ފްރާންސުން ހޮންގްކޮންގަށް އެތެރެކުރި އަލުވި ޝިޕްމަންޓެއްގެ ތެރޭގައި އޮތް އަލުވި ބަސްތާއެއްގެ ތެރެއިން، ފުރަތަމަ ބޮޑު ހަނގުރާމައިގައި ބޭނުންކުރި އަތުބޮމެއް ފެނިއްޖެ އެވެ.
ސީއެންއެއިން ބުނި ގޮތުގައި 1914-1918 އަށް ކުރި ހަނގުރާމައިގައި ޖަރުމަން އުފައްދާފައިވާ ގްރެނޭޑް، އަލުވި ޝިޕްމަންޓުން ފެނުމުން އެ މައްސަލަ ފުލުހުންނަށް ވެސް ރިޕޯޓް ކުރި އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ގްރެނޭޑް އޮތީ ވެސް އަލުއްވަކާ ވަރަށް ވައްތަރުކޮށެވެ.
މިކަމާ ބެހޭ ގޮތުން ހޮންގްކޮންގްގެ ފުލުހުންގެ ސްޕްރިންޓެންޑެންޓް ވޮންގް ހޯ ހޮން ވިދާޅުވި ގޮތުގައި އަލުވި ޝިޕްމަންޓްގެ ތެރެއިން ފެނުނު ގްރެނޭޑް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭތި މިހާރު ވަނީ ނައްތާލައިފަ އެވެ.
"ގްރެނޭޑް އޮތީ ރަނގަޅު ހާލަތެއްގައި. އެކަމަކު އޭތި އަހަރެމެން ގޮއްވާލައިފިން،" އޭނާ ވިދާޅުވި އެވެ.
ގްރެނެޑް ގޮއްވައިލާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވެސް ފުލުހުން ޓްވިޓާގައި ހިއްސާކޮށްފައިވެ އެވެ.
ފްރާންސުން އެތެރެކުރި އަލުވި ޝިޕްމަންޓަކީ ޕޮޓޭޓޯ ޗިޕްސް ހަދާ ކުންފުންޏެއް ކަމަށްވާ ކެލްބީ ފޯ ސީޒަންސް ކޮމްޕެނީ ލިމިޓެޑުން އެތެރެ ކުރި ޝިޕްމަންޓެކެވެ.