02 މެއި 2019 - 07:37
މިހާރު އެންމެ މަގުބޫލު ސޯޝަލް ޕްލެޓްފޯމް ކަމަށްވާ އިންސްޓަގްރާމްގެ ޕޯސްޓްތަކަށް ލިބޭ ލައިކްސްގެ އަދަދު، ފޮލޯވަރުންނަށް ނުފެންނަ ގޮތަށް ހަދަން ނިންމައިފި އެވެ.
ފޭސްބުކްގެ ދަށުން ހިންގާ އިންސްޓަގްރާމުން ބުނި ގޮތުގައި މި ބަދަލަކީ ލައިކްސް ލިބޭ މިންވަރަށް ދެވޭ ސަމާލު ކަމަށް ވުރެ ބޮޑަށް، ޕޯސްޓްތަކުގެ މުހިއްމުކަން ދައްކުވައި ދިނުމުގެ ގޮތުން ކުރާ ކަމެކެވެ.
އެކަމަކު އިންސްޓަގްރާމާއި ފޭސްބުކާއި ޓްވިޓާ ފަދަ އެއްޗެހީގައި ހިއްސާކުރާ ފޮޓޯތަކާއި ޓެކްސްޓްތަކަށް ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓޭ އެއް ގޮތަކީ އެ ޕޯސްޓަކަށް ލިބޭ ލައިކްސްގެ އަދަދެވެ. އަދި މިއީ މި ޕްލެޓްފޯމްތައް ބޭނުންކުރާ މީހުންގެ މެދުގައި އެންމެ ބޮޑު ވާދަވެރި ކަމެއް އޮންނަ އެއް ކަންތައް ވެސް މެ އެވެ.
އިންސްޓަގްރާމުން ބުނި ގޮތުގައި ޕޯސްޓްތަކަށް ލިބޭ ލައިކްސްގެ އަދަދު ނުފެންނަ ގޮތް ހެދުން ޓެސްޓް ކުރުމުގެ މަރުހަލާގައި އޮތް އިރު، އެންމެ ފުރަތަމަ މި ފީޗާ ތައާރަފުކުރާނީ ކެނެޑާގައި އިސްޓަގްރާމް ބޭނުންކުރާ ބައެއް މީހުންގެ ތެރޭގަ އެވެ. އޭގެ ފަހުން ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި، އެ ޕްލެޓްފޯމްގެ ހުރިހާ އަހުލުވެރިންނަށް ފީޗާ ދޫކޮށްލާނެ އެވެ.
އިންސްޓަގައި މިހާތަނަށް އެންމެ ގިނަ ލައިކްސް ލިބުނު ޕޯސްޓަކީ މިއީ.
"ހަގީގަތުގައި ޕޯސްޓްތަކަށް ލައިކްސް ލިބޭ ވަރެއް ނޫން މުހިއްމީ. މުހިއްމީ އޭގައި ޕޯސްޓްކުރާ ފޮޓޯތަކާއި ވީޑިއޯތަކުން ފޮލޯވަރުންނަށް ލިބޭ ހިތްހަމަޖެހުން،" އިންސްޓަގްރާމްގެ ތަރުޖަމާން ޓެކްކްރަންޗަށް ބުންޏެވެ.
ދެހާސް ދިހައެއްގައި ވުޖޫދަށް އައި އިންސްޓަގްރާމަކީ މިހާރު މަހެއްގެ މައްޗަށް ބިލިއަނަކަށް ވުރެ ގިނަ މީހުން ބޭނުން ކުރާ އެޕެކެވެ.
އިންސްޓާގައި މިހާތަނަށް އެންމެ ގިނަ ލައިކްސް ލިބުނު ޕޯސްޓަކީ ނަފުސާނީ މައްސަލަތަކަށް ހޭލުންތެރިކަން އުފެއްދުމުގެ ގޮތުން މިދިޔަ ޖެނުއަރީ މަހުގެ 4 ގައި ޕޯސްޓްކުރި އާދައިގެ ކުކުޅު ބިހެއްގެ ފޮޓޯ އެވެ. އެއަށް މިހާތަނަށް 53 މިލިއަނަށް ވުރެ ގިނަ ލައިކްސް ލިބިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހި
02 May 2019
އެހެންވީމާ އިންސްޓަރގްރާމްގެ ކުރިއަށް ހުރި އަޕްޑޭޓްތައް އިންސްޓޯލް ނުކުރާނަން...
System Administrator
02 May 2019
ބިހަކަށް ގިނަ ލައިކްސް ލިބުނީމައި އެކަން ހަޖަމް ނުވެގެން އެ އުޅެނީ