14 އެޕްރީލް 2019 - 07:24
މިއީ ހިނި އަންނަ ކަހަލަ ވާހަކައެކެވެ. ސައިންސްވެރިން ދިރާސާއަކަށް ފަހު ބުނަނީ އުފާވެރިކަމެއް ނެތް ނަމަވެސް ގަދަކަމުން ހީނލުމުން ވެސް ކޮންމެވެސް ވަރެއްގެ އުފާވެރިކަމެއް އިހްސާސްވާނެ ކަމަށެވެ.
"އާންމު ވިސްނުމުގައި ގަބޫލުކުރެވިފައި އޮންނަނީ ހަމަ އާދައިގެ ގޮތެއްގައި ހިނިތުންވެލުމުން ކޮންމެވެސް ވަރެއްގެ އުފާވެރިކަމެއް އިހްސާސްވާ ކަމަށާއި މޫނު ހަދައި ބުމަ އަރުވައިފި ނަމަ މީހާގެ މޫޑު ސީރިއަސްވާ ކަމަށް،" ދިރާސާގައި އިސްކޮށް ހުންނެވި ޔުނިވަސިޓީ އޮފް ޓެނެންސީގެ ސޯޝަލް ސައިކޮލޮޖީ ގްރެޖުއޭޓް ނިކޮލަސް ކޯލްސް ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވީ މިއީ މިދިޔަ 100 އަހަރު ވެސް ސައިކޮލޮޖިސްޓުން ގަބޫލުކުރި ހަމައެއް ނޫން ކަމަށެވެ.
މި ތިއަރީގެ ވާހަކަ މި ފަހުން އެންމެ ބޮޑަށް ދެކެވުނީ 2016 ވަނަ އަހަރު، ރިސާޗަރުންގެ 17 ޓީމަކަށް، ހިނިތުންވުމުން އުފާވާ ކަމަށް ބުނާ ތިއަރީއަކާ މެދު އެއްބަސްވުމަކަށް ނާދެވުނު ހާދިސާއަކަށް ފަހުގަ އެވެ. އެކަމަކު ކޯލް ވިދާޅުވީ މިއީ، ކުރިން މިކަމާ މެދު ގޮތެއް ނިންމަން ގެންގުޅުނު ވަރަށް ވުރެ މާ ގިނަ މައުލޫމާތު ލިބިގެން ނޫނީ ނުނިންމޭ ވަރުގެ ތިއަރީއެއް ކަމަށެވެ.
"ބައެއް ދިރާސާތަކުން ފެނިފައެއް ނެތް އެކްސްޕްރެޝަނަކުން މީހާގެ އިހްސާސްތަކަށް ބަދަލެއް އަންނަ ކަމުގެ ހެއްކެއް،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް ކޯލް ވިދާޅުވީ މިކަމާ ބެހޭ ގޮތުން މީހުން ހަދާފައިވާ ވަކި ދިރާސާތަކެއްގެ ނަތީޖާ އަށް ފޯކަސްކުރެވެން ނެތް ކަމަށެވެ.
"ސައިކޮލޮޖިސްޓުން 1970ގެ ތެރެއިން ފެށިގެން އެ އަންނަނީ މިކަމުގެ ހަގީގަތް ހޯދަން މަސައްކަތްކުރަމުން، އެހެންވެ އަހަރެމެން ވެސް ބަަލައިލަން ބޭނުންވީ،"
މިކަމަށް ކޯލްސް އާއި އޭނާގެ ޓީމުން ވަނީ މިދިޔަ 50 އަހަރު ތެރޭ މިކަމާ ބެހޭ ގޮތުން ކޮށްފައިވާ 138 ދިރާސާއަކުން މައުލޫމާތު އެއްކޮށްފަ އެވެ. މި ދިރާސާތަކުގައި، ދުނިޔޭގެ އެކި ހިސާބުތަކުން 11،00 އަށް ވުރެ ގިނަ މީހުން ބައިވެރިކޮށްފައިވެ އެވެ.
މި ދިރާސާ ޓީމުގެ ނިންމުމަކީ މޫނުމަތީގެ ކުޑަ އެކްސްޕްރެޝަނަކުން ވެސް މީހާގެ މޫޑަށް އަސަރުކުރާ ކަމެވެ. އެގޮތުން، ހިނިތުންވުމުން އުފާވާ ކަމަށާއި މޫނު ހަދައި "ބުމަ ގޮށްޖެހުމުން" ރުޅިވެރިކަން އިހްސާސްވާ ކަމަށާއި މާޔޫސްކަމުގެ އެކްސްޕްރެޝަނެއް މޫނަށް ގެނެސްފި ނަމަ ދެރަވާ ކަމަށް ވެސް ޓީމުން ބުންޏެވެ.
މި ދިރާސާ މިހާރު ވަނީ ސައިކޮލޮޖިކަލް ބުލެޓިން ޖާނަލްގައި ޝާއިއުކޮށްފަ އެވެ.
ދިރާސާއިން މިހެން ދެއްކި ނަމަވެސް ކޯލްސް ވިދާޅުވީ ނަފްސާނީ އެކި މައްސަލަތަކުގައި ބޭސް ކާ މީހުން އެ ހުއްޓާލާފައި ހިނިތުންވެގެން ތިބެން ދިމާކޮށްގެން ނުވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހީލާ
14 April 2019
ހިނިތުންވުމަކީ ޞަދަޤާތެކެވެ.