"އިންފިއުޒްޑް ވޯޓާ" ގެ ފައިދާ ބޮޑު

އަހަރެމެންގެ ހަށިގަނޑުގެ ކޮންމެ ސެލްއެއް، ކޮންމެ ގުނަވަނެއް އަދި ކޮންމެ ޓިޝޫއެއް ފެން ބޭނުންކުރެ އެވެ. އެއީ ހަށިގަނޑުގެ ފިނިހޫނުމިން ދެމެހެއްޓުމަށާއި ހަށިގަނޑުގެ ދެން ހުރި އެހެން ކަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކަ އެވެ. ހަށިގަނޑުގައި ހުންނަ ފެން ދަލުގެ ގޮތުގައި އާއި ނޭވާލުމުން އަދި ހަޖަމްކުރުމުގެ ތެރޭގައި ގިނަ އަދަދަކަށް ބޭރުވެގެން ދެ އެވެ. މިހެންވެ ހަށިގަނޑުން ފެން މަދުވިޔަ ނުދިމަށް ފެނާއި، ދިޔާ ބުއިންތައް އަދި ގިނައިން ފެން އެކުލެވޭ ކާއެއްޗެހި ބޭނުން ކުރުން މުހިންމެވެ.


ފެންބޯއިރު ފެނުން އެލިބޭ ވިޓަމިންސް އާއި މިނަރަލްސްގެ އިތުރު އެހެން މާއްދާތަކެއް އެއިން ލިބޭ ފަދަ ގޮތަކަށް ފެން ބުއިމާ މެދު ވިސްނައިލިން ހެއްޔެވެ؟

އިންފިއުޒް ވޯޓާ އިން ،ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކޮށްލައި، ދިފާއީ ނިޒާމް ވަރުގަދަކޮށްދިނުމުގެ އިތުރަށް ހަކަތަ އިތުރުކޮށްދީ ވިޓަމިން އާއި މިނަރަލްސް ލިއްބައިދެ އެވެ. މިއީ ފެނުގެ ތެރޭގައި އެކި ކަހަލަ ތާޒާ މޭވާ އާއި ފައިދާހުރި ފަތް ފަދަ އެއްޗެހި ހިމަނައިގެން ބޯ ފެން ނުވަތަ "އިންފިއުޒްޑް ވޯޓާ" އޭ މިކިޔާ ފެނުގެ ވާހަކަ އެވެ.

މިސާލަކަށް، ހުސް ފެނުގެ ބަދަލުގައި ފެންތަށްޓަށް ލުނބޯ ފޮއްޗެއް ލުމުން، ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކޮށްލުމުގެ އިތުރުން ހަޖަމްކުރުމުގެ ނިޒާމުގެ މަސައްކަތް ރަނގަޅުކޮށްދެ އެވެ. އަދި ލުނބޯއިން ގިނައަދަދަކަށް ވިޓަމިން ސީ ލިއްބައިދިނުމުގެ އިތުރުން ދިފާއީ ނިޒާމަށް ޖެހޭ މައްސަލަތަކުން ރައްކާތެރިކޮށްދެ އެވެ.

އިހު ޒަމާނުއްސުރެ ފެނާއި ސަޔަށް ހުވަނދުމާ އަޅައިގެން ބޯތަން އަހަރުމެން ދެކެމެވެ. ހޯދުންތަކުން ދައްކާ ގޮތުގައި ހުވަނދުމަލުން ހަކަތަ އިތުރުކޮށްދިނުމުގެ އިތުރަށް ބަރުދަން ލުއިކޮށްދިނުމުގައި މުހިންމު ރޯލެއް ކުޅެ އެވެ. ހިތުގެ ސިއްހަތުގެ ދުޅަހެޔޮކޮށްދީ ހާސްކަމުން ސިކުނޑި ދުރުކޮށްދެ އެވެ.

އިންފިއުޒްޑް ވޯޓާގެ ގިނަ ބާވަތްތައް ބާޒާރުން ވެސް ލިބެން ހުރެ އެވެ. އެކަމަކު މިފަދަ ފެނުގެ ބާވަތްތައް، ނުބައިވިޔަނުދީ ގިނަ ދުވަހަށް ބެހެއްޓުމަށްޓަކައި ކޮންމެވެސް ކަހަލަ ކެމިކަލްއެއް އޭގައި ހިމަނައިފައި ހުރެ އެވެ. އޭގެ ބަދަލުގައި ގޭގައި އަމިއްލައަށް ތައްޔާރުކޮށްލުމުން ރައްކާތެރި ވާނެ އެވެ.

ގޭގައި ފަސޭހައިން ތައްޔާރުކޮށްލެވިދާނެ ބައެއް ވައްތަރުތައް:

ލުނބޯ އަދި ކުދީނާ ފަތު ފެން

1 ލުނބޯ، 8 ކުދީނާ ފަތް، 4 ތަށި ފެން

ތައްޔާރު ކުރާނެ ގޮތް: ލުނބޯ ފޮތިކޮށްފައި ޖަގަކަށް އަޅާށެވެ. ދެން ކުދީނާ ފަތްކޮޅު މުށުތެރޭ ކުޑަކޮށް ފިސްކޮށްލާފައި އެޅުމަށް ފަހު ފެންފޮދު އަޅާލާށެވެ.

ލުނބޯ އަދި ފިނިފެންމާ ފެން

ބޭނުންވާތަކެތި:

1 ލުނބޯ، 2 ފިނިފެންމާ (ފިޔާތޮށި)، 4 ތަށި ފެން

ތައްޔާރުކުރާނެ ގޮތް: ލުނބޯ ފޮތިކޮށްލުމަށް ފަހު ޖަގަކަށް އަޅާށެވެ. އެއަށްފަހު ފިނިފެންމަލުގެ ފިޔަތައް ވަކިކޮށްލުމަށްފަހު ފެނުން ދޮވެލާފައި ޖަގަށް އަޅައި ފެންފޮދު އަޅާށެވެ.

އާފަލާއި ފޮނިތޮށި ފެން އަދި ކަރަ އާއި ކިއުކަމްބާ ފެނަކީ ވެސް ރަހަ މީރު އަދި ފައިދާހުރި ދެވައްތަރެވެ. މިފަދަ ފެނުން ވެސް އެތައް ފައިދާއެއް ލިބިދެ އެވެ. އަދި މިއީ ވަކި ހާއްސަ ރެސިޕީއެއް އޮންނަ އެއްޗެއް ނޫނެވެ. އެމީހަކު އެންމެ ގަޔާވާ ވައްތަރެއްގެ މޭވާ ނުވަތަ ފަތް އަދި މަލުގެ ބާވަތްތައް ހިމަނައިގެން ފެން ތައްޔާރުކޮށްލަންވީ އެވެ.

ފެން ތައްޔާރުކޮށްލުމަށްފަހު ދޭއް ނުވަތަ ހަތަރު ގަޑިއިރު ފްރިޖްގައި ބަހައްޓައިލުމުން ހުންނާނީ ރަހަ ހިފައިފަ އެވެ. ނުވަތަ ރޭގަނޑު ތައްޔާރުކޮށްފައި ބެހެއްޓުމުން އަނެއް ދުވަހު ބޯން ފައްކާވާނެ އެވެ.