ދެ އަނގަ ހުރި މަހެއް ބާނައިފި

ދެ އަނގަ ހުރި މަހެއް އެމެރިކާގައި ބާނައިފި އެވެ.


މި މަސް ބާނާފައި ވަނީ ސްޕޯޓްސް ފިޝިން އަށް ނުކުމެ އުޅުނު އެމެރިކާގެ ދެމަފިރިއަކު މިދިޔަ ހުކުރު ދުވަހު ނިއު ޔޯކްގެ ލޭކް ޗެމްޕްލޭންގަ އެވެ. މި މަހަކީ ލޭކް ޓްރައުޓެކެވެ.

މި މަސް ބޭނި ދެމަފިރިން އޭގެ ވާހަކަ އެ މީހުންގެ ސޯޝަލް މީޑިއާގައި ހިއްސާކުރުމުން ނޮޓީ ބޯއިސް ފިޝިން ކިޔާ ފޭސްބުކް ޕޭޖެއްގައި ވެސް މަހުގެ ވާހަކަ ހިއްސާކޮށްފައިވެ އެވެ. އެއަށް ވަރަށް ގިނަ މީހުން ކޮމެންޓްކޮށް ލައިކް ދީ ޝެއާ ވެސް ކޮށްފައިވެ އެވެ.

މަސް ބޭނި އަންހެން މީހާ ޑެބީ ޖެޑެސް ބައެއް މީޑިއާތަކަށް ކިޔައި ދިން ގޮތުގައި ދެ އަނގަ ހުރި މަހަކީ ވަރަށް ސިއްހަތު ވެސް ރަނގަޅުކޮށް އޮތް މަހެކެވެ.

"އެ މަސް ނެގީމަ އާދަޔާހިލާފު ކަމެއް ހުރިކަން ފާހަގަ ކުރެވުނީ. މަހުގެ ފޮޓޯތަކެއް ނެގުމަށް އަހަރެމެން ވަނީ އެ މަސް ދޫކޮޮށްލާފައި،" ޑެބީ ބުންޏެވެ.

އޭނާ ބުނިގޮތުގައި ފިރިމީހާ އެކު ފޫހިފިލުވައިލަން ވަރަށް ގިނައިން މަސްވެރިކަމަށް ނުކުމެ އުޅުނަސް، ދުވަހަކު ވެސް މިހާތަނަށް ދެ އަނގަ ހުރި މަހެއް ނުދެކެ އެވެ. އެހެންވެ މިކަންވީ ވަރަށް އާދަޔާހިލާތު އަދި ތަފާތު ކަމަކަށެވެ.