ޕްލާސްޓިކްގައި ބަންދުކޮށްފައިވާ ލުއިކާނާ ޕެކެޓްތަކެއް ޕާކިސްތާނުގެ ބަޔަކު އުފުލަނީ.
13 މެއި 2019 - 08:33
ޕާކިސްތާނުގެ ވެރިރަށް އިސްލާމާއާބާދުގައި، އަންނަ އޮގަސްޓް މަހުން ފެށިގެން ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލަން ނިންމައިފި އެވެ.
މިކަން އިއުލާން ކުރައްވަނުން އެ ގައުމުގެ ކްލައިމެޓް ޗޭންޖް މިނިސްޓަރު ޒަރުތާޖް ގުލް ވަޒީރު ނެޝަނަލް އެސެމްބްލީގައި ވިދާޅުވީ އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކް ކޮތަޅާއި ފުޅި އިސްލާމްއާބާދުގައި ބޭނުންކުރުން ހުއްޓައިލާނީ ޕާކިސްތާނުގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރާ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޕްލާސްޓިކާ ދެކޮޅަށް ޕާކިސްތާނުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ވެރިރަށުގައި ޕްލާސްޓިކް ބޭނުންކުރުން އެއްކޮށް ހުއްޓައިލުމަށް ފަހު، ސަރުކާރުން 5،000 ފޮތި ކޮތަޅު ބަހަން ވަނީ ނިންމައިފަ އެވެ. އެ އެއްޗެހި ފުރަތަމަ ބަހާނީ ސަރުކާރުގެ އެކި މުއައްސަސަތާކާއި ގާނޫނު ހަދާ މަޖިލިސް ފަދަ ބޮޑެތި މުއައްސަސާތަކަށެވެ.
މީގެ އިތުރުން އިސްލާމް އާބާދުގެ އެކި ސަރަހައްދު ބާޒާރުތަކަށް ވެސް ހިލޭ ފޮތިކޮތަޅު ދޫކުރަން ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން ޕްލާސްޓިކަށް ހޭލުންތެރިކަން އުފެއްދުމުގެ ގޮތުން ބޮޑެތި ކެމްޕޭނުތަކެއް ވެސް ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ. އޭގެ ތެރޭގައި އާންމު ރައްޔިތުންނާއި ކިޔަވާ ކުދިންނާއި މީޑިއާތައް ބައިވެރިކޮށްގެން ޕްރޮގްރާމްތައް ހިންގުން ހިމެނެ އެވެ.
ޕާކިސްތާންގެ ކްލައިމެޓް ޗޭންޖް މިނިސްޓަރު ޒަރުތާޖް.
މިނިސްޓަރު ޒަރުތާޖް ވިދާޅުވީ ގޮތުގައި 197 މިލިއަނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް ޕާކިސްތާނުގައި ޕްލާސްޓިކް ބޭނުން ކުރުން ހުއްޓައިލުން އިސްލާމްއާބާދުން ފެށުމަށް ފަހު، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެހެން ސިޓީތަކުގައި ވެސް މިކަމަށް ފިޔަވަޅުތައް އަޅަމުން ދާނެ އެވެ.
ޕްލާސްޓިކް ކުންބުންޏަކީ މި ވަގުތު ދުނިޔޭގެ ގިނަ ގައުމުތަކަށް އެންމެ ބޮޑަށް ދިމާވެފައިވާ އެއް މައްސަލަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސެންބެ
13 May 2019
ތިމާވެށި މިނިސްޓަރުވެސް ރީތި ޕާކިސްތާނުވެސް ރީތި.