23 އެޕްރީލް 2019 - 07:34
އިސްތަށިގަނޑު ނުރަވުމަކީ ދެ ޖިންސްގެ މީހުން ވެސް އެހާ ބޭނުންވާ ކަމެއް ނޫނެވެ. އެހެންވެ އިސްތަށިގަނޑު ނުރަވާން ފަށާ ހިސާބުން އެކަން ފޮރުވަން ބޮލުގައި ކުލަ ޖައްސާ އަންހެނުންނާއި ފިރިހެނުން ގިނަ އެވެ.
ބައެއް އަންހެނުން ބުނާ ގޮތުގައި ފިރިހެނުންގެ ތެރެއިން ނުރަ އާއި ކަޅު އިސްތަށި ބޮލާއި ތުނބުޅީގައި ހުންނަ "ސޯލްޓް އެންޑް ޕެޕާ" ލުކަކީ ވަރަށް ހިތްކިޔާ ސްޓައިލެކެވެ. އެކަމަކު މިފަހަރު މިއީ އަންހެނުންގެ ފެޝަން ޓްރެންޑަކަށް ވެއްޖެ އެވެ.
ގްރޮމްބާގެ ނަމުގައި ހިންގާ އިންސްޓަގްރާމް އަންނަނީ އަންހެނުން އެ މީހުންގެ އިސްތަށިގަނޑު ނުރަކޮށް ތަފާތު ސްޓައިލްތަކުގައި ދައްކައިގެން އެތައް ބައެއްގެ ސަމާލުކަން ވެސް ހޯދަމުންނެވެ.
ގްރޮބާގައި ހުރި ފޮޓޯތައް ހާވައިލާ އިރު، ނުރަ އިސްތަށިގަނޑު ފެޝަން ޓްރެންޑަކަށް ގެންގުޅޭ އަންހެނުން ވަނީ އެ މީހުންގެ ވާހަކަތައް ވެސް ހިއްސާކޮށްފަ އެވެ.
އޭގެ ތެރެއިން ގިނަ މީހުން ބުނެފައިވާ ގޮތުގައި ނުރަ އިސްތަށިގަނޑަކީ ކުރިއަށް އޮތް ތަނުގައި ގިނަ އަންހެނުންގެ މެދުގައި މަގުބޫލު އެއްޗަކަށް ވާނެ އެވެ. އަދި ބައެއް މީހުން ބުނީ މިއީ އުމުރުން ދުވަސްވީ ކަމުގެ ނިޝާނެއް ނޫން ކަމަށާއި ވަރަށް ވެސް ލޯބި ފެޝަން ސްޓައިލެއް ކަމަށެވެ.
ބައެއް މީހުން ފާހަގަކޮށްފައިވާ ގޮތުގައި ވަރަށް ޒުވާން އުމުރުގައި އަދި ފުރާވަރުގެ އުމުރުގައި ވެސް ޖެނެޓިކް ސަބަބުތަކާ ހެދި ބައެއް އަންހެނުންނަށް އިސްތަށިގަނޑު ނުރަވުން ތަޖުރިބާކުރަން ޖެހިފައިވެ އެވެ. އެހެންވެ އުމުރަކީ ހަމައެކަނި ނަމްބަރެއް ކަމަށާއި އެއީ މީހާގެ އަސްލުވަންތަކަން ސާބިތުކޮށް ދޭނެ ކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ.
ބައެއް މީޑިއާތަކުން ވެސް ބުނެފައިވާ ގޮތުގައި މި ފަހަކަށް އައިސް އެކި އުމުރުގެ އަންހެނުންގެ މެދުގައި ނުރަ އިސްތަށިގަނޑުގެ މަގުބޫލުކަން އަންނަނީ ބޮޑުވަމުންނެވެ. އަދި އެގޮތަށް އިސްތަށިގަނޑުގައި ކުލަ ޖައްސާ މީހުން ވެސް އަންނަނީ އިތުރުވަމުންނެވެ. ތަފާތު އެކި ކުލަ ބޮލުގައި ޖައްސާ އިރު، ނުރަ ގޮތަށް ސްޓައިލް ނުކުރަންވީ ސަބަބެއް ވެސް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާރޯ
23 April 2019
ތިހެން ޖެއްސީމަ އަސްލު ރީއްޗެއް ނޫން. ޤުދްރަތީ ގޮތުން ނުރަ ފަޅާފަ ހުންނަ މީހުން ރީތީ.
ދުވަސްވީމީހާ
23 April 2019
ދެން ދުވަސްވީމީހުންވެސް ވަރަށް ޓްރެންޑީވާނެ!