ރާހުލް ގާންދީ ފުރަތަމަ އުރާލި ނަރުހާ 49 އަހަރު ފަހުން ދިމާވެއްޖެ

އިންޑިއާގެ ކޮންގްރެސް ޕާޓީގެ ރައީސް ރާހުލް ގާންދީ އުފަންވި ދުވަހު އެންމެ ފުރަތަމަ އުރާލި ނަރުހާ 48 އަހަރު ފަހުން ދިމާވެއްޖެ އެވެ.


ކުރީގެ ބޮޑުވަޒީރު ރަޖީވް ގާންދީ އާއި އިޓަލީ އަށް ނިސްބަތްވާ ސޯނިއާ ގާންދީގެ ދޮށީ ފިރިހެން ދަރިފު، ރާހުލް އުމުރުން މިހާރު 48 އަހަރު ވެއްޖެ އެވެ.

ސިޔާސީ މަސައްކަތުގެ ތެރެއިން މިހާތަނަށް ރާހުލް އަށް ވަނީ ވަރަށް ގިނަ ބަޔަކާ ބައްދަލުވުމުގެ ފުރުސަތު ވެސް ލިބިވަޑެންފަ އެވެ. އެކަމަކު އާދީއްތަ ދުވަހަކީ އޭނާގެ ހަޔާތުން ހާއްސަ ދުވަހެކެވެ.

މި މަހުގެ 19 ގައި 49 އަހަރު ފުރޭ ރާހުލް ވަނީ އޭނާ އުފަންވުމަށް ފަހު ފުރަތަމަ އުރާލި މީހާގެ ޝަރަފު ލިބުނު ނަރުސް ރަޖައްމާ ވަވަތިލްއާ ބައްދަލުވެވަޑައިގެންފަ އެވެ. އެއާ އެކު އުފަން ދުވަހުގެ ހަނދާންތައް ރަޖައްމާ ވަނީ ރާހުލް އާކޮށް ދީފަ އެވެ. ލިބުނު އުފަލުގައި އޭނާ ވަނީ ރަޖައްމާގެ ގައިގައި ބައްދާލައި ވަރަށް ބޮޑަށް މަރުހަބާ ވިދާޅުވެފަ އެވެ.

މިކަމެއް ހިނގީ ރާހުލް ކެރެލާ އަށް މި މަހުގެ 7-9 އަށް ކުރެއްވި ދަތުރުގެ ތެރެއިން ވަޔަނަދު ޑިސްޓްރިކްޓްގަ އެވެ.

ނަރުސްކަމުން ރިޓަޔާކޮށްފައިވާ ރަޖައްމާ މީޑިއާތަކަށް ކިޔައި ދިން ގޮތުގައި ސޯނިއާ އާއި ރަޖީވަށް ވުރެ ކުރިން ރާހުލް އުރާލުމުގެ ފުރުސަތު ލިބުނު މީހަކީ އޭނާ އެވެ. އަދި ނިއު ދިއްލީގެ ހޮލީ ފެމިލީ ހޮސްޕިޓަލަށް ޖޫން، 19، 1970 ގައި ރާހުލް އުފަންވެވަޑައިގަތް އިރު، އެންމެ ގާތުން މަސައްކަތް ކުރި އެކަކީ ރަޖައްމާ އެވެ.

"އަހަރެން ވަރަށް އުފާވެއްޖެ ވިހެއުމާ އެކު އެންމެ ފުރަތަމަ އުރާލަން ލިބުނު ކުއްޖާއާ 49 އަހަރު ފަހުން ދިމާވީމަ. މިއީ ހަގީގަތުގައި ޒަމާންވީ ހުވަފަނެއް ހަގީތަކަށްވުން ކަހަލަ ކަމެއް،" ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ރަޖައްމާ ބުންޏެވެ. "ރާހުލްއާ ދިމާވީމަ ކުރީގެ ހަނދާންތައް ވަރަށް ބޮޑަށް އާ ވެސް ވެއްޖެ."

ރާހުލްއާ ބައްދަލުވުމުން ރަޖައްމާ އާއި އޭނާގެ އާއިލާ އިން ހަދިޔާ ވެސް ދީފަ އެވެ. އޭގެ ތެރޭގައި ފާޑުފާޑުގެ ފޮނިކާތަކެއްޗާއި ތެލުލި ސައްކެޔޮ ހިމެނެ އެވެ. އަދި ރާހުލް ވަނީ ކެރެލާ އަށް ދެން ވަޑައިގަންނަވާ ފަހަރަކުން ވެސް ރަޖައްމާއާ ބައްދަލު ކުރައްވާނެ ކަމަށް ވައުދުވެޑައިގެންފަ އެވެ.