"މިލްކް ކޯކް" ބޮއެފިންތަ؟

"މިލްކް ކޯކް" އޭ ބުންޏަސް މިއީ މަޝްހޫރު ކޮކާ ކޯލާ ކުންފުނީގެ ރަސްމީ ރަހައެއް ނޫނެވެ. މިއީ ކޯކަށް އަބަދުވެސް ލޯބިކުރާ އިނގިރޭސި ކޮމެޑީ ލިޔުންތެރިޔާ ޖޭމްސް ފެލްޓަން ކޯކާއި ކިރު ގަނޑުބަޑުކޮށްގެން އެތައް ބައެއްގެ ސަމާލުކަން ހޯދާފައިވާ ބުއިމެކެވެ.


އޭނާ ވަނީ "މިލްކް ކޯކް" ތައްޔާރުކުރާނެ ގޮތް ވެސް ސޯޝަލް މީޑިއާގައި ކިޔައި ދީފަ އެވެ. މި ބުއިން ތައްޔާރު ކުރާކަށް މާ ބޮޑު މަސައްކަތެއް ކުރާކަށް ނުޖެހޭނެ އެވެ. މިސާލަކަށް، ކޯކް ފުޅިއެއްގެ ތިންބައިކުޅަ އެއްބަޔަށް ކިރު އަޅާފައި ހަލުވައިލުމުން އެހުރީ "މިލްކް ކޯކް" ތައްޔާރު ކުރެވިފަ އެވެ.

"މިލްކް ކޯކަކީ ހަމަ އަސްލެއް. މިއީ ވަރަށް މީރު ބުއިމެއް. އަމިއްލަ އަށް ތަޖުރިބާކޮށްލީމަ މި ބުނާ ބަހުގައި ހުރި ވަރެއް ވެސް އެނގޭނެ،" ޓްވިޓާގައި އޭނާ ބުންޏެވެ.

ނަމަވެސް ބައެއް މީހުން، ސޮޑާ ކަހަލަ ބާވަތެއް އެކުލެވޭ ބުއިމެއްގެ ތެރެއަށް ކިރު އަޅައިގެން އޭގައި ދޭނެ ރަހައަކީ ހިތްގައިމު ރަހައަކަށް ނުވާނެ ކަމަށް ބުނެފައިވެ އެވެ. އަދި "ކޯކް މިލްކް" ޕްރޮމޯޓް ކުރާތީ ވަރަށް ގިނަ ބަޔަކު ވަނީ ޖޭމްސް އަށް ސޯޝަލް މީޑިގައި ޖޯކް ވެސް ޖަހައިފަ އެވެ.

އެކަމަކު ބައެއް މީހުން ވަނީ އެ މީހުންނަށް "މިލްކް ކޯކް" އާ ނޫން ކަމަށާއި އެއީ ހަމަ ރަހަ މީރު ބުއިމެއް ކަމަށް ވެސް ބުނެފަ އެވެ.