10 ސެޕްޓެމްބަރ 2019 - 07:53
އުނދަގޫވާ ގޮތަށް ހެނދުނުހެނދުނާ ހާ ގޮވާ ކަމަށް ބުނެ ފްރާންސްގައި ހާލަކާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލައެއް ހާލާ އެއްކޮޅަށް ނިމި، މައްސަލަ ހުށަހެޅި މީހުން، ހާ ގެންގުޅޭ މީހާ އަށް ބަދަލުގެ ގޮތުގައި 1،000 ޔޫރޯ ދައްކަން އެ ގައުމުގެ ޓްރިބިއުނަލްއަކުން އަމުރުކޮށްފި އެވެ.
މި މައްސަލަ މީގެ ދެ އަހަރު ކުރިން ހުށަހެޅީ ފްރާންސްގެ ރަށެއް ކަމަށްވާ އޮލެރަންގުން ގެއެއް ގަނެގެން އެ ރަށުގައި އުޅޭ ދެމަފިރިއެކެވެ.
އެ މީހުން ހާލުގެ މައްސަލަ ހުށަހެޅީ އަވަށްޓެރިއެއް ކަމަށްވާ ކޮރިން ފެޒޯ ގެންގުޅޭ ހާލަކާ ހެދި ހެނދުނުގެ ނިދި ޚަރާބުވެ، ހާލުގެ އަޑު އާންމު އުނދަލުކަށްވެފައިވާ ކަމަށް ބުނެ އެވެ. މައްސަލާގައި ބުނެފައިވަނީ ހާލުގެ ސަބަބުން އަވަށްޓެރިންނަށް އުނދަގޫވާތީ ހާ އެހެން ތަނަކަށް ބަދަލުކޮށް ނުވަތަ ހާ "ހަނު ހުންނާނެ" ގޮތެއް ހަދައި ދިނުމުގެ އަމުރަކަށް ވެސް އެދިފަ އެވެ.
ނަމަވެސް މޮރިސް ނަމަކަށް ކިޔާ ހާލާ އެއްކޮޅަށް ނިންމި މައްސަލާގައި ބުނީ ހާ ގޮވުމަކީ ގުދުރަތީ ކަމަކަށް ވާތީ އެކަން ނުހުއްޓުވޭނެ ކަމަށެވެ. އަދި އެ ކަމުގެ ބޭނުން ހިފުމަކީ ހާލަށް ލިބިގެންވާ ހައްގެއް ކަމަށް ވެސް ބުންޏެވެ.
ހާ ގޮވާ މައްސަލާގައި ދައުވާކުރުމުން މި މައްސަލަ ވަރަށް ގިނަ ބައްގެ ސަމާލު ކަމަށް އައިސް ދެމަފިރިންނަށް ފާޑުކިޔުންތަކެއް ވެސް އަމާޒުވި އެވެ.
އަދި ފެޒޯ ވަނީ އޭނާގެ ހާލުގެ ހައްގު ހިމާޔަތްކުރަން ރައްޔިތުންގެ ސަޕޯޓް ހޯދަން 2017 ގެ އޮގަސްޓް މަހުގެ ތެރޭގައި ޕެޓިޝަނެއް ވެސް ހުޅުވައިފަ އެވެ. އޭނާގެ ހާލާ ދެކޮޅަށް ހުށަހެޅި މައްސަލަ ކާމިޔާބުވި އިރު ޕެޓިޝަނުގައި މިހާތަނަށް 140،000 އާ ގާތްކުރާ އަދަދަކަށް މީހުން ސޮއިކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޫނިދޫ
10 September 2019
ހަނދާންވަނީ ރޮޒައިނާމެން މަތިން. ގެއެއްގެ ދޫނި ގޮވާ އަޑު މާބޮޑަށް އިވޭތީ
އަހްމަދު
10 September 2019
މިހިރިއްޔެ ހާލަކީ އުޅޭ، ކިހިނެއްތަދެން ހަދާނީ. ޖެހިފައިމިވާ ގިލަންމަގޭ ، ކިހިނެއް ހިތުން ފިލާނީ.