ދަރިވަރުންގެ ޑެސްކް މަތީގައި ޓީޗަރު ކުރެހި ދަރިވަރުންގެ ކުރެހުންތައް ބަހައްޓާފައި.
15 ޖެނުއަރީ 2019 - 05:46
ކްރިސްމަސް ޗުއްޓީ އަށް ފަހު ފިލިޕީންސްގެ ސްކޫލެއްގެ ދަރިވަރުން ސްކޫލަށް ދިޔަ ފުރަތަމަ ދުވަހު ޓީޗަރަކު ތަފާތު ގޮތަކަށް ސަޕްރައިޒެއް ދީފި އެވެ.
ހޯލީ ރެޑީމާ ސްކޫލްގެ ގްރޭޑް 9ގެ ދަރިވަރުން ކުލާހަށް ޖަމާވި އިރު، ކޮންމެ ދަރިވަރެއްގެ ޑެސްކް މަތީގައި އިނީ އެ ކުއްޖެއްގެ ސޫރަ ފެންނަ އަތުކުރެހުމެކެވެ. މިކަން ކޮށްފައި ވަނީ އިނގިރޭސި ޓީޗަރު ރޯޒްލީން ބާކޮމާ އެވެ.
އޭނާ ބުނި ގޮތުގައި ދަރިވަރުންނަށް ދިން ސަޕްރައިޒުން ހުރިހާ ކުދިންނަށް ވެސް ލިބުނީ ވަރަށް ބޮޑު އުފަލެކެވެ. އަދި އެކަމަށް ހުރިހާ ދަރިވަރުން އޭނާ އަށް ޝުކުރު އަދާ ކުރުމުން ލިބުނު އުފާ އަދި މާ ބޮޑުވި ކަމަށް ބުންޏެވެ.
ގްރޭޑް 6-9 އަށް އިނގިރޭސި މާއްދާ ކިޔަވައިދޭ ރޯޒްލީން، 35، ބީބީސީ އަށް ކިޔައި ދިން ގޮތުގައި 27 ދަރިވަރުންގެ ތަސްވީރު އޭނާ ކުރަހަން ފެށީ މިދިޔަ މަހުގެ 1 ވަނަ ދުވަހު އެވެ. އަދި ކުރެހުންތައް ނިންމައިލެވުނީ މި މަހުގެ ހަ ވަނަ ދުވަހު އެވެ.
"އަހަންނަކީ ވަރަށް ކުޑައިރުއްސުރެ ވެސް ކުރެހުމަށް ލޯބިކުރާ އަދި އަބަދުވެސް ހޮބީއެއްގެ ގޮތުގައި މިކަން ކުރާ މީހެއް،" އޭނާ ބުންޏެވެ. "އެހެންވެ ހިތަށް އެރީ ކްރިސްމަސް ޗުއްޓީގައި ގޭގައި އިނދެގެން ދަރިވަރުންގެ ތަސްވީރޭ މި ފަހަރު ކުރަހާލާނީ." ރޯޒްލީން ބުނި ގޮތުގައި އޭނާ ޓީޗަރަކަށްވުމުގެ ކުރިން އެންމެ ފުރަތަމަ ވާން ބޭނުންވީ ވެސް ކޮމިކް އިލަސްޓްރޭޓާއަކަށެވެ. އެކަމަކު ކެރިއަރު މުޅިން އެހާ ދިމާލަކަށް ދިޔަސް، ކުރެހުމަށް އޮންނަ ލޯބި ނުގެއްލި، މި މަސައްކަތުން ބަޔަކު އުފާކޮށްދެވޭތީ ވަރަށް ހިތްހަމަޖެހޭ ކަމަށް ބުންޏެވެ.
ދަރިވަރުންގެ ތަސްވީރު ކުރަހާފައި ރޯޒްލީން ވަނީ ފޭސްބުކް ގައި ވެސް އެ ތަސްވީރުތައް ވަކިވަކިން ޕޯސްޓް ކޮށްފަ އެވެ. އަދި ވަރަށް ގިނަ ބަޔަކު ފޮޓޯތަކަށް ލައިކްކޮށް، ކޮމެންޓް ވެސް ކޮށްފައި އެވެ.
ޓީޗަރުގެ ފަރާތުން ލިބުނު ސަޕްރައިޒުން އުފާވެފައި ހުރި މައިކަލް ރީ އާގޮނޯސާ، 15، ބުނި ގޮތުގައި މިއީ ޓީޗަރެއްގެ ފަރާތުން މިހާތަނަށް ލިބުނު އެންމެ ތަފާތު ހަދިޔާ އެވެ.
ރޯޒްލީން ކުރެވި މައިކަލްގެ ތަސްވީރު.
"އެންމެ އުފާވި ކަމަކީ ސީދާ ރޯޒްލީން މިސްގެ އަތުން ކޮންމެ ކުއްޖެއްގެ ތަސްވީރު ކުރަހާފައި އިނީމަ. އެހެންވެ މި ހަދިޔާ ވަރަށް ހާއްސަ،" އޭނާ ބުންޏެވެ. "މީތި ހަނދާނަކަށް ވަރަށް ރަނގަޅަށް ރައްކާ ކުރާނަން."
މައިކަލް ބުނި ގޮތުގައި ރޯޒްލީން މިސްއަކީ ވަރަށް ތަފާތު މިޒާޖެއްގެ ވެސް މީހެކެވެ.
"ކިޔަވައިދޭ ވަގުތު ވަރަށް ސީރިއަސް ވާނެ. އަދި ވަރަށް ހަރުކަށި ވެސް ވާނެ. އެކަމަކު އެ ނޫން ވަގުތެއްގައި ދިމާވެއްޖެ ނަމަ ވަރަށް މަޖާ ޖޯކް ވެސް ކިޔައިދީ ދަރިވަރުންނާ ސަމާސާ ވެސް ކުރާނެ،" އޭނާ ބުންޏެވެ. "އެހެންވެ ހުރިހާ ކުދިންގެ ވެސް ފެވަރިޓެއް ރޯޒްލީން މިސްއަކީ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy