އިންސްޓަގްރާމުން ތިލަވާ ފޭކް ޕޯސްޓްތައް ރިޕޯޓް ކުރެވޭ އާ ފީޗާއެއް ތައާރަފުކުރަން ތައްޔާރުވެއްޖެ އެވެ
ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ތެދު ނޫން މައުލޫމާތު ހިމެނޭ ފޭކް ޕޯސްތައް ރިޕޯޓްކުރެވޭ ގޮތަށް ތައާރަފުކުރާ ހާއްސަ ރިޕޯޓިން ޓޫލް އިންސްޓްގަރާމަށް ގެންނާނީ މި މަހުގެ ފަހުކޮޅު އެވެ. އެކަމުގެ ތައްޔާރީތައް، ފޭސްބުކްގެ ދަށުން ހިންގާ އިންސްޓަގްރާމުން މިހާރު އަންނަނީ ވަމުންނެވެ.
އަލަށް ތައާރަފުކުރާ ފީޗާ އިން ފޭކް ޕޯސްޓްތައް ޑިލީޓްކޮށްލުމުގެ ބަދަލުގައި "އެކްސްޕްލޯ" އާއި ހޭޝްޓެގް ޕޭޖްތަކަށް ނުފެތުރި، ފޮލޯކުރާ މީހުންނަށް ނުފެންނާނެ ގޮތް ހެދޭނެ އެވެ. އެގޮތުން "ރިޕޯޓް" ބަޓަންގެ ދަށުން އިންނަ "އިޓްސް އިންއެޕްރޮޕްރިއޭޓް" އަށް "ފޯލްސް އިންފޮމޭޝަން" އިތުރުވެގެން ދާނެ އެވެ.
މި ބަދަލާ ބެހޭ ގޮތުން އިންސްޓަގްރާމުން ބުނީ މިއީ އެ އެޕް ބޭނުންކުރާ މީހުންނަށް ވީހާ ވެސް ރަނގަޅު ހިދުމަތްތަކެއް ދޭން ކުރާ މަސައްކަތުގެ އެއްބައި ކަމަށެވެ. އަދި މިކަހަލަ ކިތަންމެ ބަދަލެއް އަންނާނެ ކަމަށް ބުންޏެވެ.