ޓްވިޓާގެ ކޯ-ފައުންޑާ އަދި ސީއީއޯ ޖެކް ޑޯޒީގެ ޓްވިޓާ އެކައުންޓް ހެކްކޮށްފި އެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ޓްވިޓާގެ ރައްކާތެރިކަމާ ދޭތެރޭ ސުވާލު އުފައްދައިފަ އެވެ.
ޑޯޒީގެ އެކައުންޓް ހެކްކުރުމަށް ފަހު، އެކި ކަހަލަ ޓްވީޓްތައް އެ އެކައުންޓުން ކޮށްފައިވެ އެވެ.
ގިނަ ބަޔަކު ބުނިގޮތުގައި ޓްވިޓާގެ ވެރިޔާގެ އެކައުންޓް ހެކްކުރުމަކީ އެ ޕްލެޓްފޯމް ބޭނުންކުރާ މީހުންނަށް އެއްވެސް ރައްކާތެރިކަމެއް ނެތް، އަދި ސެކިއުރިޓީ ފެންވަރު ވެސް ދަށްކަމުގެ ހެއްކެކެވެ.
ޑޯޒީގެ އެކައުންޓަކީ ހަތަރު މިލިއަނަށް ވުރެ ގިނަ މީހުން ފޮލޯކުރާ އަދި ޓްވިޓާގެ އެންމެ ނުފޫޒު ގަދަ އެއް އެކައުންޓެވެ.
މިކަމާ ގުޅޭ ގޮތުން ޓްވިޓާ އިން ކުރި ޓްވީޓެއްގައި ބުނީ ޑޯޒީގެ އެކައުންޓް ހެކްކުރި މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ.
ދެހާސް ހައެއްގައި ވުޖޫދަށް އައި ޓްވިޓާއަކީ މިހާރު 321 މިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރާ ޕްލެޓްފޯމެކެވެ.