ބަޔަކު ކޮފީއެއްގައި: ކޮފީ ބުއިން ލިމިޓް ކުރުން މުހިއްމު.
15 މެއި 2019 - 08:30
ފަހުގެ ދިރާސާއެއްގައި ބުނާ ގޮތުން ދުވާލެއްގެ މައްޗަށް ހަތަރު ތަށި ކޮފީއަކީ ބުއިމަކުން ގެއްލުމެއް ނެތެވެ. ނަމަވެސް އެއަށް ވުރެ އިތުރު ނުކުރަން އޭގައި ލަފާ ދީފައިވެ އެވެ.
ކޮފީގެ އާ ދިރާސާއެއްގައި ބުނާ ގޮތުން ދުވާލެއްގެ މައްޗަށް ހަ ތަށި ނުވަތަ އެއަށް ވުރެ ގިނައިން ކޮފީ ބުއިމަކީ ރައްކާތެރި ކަމެއް ނޫނެވެ.
އެމެރިކަން ޖާނަލް އޮފް ކްލިނިކަލް ނިއުޓްރިޝަންގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނީ ދުވާލަކު ހަ ތަށި ނުވަތަ އެއަށް ވުރެ ގިިނައިން ކޮފީ ބުއިމުން ހިތުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު 22 ޕަސެންޓް އިތުރުވާ ކަމަށެވެ.
އޭގައި ފާހަގަކޮށްފައިވާ ގޮތުގައި ދިގު މުއްދަތަކަށް ކޮފީ ބުއިމާއި ހިތުގެ މައްސަލަތަކާ ވެސް ބޮޑު ގުޅުމެއް ވެ އެވެ. އެގޮތުން ކޮފީ މާ ގިނައިން ބުއިމަކީ ލޭގެ ޕްރެޝަރު މަތިވެ، ހިތުގެ އެކި މައްސަލަތައް ކުރިމަތި ކުރުވާނެ ކަމެކެވެ.
"މިހާރުގެ ލައިފްސްޓައިލަށް ބަލާ އިރު ކޮފީއަކީ އެއާ ނުލައި އުޅެން ދަތި، އަދި އެހާމެ ގިނަ ބަޔަކު ލޯބިކުރާ ބުއިމެއް. މީގެ ސިއްހީ ފައިދާތައް ވަރަށް ގިނަ. އެކަމަކު މުހިއްމު ކަމަކީ ކޮފީ ބޯ މިންވަރު ކޮންޓްރޯލް ކުރުން،" ދިރާސާގައި ބައިވެރިވި ޑރ. އެލީނާ ހިޕޯނެން ވިދާޅުވި އެވެ. "ކޮފީއަކީ ހިއްސުތައް ހޭލައްވާލައި، ހަކަތަ ވެސް އިތުރުކޮށްދޭ ބުއިމެއް. އެކަމަކު ގިނަ ބަޔަކު ވިސްނާނުލާ ދުވާލެއްގެ މައްޗަށް ކެފެއިން ބޭނުން ކުރެވޭ މިންވަރަކާ ދޭތެރޭ."
އޭނާ ވިދާޅުވި ގޮތުގައި މާ ގިނައިން ކޮފީ ބުއިމުން މީހާގެ މޫޑް ވެސް ހަރާބުވެ، އުނދަގޫތަކެއް އިހުސާސް ކުރެވެން ފަށާނެ އެވެ. އެހެންވެ ކޮފީ ބޯ މިންވަރު ލިމިޓް ކުރުން ވަރަށް ވެސް މުހިއްމު ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy