11 ފެބުރުއަރީ 2019 - 07:01
އިންސާނުންގެ ގައިން ލޭ ބުއިމުން މަދިރި އަށް ކުރެވޭ ފަދަ އިހްސާސްތަކެއް ލިއްބައިދޭ ބޭހެއް މަދިރި އަށް ދިނުމުން އިންސާނުންނަށް އެސޮރުމެން ހަމަލާ ދިނުން ވަރަށް ބޮޑަށް މަދުވެގެންދާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.
އެމެރިކާގެ ރޮކެފެކާ ޔުނިވަސިޓީގައި ކުރި މި ދިރާސާގެ ރިޕޯޓް ސެލް ޖާނަލްގައި ވަނި ޝާއިއުކޮށްފަ އެވެ. އޭގައި ބުނެފައިވާ ގޮތުގައި މި ދިރާސާ އަށް ބޭނުންކޮށްފައި ވަނީ ޒިކާ އާއި ޑެންގީ ފަދަ ހުންތައް ޖައްސާ އީޑިސް މަދިރި އެވެ.
ދިރާސާ އަށް ބޭނުންކުރީ އަންހެން މަދިރި އެވެ. އެއީ ލޭ ބޮނީ ހަމައެކަނި އަންހެން މަދިރި އަށް ވާތީ އެވެ. އަންހެން މަދިރި ބިސް އުފެއްދުމަށް ބޭނުންވާ ޕްރޮޓީން ލިބެނީ ލޭ ބޮއެގެން ކަމަށް ވާތީ އެވެ.
އަންހެން މަދިރި އިންސާނުންނަށް ވަރަށް ޝައުގުވެރި އެވެ. ނަމަވެސް އެންމެ ފަހަރަކު ލޭ ބުއިމަށް ފަހު ވެސް ދުވަސްކޮޅެއް ވަންދެން ލޭ ނުބޮއެ އުޅޭނެ އެވެ. އެއީ އެ ބޭނުންވާ ޕްރޮޓީން ލިބުމުން، ލެޔަށް ޝައުގުވެރިކަން ގެއްލޭތީ އެވެ.
ދިރާސާ ޓީމުން އަންހެން މަދިރި އަށް ދިން "ސެލައިން ސޮލިއުޝަން" އެކުލެވޭ ޑައެޓް ބޭހުގެ ސަބަބުން ވެސް މަދިރި އިންސާނުންނަށް ޝައުގުވެރިވުން ކުޑަކޮށްލަ އެވެ. މިއީ އިންސާނުންގެ ލޭ ބުއިމުން އަންނަ ބަދަލުތައް ގެނެސްދޭ ޑައެޓެެކެވެ.
ދިރާސާ ޓީމުން ބުނީ މިކަން ދެނެގަނެވިފައި މި ވަނީ މަދިރީގެ ސަބަބުން ޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމަށް، މަދިރި އިންސާނުންނާ ދުރުކުރެވޭނެ ގޮތްތަކާ މެދު ސައިންސްވެރިން ވިސްނައި، އެކަމުގައި ގޮތް ހުސްވާ ހިސާބަށް ގޮސްފައި ވަނިކޮށް ކަމަށެވެ. އަދި މި ހޯދުމާ އެކު، މަދިރީގެ ހަށިގަނޑުގައި، އިންސާނުންނަށް ޝައުގުވެރިކަން އުފައްދައިދޭ ގޮތް ދެނެގަތުމަށް އެހީއަކަށް ވާނެ ކަމަށް ސައިންސްވެރިން ދެކެ އެވެ.
މިކަން ކާމިޔާބު ވެއްޖެ ނަމަ މަދިރީގެ ސަބަބުން އިންސާނުންނަށް ޖެހޭ ނުރައްކާތެރި ބަލިތައް ކޮންޓްރޯލްކުރުމަށް ވަރަށް ބޮޑު އެހީއަކަށް ވާނެ ކަމަށް ސައިންސްވެރިން ގަބޫލުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލީމް
12 February 2019
ސާބަހޭ. ނުވިސްނޭތަ؟ މަދިރިއަށް ދުންޖަހާހެން އެބޭސް ސްޕްރޭ ކުރާނީ.އޭރުން އެނިމުނީ.އުނގުޅާކަށް، ވަސްދައްކާ މަދިރި އެޑުމިޓްކޮށްގެން ބޭސްދޭކަަށްް ނުޖެހޭނެ.
މާޓިން ބަޝީރު
11 February 2019
ތިބޭސް އުގުޅާ ބޭހެއްގެގޮތުގަ ތައްޔާރު ކޮށްފިއްޔާ މަދިރިއަށް ކުޅިދައްކާލާނަން. އަބަދުއުޅޭނީ މުޅިގައިގަ ލައިގެން.
ޓަކާޓަކާ
11 February 2019
މަދިރިޔައްކުރާ އަނިޔާ ހުއްޓާލާ!
ލިލީ
11 February 2019
ދެންއޮތީ މަދިރި ކައިރީ މިވާހަކަ ބުނާނެ ގޮތެއް ހޯދުމުގެ މަސައްކަތެވެ.
ލޮޓަސް
11 February 2019
މަދިރި އަށް ޓާގެޓްކޮށްގެން ހެލްދީ ލިވިންގ ބްލޮގެއް ހަދަންވީ. އެ މީހުން އެ ކިޔާނެ އޭރަށް. ޔޫޓިއުބް ޗެނަލެއްވެސް އޯކޭވާނެ.
ކެރަފާ
11 February 2019
މީގެ ސައިޑްއިފެކްޓްސް މާގިނަވާނެކަމަށް ލަފާކުރެވެނީ، ގުދުރަތީ ނިޒާމާ އިންސާނުން ނުޅުނީމާ އިންސާނުން ބަލިވަނީ، ދިރޭއެއްޗެއްސާ ކުޅުނީމަވެސް އެސޮރުމެން މިއުޓޭޓްވެގެން އިންސާނުންނަށް ނުރައްކާ ކުރާނި
މަދިރި
11 February 2019
ދެން ތިކަމެއްކުރަން ވެއްޖެއްޔާ ހުރިހާ މަދިރިއެއް ހިފާ ވެކްސިންޖަހާފަ އަލުން މުޖުތަމައުއަށް ދޫކޮށްލަންދޯ ޖެހޭނީ.
ކާސް
11 February 2019
އަސްލުވެސް...އެކަމަކު ތިއީ ހާދަ ބުރަބޮޑު މަސައްކަތެކޭ.
މަޖިލިސް
11 February 2019
ސާކިއުލާއެއް ނެރެ މަދިރިއައް އެންގުންތަކެއް އަންގަންވީނު. އިންޒާރުވެސްދީ.