް ޗަންދުރަ އަށް އޮފިސަ، ސެކިއުރިޓީ ރޭންކްގެ މަގާމުގެ މީހުންގެ ޔުނިފޯމްގައި ހުންނަ ފަށް ހަވާލުކޮށްފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.
ޗަންދުރަ އަކީ ސައިންސް ގްރެޖުއޭޓެކެވެ. އަދި އޭވިއޭޝަން ސެކިއުރިޓީގެ ރޮނގުން ގިނަ ކޯސްތަކެއް ހަދާފައިވެ އެވެ. މަތިންދާބޯޓުގައި ފަސިންޖަރުންނަށް ބެހެއްޓޭ ވަރަށް ގިނަ ތަކެތި ޗަންދުރަ ވަނީ އެ ތަކެތީގެ ވެރިންނަށް ރައްދުކޮށްދީފަ އެވެ. މިގޮތަށް ރައްދުކުރި ތަކެތީގައި ވަރަށް އަގުބޮޑު އެއްޗެހި ވެސް ހިމެނެ އެވެ. އަދި ވަރަށް ގިނަ ފަހަރަށް މި ތަކެތި އަނބުރާ ރައްދުކޮށްދިނުމުން ނޫނީ އެ އެއްޗެއް ގެއްލިފައިވާކަން އެ ތަކެތީގެ ވެރިންނަށް ނޭނގޭ ކަމަށް ވެސް އެ އެއާލައިނުގެ ބަޔާނުގައި ބުނެފައިވެ އެވެ.
މިފަދަ އެއް ހާދިސާ އަކީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު އެވެ. އެ ދުވަހު ހޮންކޮންގުން އައި ފްލައިޓެއް ޗެކްކުރުމުގެ މަސައްކަތް ޗަންދަރު ކުރަނިކޮށް ފަސްލައްކަ އަށް ވުރެ ގިނަ އިންޑިއާ ރުޕީސްގެ އަގުހުރި އެހެން ގައުމެއްގެ ފައިސާ އަޅާފައި އޮތް ދަބަހެއް ފެނުނެވެ. އެ ދަބަހުގެ ވެރިމީހާ ހޯދުމަށް ފަހު ދަބަސް ވަނީ ހަވާލުކޮށްފަ އެވެ.
ސައޫދީ އަރަބިއްޔާ އިން އައި އިންޑިއާ މީހެއްގެ ރަން ގަހަނާތަކެއް ވެސް، އެއާ އިންޑިއާގައި 29 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ ޗަންދުރަ ވަނީ 2003 ވަނަ އަހަރު ރައްދުކޮށްފަ އެވެ. މި ނޫނަސް މިފަދަ ކިތަންމެ ކަމެއް އޭނާ ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަބީބު
22 August 2016
ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ އިސްލާމް ދީނުގައި ވަރަށް އިސްކަންދެވިފައިވާ ކަމެކެވެ. ނަމަވެސް މިއީ ވަކި ދީނަކަށް ޚައްސަވެގެންވާ ސިފަތަކެއް ނޫނެވެ. އިންސާނީ ސިފައެކެވެ. އަދި ބައެއްފަހަރު މިސިފަ ބައެއް ޖަނަވާރުންގެ ކިބައިންވެސް ފެނެއެވެ.