"ނަސީބު ރަނގަޅުކުރަން" މަތިންދާބޯޓު އިންޖީނު ތެރެއަށް ފައިސާ ފޮއްޗެއް އެއްލައިފި

ޗައިނާ މީހުންނަކީ ނަސީބު ރަނގަޅުވާނެ ކަމަށް ގަބޫލުކޮށްގެން، ތަންތަނަށް ފައިސާ ފޮތި އެއްލާ ބައެކެވެ. އެކަމަކު ހަމަ ޔަގީނުން ވެސް މިފަހަރު ނަސީބު ވީ ގޯހެވެ.


ނަސީބު ގަދަކުރަން ކަމަށް ބުނެ މަތިންދާބޯޓެއްގެ އިންޖީނު ތެރެއަށް ފައިސާފޮއްޗެއް އެއްލި ޗައިނާ މީހަކަށް މިހާރު ވަނީ ޖިނާއީ ދައުވާއެއްގެ ބިރު ކުރިމަތިވެފަ އެވެ.

މިކަން ހިނގާފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު ޗައިނާގެ އެއާޕޯޓެއްގަ އެވެ. ފައިސާފޮތި އިންޖީނު ތެރެއަށް އެއްލުމުގެ ސަބަބުން ދަތުރު ފަސްކުރަންޖެހި އެއާލައިނަށް ވަނީ 20،000 ޑޮލަރުގެ ގެއްލުމަކާ ވެސް ކުރިމަތިވެފަ އެވެ. އިއްތިފާގުން ނަމަވެސް މިކަން ދިމާވި އެއާލައިނުގެ ނަން ވެސް މި ހާދިސާއާ ގުޅެ އެވެ. އެއީ "ލަކީ އެއާ" ގެ ބޯޓެކެވެ.

އިންޖީނުތެރެއަށް ފައިސާ ފޮތި އެއްލިކަން އެނގުނީ ސަލާމަތީ ކަންކަން ބަލަހައްޓާ މީހަކަށް އެއް އިންޖީނާ ދިމާލު ބިންމަތިން ދެ ފައިސާ ފޮތި ފެނުމުން އިތުރަށް ބެލި ބެލުމުންނެވެ. މިކަން ކުރި ކަމަށްވީ 28 އަހަރުގެ ޒުވާން ފިރިހެނެކެވެ. އޭނާ ބުނެފައި ވަނީ އެކަން ކުރީ ބޯޓަށް ގެއްލުމެއް ދޭން ނޫން ކަމަށާއި އެއީ ޗައިނާގެ އާދަކާދައާ އެއްގޮތަށް ކުރި އަމަލެއް ކަމަށެވެ. އޭނާ ބުނީ އިންޖީނު ތެރެއަށް ފައިސާފޮތި އެއްލުމުން، ބޯޓަށް ރައްކާތެރިކަން ލިބޭނެ ކަމަށް އޭނާ ގަބޫލުކުރީ ކަމަށެވެ.

މިކަމާ ހެދި އެ ބޯޓުގެ ދަތުރު ކެންސަލްކޮށް، 162 ފަސިންޖަރުން ފުރުވާލަން ޖެހުނީ އެހެން ބޯޓެއްގަ އެވެ.

މަތިންދާބޯޓެއްގެ އިންޖީނު ތެރެއަށް ފައިސާ ފޮއްޗެއް ހިނގައްޖެ ނަމަ އިންޖީނު ވަރަށް ބޮޑަށް ހަލާކުވެ ނުރައްކާތެރި ހާދިސާއެއް ހިނގުން ވަރަށް ގާތްވާނެ އެވެ. މީގެ ކުރިން، 2017 ވަނަ އަހަރު ޗައިނާގައި، 80 އަހަރުގެ މީހަކު ވެސް ވަނީ މަތިންދާބޯޓެއްގެ އިންޖީނު ތެރެއަށް ނުވަ ފައިސާ ފޮތި އެއްލައިފަ އެވެ. އޭގެ ދުވަސްކޮޅެއް ފަހުން 76 އަހަރުގެ އަންހެނަކު ވެސް ހަމަ މިގޮތަށް ކަންތައް ކުރި އެވެ.