ކަންފަތުގެ އިންފެކްޝަން ހުންނަކަން ދެނެގަންނަ އެޕް ބޭނުންކުރަނީ
21 މެއި 2019 - 08:35
ކުޑަކުދިންގެ ކަންފަތުގައި އިންފެކްޝަން ހުރި ނަމަ އެކަން ދެނެގަނެވޭ މޯބައިލް ފޯން އެޕްލިކޭޝަނެއް އުފައްދައިފި އެވެ.
ކަންފަތުގައި އިންފެކްޝަން އުފެދެނީ އިއަޑްރަމްގެ ފަހަތުގައި ފެން ހެދި އޭގައި ޖަރާސީމު އަށަގަތުމުންނެވެ. ކަންފަތުގެ އިންފެކްޝަނުގެ ސަބަބުން އިވުމަށް ގެއްލުންވެ އެވެ. ނަމަވެސް މި އިންފެކްޝަން ހުންނަ ކަމުގެ ނިޝާންތައް އެހާ ބޮޑަށް ނުފެނެ އެވެ.
އިންފެކްޝަން ހުންނަކަން ދެނެގަންނަ އެޕް މަސައްކަތްކުރަނީ ސްމާޓްފޯނުގެ މައިކްރޮފޯނާއި ސްޕީކަރު އަދި ކަރުދާސްކޮޅެއް ބޭނުންކޮށްގެންނެވެ. މި އެޕުން، އިއަޑްރަމްގެ ފަހަތުގައި ފެން ހެދިފައި ހުރި ނަމަ އެކަން ދެނެގަންނާނެ އެވެ.
ފޯނުން ފޮނުވާ ލުއި އަޑުތައް، އެންމެ އެތެރެއަށް ގެންގޮސްދެނީ ކަރުދާސް ދޯރިއަކުންނެވެ. މި އަޑުތައް ކަންފަތުގެ އެތެރެއަށް ގޮސް އެނބުރި އަންނަ ގޮތް އެޕުން ދެނެގަނެ، ފެންހެދިފައި ހުރި ނަމަ އެކަން އަންގާނެ އެވެ.
ޔުނިވަސިޓީ އޮފް ވޮޝިންޓަންގެ ސްކޫލް އޮފް ކޮމްޕިއުޓަ ސައިންސް އެންޑް އިންޖިނިއަރިންގައި ޕީއެޗްޑީ ޕްރޮގްރާމެއް ފުރިހަމަކުރާ ޖަސްޓިން ޝާން ބުނީ މި އެޕް މަސައްކަތްކުރާނީ، އެއްޗެއް އަޅާފައި ހުންނަ ތައްޓެއްގައި ޖަހާލީމާ އަޑު އަންނަ ގޮތުން، އޭގައި އެއްޗެހި ހުރި ވަރު ދެނެގަންނަ ގޮތަށް ކަމަށެވެ.
"ފެން އެކި ވަރަށް ހުންނަ އިރު އަޑު ވެސް ތަފާތުވާނެ. މެޝިން ލާނިން އިން މި އަޑު ދަސްކޮށް، ފެން ހުރިކަން އަދި ހުރީ ކިހާ ވަރަކަށް ކަން ދެނެގަނެވޭ،" އޭނާ ބުންޏެވެ.
މި އެޕާއި އެއާ ގުޅޭ ދިރާސާ ސައިންސް ޓްރާންސްލޭޝަން މެޑިސިން ޖާނަލްގެ މި މަހުގެ 15 ވަނަ ދުވަހުގެ އަދަދުގައި ވަނީ ޝާއިއުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy