ކެޓަލިން އާއި އެލީނާ.
19 ޖޫން 2019 - 07:30
ޖަރުމަނުގެ ދެމަފިރިއެއްގެ ޗުއްޓީއަކަށް ފައިސާ ހޯދަން ގޯފަންޑްމީ ޕޭޖްގައި ހުޅުވައިލުމުން އެ މީހުންނަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
އޮންލައިންކޮށް އެކި ކަންކަމަށް ފައިސާ ހޯދަން ހިންގާ ގޯފަންޑްމީގައި، ޗުއްޓީ އަށް ފަންޑު ހޯދަން އިއުލާނުކުރި ދެމަފިރިންނަކީ "ލަދެއް ހަޔާތެއް ނެތް" ބައެއް ކަމަށް މީހުން ބުނެފައިވެ އެވެ.
"އެނަދަ ބިއުޓިފުލް ޑޭ އޮފިޝަލް" ގެ ނަމުގައި އިންސްޓްރާމް އެކައުންޓެއް ވެސް ގެންގުޅޭ ކެޓަލިން އޮންކް އާއި އަންހެނުން އެލީނާ އެންޖެލްހާޓް ގޯފަންޑްމީގައި ޕޭޖްގައި ބުނީ އަންނަ މަހުގެ 20 ގައި ޖަރުމަނުން އެފްރިކާ އަށް ޓެމްޑެމް ބައިކް ރައިޑެއް ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ. އެހެންވެ އެ ދަތުރަށް މަދުވެގެން 10،000 ޔޫރޯ (11,190.35 ޑޮލަރު) ބޭނުންވާ ކަމަށް ބުންޏެވެ.
އެ ދެ މީހުން ބުނީ އެ ފައިސާ ހަރަދުކުރާނީ ބައިސްކަލާއި އެއަށް ބޭނުންވާ އިތުރު ސަމާނާއި ދަތުރުގެ ކެއުމާއި އެކަމޮޑޭޝަނާއި ދަތުރު ތެރެއިން މަޑުކުރަން ޖެހޭ ތަންތަނުގައި ބޭނުން ކުރާނެ ސިމާއި އިންޓަނެޓާއި އިންޝުއަރެންސާއި އިމަޖެންސީ ކަމެއް ދިމާވެއްޖެ ނަމަ ބޭނުން ކުރަން ކަމަށެވެ. އެހެންވެ ވީހާ ވެސް ގިނަ ބަޔަކު 10،000 ޔޫރޯ އަށް ވުރެ ބޮޑު އެހީއެއް ހޯދައި ދޭން އެދިފައިވެ އެވެ.
އަދި އެ ދަތުރުގެ ތެރެއިން ނަފުސާނީ މައްސަލަތަކާއި ދުނިޔެ ހޫނުވުން ފަދަ މައްސަލަތައް މީހުންގެ ސަމާލު ކަމަށް ގެންނަން ސޯޝަލް މީޑިއާގައި އަޕްޑޭޓް ކުރަމުން ގެންދާނެ ކަމަށް ވެސް ބުންޏެވެ.
މިކަމާ ގުޅިގެން ދެމަފިރިންނަށް ފާޑުކީ ބައެއް މީހުން ބުނީ "ކަލޭ ދެ މީހުން ވަޒީފާއެއް އަދާކޮށްގެން ފައިސާ ހޯދައިގެން ތި ކުރަން އުޅުނިއްޔާ މާ ތާހިރު ވާނެ" ކަމަށެވެ. އެހެން މީހަކު ބުނި ގޮތުގައި ސިއްހަތު ސަލާމަތުން ތިބި ޒުވާން ދެމަފިރިއެއްގެ ޗުއްޓީ އަށް މީހުންގެ އަތުން ފައިސާ ހޯދަން އުޅުމަކީ ގޮތެއްފޮތެއް ނެތްކަމުގެ ލާމަސީލު މިސާލެކެވެ.
"އަދި ތިއީ ފިނޑިކަމާއި ނާތަހުޒީބުކަމާއި އަމިއްލަ އެދުމާއި ކަންނެއްކަމުގެ ވެސް އިންތިހާ،" އެހެން މީހަކު ބުނެފައިވެ އެވެ. "ސަލާން ނުޖަހައި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައިގެން ތިކަން ކުރަން އުޅުނިއްޔާ މާ ރަނގަޅު ވާނެ."
ކެޓަލިން އާއި އެލީނާ މިހާތަނަށް އެކި ތަންތަނަށް ކުރި ދަތުރުތަކުގެ ފޮޓޯ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ އިރު، އެ މީހުން ދިޔަ ގައުމުތަކުގެ ތެރޭގައި އިޓަލީ، ނިއުޒިލެންޑް އަދި އިންޑޮނީޝިއާ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުބްތާ
19 June 2019
ރާއްޖޭ ސަރުކާރުން ވެސް ފޯރަމޭ ކިޔައިގެން ސަލާން ޖަހާ އިރު މީހުން އެތިބެނީނު އަތް ޖަހަން، އެ ގޮތުން ބަލާއިރު މަށައް ތިމީހުން އެ ޖަހާ ސަލާން މާ ރަނގަޅު..
ނާގަބާޑި
19 June 2019
ތި މާބޮޑައް އެންގެނީއޭ