09 ޖުލައި 2019 - 07:01
ޓެކުހަށް މަކަރު ހެދުމާއި ގަތުލާއި ޑްރަގް ވިޔަފާރި ފަދަ މައްސަލަތަކުގެ ތުހުމަތުގައި އެމެރިކާ އިން ހިފައި ހައްޔަރު ކުރަން ބޭނުންވާ މަޝްހޫރު ވިޔަފާވެރިޔާ އަދި އެންޓި-ވައިރަސް "މެކަފީ" ގެ ބާނީ ޖޯން މެކެފީ، އަންނަ އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ބުނެފި އެެވެ.
އެމެރިކާ އިން ހަތުރެއްގެ ގޮތުގައި ދެކޭ ކިއުބާ އަށް އަމިއްލަ އަށް އަރުވާލެވިގެން އެ ގައުމައި ދިރިއުޅޭ 73 އަހަރުގެ ވިޔަފާވެރިޔާ ބުނީ ރިޔާސީ އިންތިހާބަށް ނުކުންނާނީ ލިބަޓޭރިއަންގެ ޕާޓީގެ ޓިކެޓްގައި ކަމަށެވެ. އެ ޕާޓީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީގައި ވާދަކޮށް، ޓިކެޓް ލިބިވަޑައިގަންނަވާނެ ކަމާ ދޭތެރޭ ޝައްކު ނުކުރާ ކަމަށް، އިނގިރޭސިވިލާތަށް އުފަން އެކަމަކު އެމެރިކާގެ ރަށްވެހިކަން އޮންނަ މެކަފީ ބުންޏެވެ.
"އަހަރެން ކެމްޕޭންކުރާނީ ވެސް ކިއުބާގައި ހުރެގެން،" އޭނާ ބުންޏެވެ. "އަދި އަންނަ އަހަރުގެ އިންތިހާބު ބާއްވާ ނޮވެމްބަރާ ޖެހެންދެން އަހަރެން ކިއުބާގައި ހުންނާނަން."
ދެހާސް ސޯޅަ ވަނަ އަހަރު ވެސް އެ ޕާޓީގެ ރިޔާސީ ޓިކެޓް ހޯދަން ޕްރައިމަރީގައި ވާދަކޮށް މެކަފީ ވަނީ ބަލިވެފަ އެވެ. އަނެއްކޮޅުން މެކަފީގެ މައްޗަށް ކުރެވޭ ތުހުމަތުކާ ހެދި އޭނާ އަށް އެމެރިކާގެ ރިޔާސީ އިންތިހާބަށް ވާދަ ކުރެވިދާނެތޯ ވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދަ އެވެ.
Story in U.S. News World Report on my Presidential Campaign from Cuba:@CubaMINREXhttps://t.co/GtWu7XpIma
— John McAfee (@officialmcafee) July 7, 2019
ވަރަށް މުއްސަނދި ދިރިއުޅުމެއް އުޅޭ މެކަފީ އޭއެޕްފީ އަށް ބުނީ ބަލާލެމުމަށް އޭނާ އަކީ ވެރިކަން ކުރެވިދާނެ ކަހަލަ މީހަކަށް ނުވެދާނެ ކަމަށެވެ. އަދި ވެރިކަން ކުރުމަކީ އަސްލު މަގުސަދު ނޫން ކަމަށް ވިދާޅުވި އެވެ.
"އަހަރެން ބޭނުން ވަނީ ބަދަލެއް ގެންނަން. އަހަންނަކީ ވަރަށް ގިނަ ބަޔަކު ފޮލޯ ކުރާ މީހެއް. އެހެންވީމާ މި އިންތިހާބުގައި އަހަންނަށް ވަރަށް ބޮޑު ނުފޫޒެއް ފޯރުވިދާނެ،" އޭނާ ވިދާޅުވި އެވެ. "އަހަރެންގެ އެންމެ ބޮޑު ވައުދަކީ ފްރީ ޓްރޭޑާއި ފެޑެރެލް ގަވަރަމަންޓް އުސޫލުތައް ކުޑަކުރުން."
އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ އިންޖިނިއަރެއްގެ ގޮތުގައި ކެރިއަރު ފެށި މެކަފީގެ މަގުބޫލުކަން ބޮޑުވެގެން ދިޔައީ 1987 ގައި ވުޖޫދަށް ގެނައި ސޮފްޓްވެއާ ކުންފުނި މެކަފީ އެސޯސިއަޝަނާ އެކީގަ އެވެ. އެކަމަކު އެ ކުންފުނިން 1994 ގައި މެކަފީ ވަނީ ވަކިވެފަ އެވެ.
އޭގެ ފަހުން އޭނާ ވަނީ ޓްރިބަލް ވޮއިސް އާއި ކޯރަމްއެކްސް އަދި ފިއުޗާ ޓެންސް ސެންޓްރަލްތައް ފަދަ ކުންފުނިތައް އުފައްދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް ހުސެން
10 July 2019
ތި ކަހަލަ ކޮންމެ މީހަކުވެސް ހަމަ އުޅެނީ އެއްފޮތެއް ކިޔަވައިގެން. ޖަޒީރާ ވަންތަ ރާއްޖޭގަވެސް ތިގޮތްވަރައް ކަމުދެ.