ދެކުނު ކޮރެއާގެ ސެމްސަންގް ކުންފުނީގެ ގެލެކްސީ ފޯލްޑް (އެފް) ނުވަތަ ފަތްޖެހި ފޯނު މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ރަސްމީކޮށް ބާޒާރަށް ނެރެން ނިންމާފައި ވަނިކޮށް އެ މޮޑެލްގެ ފޯނުތައް ހަލާކުވާ މައްސަލަތައް ފެންމަތިވުމުން، އެ ފޯނު ނެރުން ފަސްކޮށްފި އެވެ.
މި ހަފުތާ ފެށިގެން އައީ ގެލެކްސީ ފަތްޖެހި ފޯނުގެ ފީކަޅާކަމުގެ ވާހަކަތަކާ އެކީގަ އެވެ. އެގޮތުން އެ ފޯނު ޓެސްޓް ކުރި ބައެއް މީހުން ވަނީ ފޯނު ބޭނުންކުރަން ފެށިތާ އެންމެ ދުވަހެއްގެ ތެރޭގައި ފޯނު ޑިސްޕްލޭ ހަލާކުވެފައިވާ ކަމަށް ބުނެފަ އެވެ. އަދި ބައެއް މީހުން ވީޑިއޯ އާއި ފޮޓޯ އިން ހެއްކާ އެކު ޓްވިޓާގައި އެ ވާހަކަ ހިއްސާކޮށްފައިވެ އެވެ.
މިކަމާ ގުޅިގެން ސެމްސަންގުން ބުނީ ގެލެކްސީ ފޯލްޑް ނެރޭނީ އެއަށް ދިމާވި ކަމަށް ބުނާ ހުރިހާ މައްސަލައެއް ބަލައި، އެކަން ރަނގަޅު ކުރުމަށް ފަހު ކަމަށެވެ. އަދި އެކަން ވަރަށް ސީރިއަސްކޮށް ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ސެމްސަންގުން ބުނި ގޮތުގައި ފޯނު ދެން ނެރޭނެ ތާރީހެއް މާ ލަސްނުކޮށް އިއުލާން ކުރާނެ އެވެ. ފޯނަށް ދިމާވި މައްސަލަތަކުގެ ވާހަކައާ އެކު ހޮންގްކޮންގާއި ޝަންހާއީގައި މި ހަފުތާގައި ބާއްވަން ރޭވި އިވެންޓްތައް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ގެލެކްސީ ފޯލްޑްގެ އަގުތައް ފެށެނީ 2،339.81 ޑޮލަރު (36،056.8ރ.) އިންނެވެ.